އިފްޒާއިން ފުނަދޫގައި ފައިނޭންޝަލް ހަބެއް ހަދާނެ އެވެ. އަދި އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭވެސް ތަރައްގީ ކުރުމުގައި ބައިވެރިވާނެ އެވެ.
ދުބާއީގެ އެންމެ ބޮޑު ފްރީޓްރޭޑް ޒޯން ކުންފުނި ކަމަށްވާ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމައި ސޮއި ކޮށްފި އެވެ. ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އިފްޒާއިން ޗެއާމަން ޕީޓަސަން އެވެ.
މާލޭގެ މީރުމާ ގްރޭންޑްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދުބާއީގައި ފްރީޓްރޭޑް ޒޯން ވިިޔަފާރި އެންމެ ފުޅާކޮށް ކުރާ އިފްޒާއިން ވަނީ މާލެ ކައިރީ ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އަދި ފައިނޭންޝަލް ޒޯނެއް ހެދުމުގެ އިތުރުން އުތުރުގެ އިހަވަންދިއްޕޮޅުގައި ސަރުކާރުން ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގައި ވެސް ބައިވެރިވެ އެތަން ތަރައްގީ ކޮށްދޭން ނިންމާފަ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ފުނަދޫގައި ތަރައްގީކޮށް ނިމިގެންދާނީ މާލެއާއި ވީއައިއޭވެސް ގުޅިގެންދާ ކަނެޓިވިޓީއެއް ހިމެނޭ ގޮތަށެވެ. ސަރުކާރުން ވަނީ ވީއައިއޭ ތިންވަނަ ތަރައްގީގެ ޕްލޭންގެ ދަށުން ޓްރޭމްގެ ވިއުގައަކުން ގުޅާލަން ނިންމާފަ އެވެ.
ރާއްޖޭގައި އިންވެސްޓް ކުރަން ނިންމި އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އައިއެފްޒެޑްއޭ) ނުވަތަ އިފްޒާއަކީ ދުނިޔޭގެ އެންމެ ކާމިޔާބު ކަމާއެކު ފްރީޓްރޭޑް ޒޯން ހިންގާ ދުބާއީގައި މި ވިޔަފާރީގެ ހިދުމަތް އެންމެ ފުޅާކޮށް ހިންގާ ކުންފުންޏެވެ. އަދި އެންމެ ބޮޑު ކުންފުންޏެވެ. މި ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމީ ރައީސް ޑރ، މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިފްޒާގެ ޗެއާމަން މާޓިން ވިދާޅުވީ އެ ކުންފުނިން ގައުމެއްގައި ވިޔަފާރި ކުރުމުގައި ބަލާނެ މައިގަނޑު ވެލިއުތަކުގެ ތެރޭގައި އެގައުމު ސަގާފަތާއި ގާނޫނާއި ގަވައިދުތަކަށް އިހުތިރާމް ކުރުން ހިމެނެ އެވެ. މިގޮތުން ދިވެހި ސަރުކާރާއެކު ވާ އެ އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދު ބަދަލު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"މި މަޝްރޫއުގެ ދަށުން ހަދާ ތަނުގައި [ފުނަދޫ ޓަވަރު] ގައި ކޮންވެންޝަން ސެންޓަރުތަކާއި ރިއަލް އެސްޓޭޓަށް ހާއްސަ އޮފީސް އަދި މި ނޫންވެސް ވަސީލަތްތައް ހުންނާނެ،" މާޓިން ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ފުނަދޫގައި އޮންނަ ފިއުލްފާމް ކ. މާގިރިފަޅަށް ބަދަލު ކުރަން ނިންމާފަ އެވެ. އަދި ފުނަދޫގައި ރީތި ޓަވަރާއެކު ފައިނޭންޝަން ސާވިސަސް ހަބެއްް ހަދަން ނިންމާފަ އެވެ.
އިފްޒާ އުފެދެނީ ޔޫއޭއީގެ ދުބާއީގައި އެންމެ އިތުބާރު ހުރި އަދި އެންމެ އަގު ހެޔޮ އެއް ފްރީ ޒޯންގެ ގޮތުގަ އެވެ. މި ކުންފުންޏަކީ ދުބާއީގައި ފްރީޓްރޭޑް ޒޯންގެ ފެސިލީޓީތައް ގާއިމްކޮށް އެންމެ ފުޅާކޮށް އިންވެސްޓް ކުރަމުން ގެންދާ އެއް ކުންފުންޏެވެ. މިއީ ފްރީޓްރޭޑް ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ދުބާއީގައި އެންމެ ފުރިހަމަ ވަސީލަތް ފޯރުކޮށްދޭ ކުންފުންޏެވެ. މި ކުންފުނި މެދުވެރިކޮށް ދުބާއީގައި ފޮރިން ޑައިރެކްޓް ގިނަ އިންވެސްޓްމަންޓްތަކެއް ކޮންމެ އަހަރަކު ވެސް ކުރަމުން ގެންދެ އެވެ. މި ކުންފުނިން ބޭންކިން އާއި އިންޝުއަރެންސާއި ކޮމާޝަލް ރިއަލް އެސްޓޭޓުގެ ވިޔަފާރީގައިވެސް ހަރަކާތެރިވެ އެވެ. މި ކުންފުނީގެ ވިޔަފާރި ދުބާއީން ބޭރުން ޗައިނާ އާއި ޖަރުމަނާއި ސްވިޒަލެންޑާއި ސްޕެއިން އާއި ސީޝެލްސްގައިވެސް އޮވެ އެވެ.
ރައީސުލް ޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ. މިއި 2014 ވަނަ އަހަރު ފާސްކުރި ގާނޫނެވެ. މިގޮތުން އެންމެ ކުޑަ އެއިން ޒޯނެއްގައި ހިމެނޭ އެންމެ ކުޑަ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ) އެވެ. މި ގާނޫނުގެ ދަށުން ގާނޫނުން ރާއްޖޭގައި ފަށާ ފުރަތަމަ މަޝްރޫއުގެ ގޮތުގައި 150 މެގަވޮޓުގެ ފްލޯޓިން ސޯލާގެ މަޝްރޫއެއް ހިންގަން ކެނެޑާގެ ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފަ އެވެ.
އަދި މި ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އޮފްޝޯ ފައިނޭންސިން ކުންފުނި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އޮފްޝޯ ފައިނޭންސިން ރާއްޖޭގައި ފަށަން ބޭނުންވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ - މިފްސާ) ވަނީ އުފައްދާފަ އެވެ.