ބަންކަރިން ފަށަން ވަސީލަތް ގާއިމް ކުރަނީ ހޯރަފުށީ ފަޅުގަ އެވެ. މި މަސައްކަތް ވިޓޯލްއިން ފަށާނީ ވަސީލަތްތައް ގެނެސްގެން ޖުލައި މަހު އެވެ. މިއީ އިހަވަންދިއްޕޮޅުން ދުވާލަކު 400 އާގު ބޯޓު ހުރަސް ކުރެ އެވެ.
މި އަހަރުގެ ޖުލައި މަހު އިހަވަންދިއްޕޮޅު ބަންކަރިންގެ ހިދުމަތާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމް ކުރާ ޑިވްލޮޕްމަންޓް ބޭންކް އުފެދިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ފުނަދޫގައި ފައިނޭންޝަލް ސެންޓަރެއް ހަދައި އިހަވަންދިއްޕޮޅު އިކޮނޮމިކް ޒޯންގެ މަސައްކަތް ފެށުމުގެ ގޮތުން ދުބާއީގެ އެންމެ ބޮޑު ފްރީޓްރޭޑް ޒޯން ކުންފުނި، ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިގްތިސޯދީ ވަޒީރު، ސައީދު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބައިތައް ފެށިގެން ދަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށާ އެގޮތުން ޖުލައި މަހު ބަންކަރިންގެ ހިދުމަތުގައި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ވިޓޯލް އިން އިހަވަންދިއްޕޮޅުގައި ބަންރިންގެ ހިދުމަތް ފަށާނެ ކަމަށެވެ.
އަދި ރާއްޖޭގައި އިންވެސްޓް ކުރަން ފައިސާ ހޯދޭނެ މަގު ފަހި ކުރުމުގެ ގޮތުން ހަދާ ޑިވްލޮޕްމަންޓް ބޭންކުގެ ހިދުމަތް ވެސް އެ މަހު ފަށާނެ ކަމަށެވެ. މިގޮތުން އިހަވަންދިއްޕޮޅު ބަންކަރިންގެ ހިދުމަތް ފަށަން ނިންމާފައި ވަނީ ހއ. ހޯރަފުށީ ފަޅުގައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"މިރާ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ޖުލައި މަހު ވިޓޯލް އިން ބަންކަރިންގެ ހިދުމަތް ފަށާނީ އެކަމަށް ބޭނުންވާ އުޅަނދުތަކާއި ވަސީލަތްތައް ގެނެސްގެން ކަމަށެވެ. އަދި މި މަސައްކަތް ފަށާއިރު ވެސް ދިވެހި 60 ޒުވާނަކަށް ވަޒީފާ ލިބިގެންދާނެ ކަމަށެވެ.
"ބަންކަރިން [އާގު ބޯޓު ފަހަރަށް ތެޔޮ އެޅުމު] ގެ ހިދުމަތް ފަށާނީ ވިޓޯލް އިން އެކަމަށް ބޭނުންވާ ބޯޓު ފަހަރާއި ބާޖުތަކާއި މިފަހަރު ހުރިހާ ފެސިލިޓީސްތަކެއް ޖުލައި މަހު ގެނެސްގެން ފަށާނީ. އިހަވަންދިއްޕޮޅުން ދަތުރުކުރާ ހުރިހާ ކޮމާޝަލް ބޯޓު ފަހަރަށް ލިބޭނެ ހުރިހާ ހިދުމަތެއް ދޭނެ،" ސައީދު ވިދާޅުވި އެވެ.
ވިޓޯލްއަކީ ހަކަތަ އާއި އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. މި ކުންފުންޏަށް 55 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިއީ ބަންކަރިންގައި ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. މި ކުންފުނީގެ ނެޓްވޯކްތަކާއި އިންފްރާސްޓްރަކްޗާ ބޭނުން ކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަންކަރިންގެ ހިދުމަތްދެ އެވެ.
ވިޓޯލް އަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތަށް ދުނިޔޭގެ 40 ގައިމެއްގައި ހުރެއެވެ، މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރިން ފިއުލްގެ ގޮތުގައި ވިއްކަ އެވެ. މީގެ އިތުރުން ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަ ސަޕްލަޔާ، އަދި ސިންގަޕޯގެ އެނެމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަރެވެ.
ސައީދު ވިދާޅުވީ ސަރުކާރުގެ ހިއްސާއެއް އޮވެގެން ޖުލައި މަހު ތެރޭގައި ރާއްޖޭގައި ޑިވްލޮޕްމަންޓް ބޭންކެއް ވެސް އުފެދިގެން ދާނެ ކަމަށެވެ.
"ބޭންކް ހަދާނީ ސަރުކާރުގެ ހިއްސާއާއެކު ޑިވްލޮޕްމަންޓް އެހެން ޕާޓްނަރުން ހިމެނޭހެން. މީއީ ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުން ވެސް ހިމެނޭ. ވަކި އެހެން ލިމިޓެއް ނެތް،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ބޭންކް ފެށުމާއެކު ރާއްޖޭގައި ހުރި ވިޔަފާރިތަކަށް އިންވެސްޓް ކުރަން އިތުރު ފައިސާ ލިބިގެން ދާނެ ކަމަށެވެ.
"މިހާރު ބޭންކްތަކުގެ ލިމިޓް މިވަނީ ސީލިންގަ ޖެހިފަ. އެކަމަކު މި ބޭންކްއާއެކު އިތުރު ފައިނޭންސް ފޯރު ކޮށްދެވިގެން ދާނެ،" ސައީދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފަ އެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ނިންމަވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ބިޔަ މަޝްރޫއު އެއް ފަށަން ވަނީ ނިންމާފަ އެވެ. އިހަވަންދިއްޕޮޅުގައި ޓްރާންސިޕްމަންޓް ބަނދަރެއްގެ ހިދުމަތް ފަށަން އެންމެ ފުރަތަމަ މަސައްކަތް ކުރީ 2015 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުންނެވެ. އޭގެފަހުން އެމްޑީޕީން ވެރިކަމަށް އައިސް މި މަޝްރޫއުގެ ސްކޯޕް ކުޑަކޮށް މަސައްކަތްތަކެއް ކުރަން އުޅުނެވެ. އެކަން ކުރަން އެސްޓީއޯއާއި ދުބާއީގެ ކުންފުންޏަކާއެކު ސޮއި ވެސް ކުރި އެވެ. އެކަމަކު އެކަންވާގޮތެއް ނުވި އެވެ.