ސަލަފުގެ "ހަދާޔާ" އަދި "ވާބިލް" ޕްރަގްރާމުން އެތައް ހާސް ބަޔަކަށް އެހީ

"ހަދާޔާ" ޕްރަގްރާމްގެ ތެރެއިން މުޅި ރޯދަ މަހު 12،300 ވުރެ ގިނަ ޕެކް ވަނީ ހަދިޔާ ކޮށްފައެވެ. "ވާބިލް" ޕްރަގްރާމްގެ ތެރެއިން މުޅި ރޯދަ މަހު 162،000 ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

ޖަމިއްޔަތުއް ސަލަަފުން މިފަހަރު ކުރިއަށް ގެންދިޔަ ޕްރަގްރާމްގެ ބައެއް ތަފްސީލް

ޖަމިއްޔަތުއް ސަލަފުން މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ "ހަދާޔާ" އަދި "ވާބިލް" ޕްރަގްރާމުން އެތައް ހާސް ބަޔަކަށް އެހީތެރި ވެއްޖެ އެވެ.

މިއީ އެ ޖަމިއްޔާ އިން ސިލްސިލާކޮށް ކުރިއަށް ގެންދާ ދެ ޕްރަގްރާމެވެ. "ހަދާޔާ" ޕްރަގްރާމަކީ ހޮސްޕިޓަލްތަކުގައި ތިބޭ ބަލި މީހުންނާއި އެހީތެރީންނާއި މުވައްޒިފުންނަށް ރޯދަ ވީއްލުމަށް ތަކެތި ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ ހާއްސަ ޕްރަގްރާމެެކެވެ. މި އަހަރު މި ޕްރަގްރާމް ހިންގީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލަށް ހާއްސަކޮށްގެންނެވެ.

"ވާބިލް" އަކީ އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް ހާއްސަ ޕްރަގްރާމެކެވެ. މި ޕްރަގްރާމް މެދުވެރިކޮށް ރޯދަ މަހަށް ބޭނުންވާ އެކި ސާމާނު އެ އާއިލާތަކަށް ފޯރުކޮށް ދެވެ އެވެ.

ސަލަފުން ވަނީ މި ދެ ޕްރަގްރާމަށް ކުރެވުނު ހޭދަައިގެ ތަފްސީލާއި އެހީތެރިވެ ދެވުނު މީހުންގެ ތަފާސް ހިސާބުތައް އާންމުކޮށް ފައެވެ. "ހަދާޔާ" ޕްރަގްރާމްގެ ތެރެއިން މުޅި ރޯދަ މަހު 12،300 ވުރެ ގިނަ ޕެކް ވަނީ ހަދިޔާ ކޮށްފައެވެ. އެއީ ކޮންމެ ދުވަހަކަށް 410 ޕެކަށް ވުރެ ގިނަ ކޮށެވެ.

މުޅި ޕްރަގްރާމަށް ކާބޯތަކެތި ގަތުމަށް 369،000 ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ.

"ވާބިލް" ޕްރަގްރާމްގެ ތެރެއިން މުޅި ރޯދަ މަހު 162،000 ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެ ގޮތުން އެކި އާއިލާތަކަށް 324 ވައުޗަރު ދޫކުރި އެވެ. އެހީ 82 އާއިލާއަށް ވަނީ ފޯރުކޮށް ދީފައެވެ.

ސަލަފުގެ މި ދެ ޕްރަގްރާމްގެ ސަބަބުން ގިނަ އާއިލާތަކަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ. 

މީގެ އިތުރުން ރޯދަ މަހު އިސްލާމީ މަރުކަޒާއި ހުޅުމާލޭގެ ހިޔާ އަވަށުގައި -- އަބީބަކުރުސިއްދީގު މިސްކިތު ގައި ވެސް ރޯދަ ވީއްލޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވެ އެވެ. އެކަމަށް ވެސް އެ ޖަމިއްޔާ އިން ބޮޑު ހޭދައެއް ކޮށްފައިވެ އެވެ.

ސަލަފު ޖަމިއްޔާ އަކީ ދިވެހީންގެ ދީނީ ހޭލުންތެރި ކަމަށް އެންމެ ފުޅާ ދާއިރާއެއް ގައި މަސައްކަތް ކުރާ ޖަމިއްޔާ އެވެ. އިސްލާމީ ކަންކަމަށް ހާއްސަ ވުޒާރާ އަށް ވުރެ ވެސް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތު ގައި ސަލަފުގެ ދައުރު ބޮޑުވެފައި ފުޅަލެވެ.

މުޅި އަހަރަށް ބަލާހައިގެން ކޮންމެ އަހަރަކު އެތައް ސަތޭކަ ޕްރަގްރާމްތަކެއް ހިންގަ އެވެ. ހާއްސަކޮށް ރަމަޟާން މަހަށް އެ މަސައްކަތް ފުޅާކުރެ އެވެ. 

ސަލަފުން ބުނި ގޮތުގައި ނިމިގެންދިޔަ ރަމަޟާން މަހު އެ ޖަމިއްޔާ އިން ވަނީ ދީނީ އެކި ޕްރަގްރާމްތަކާއި ހަރަކާތްތައް ހިންގުމަށް 58 ރަށަކަށް ދަތުރުކޮށް ފައެވެ. ޖުމްލަ 179 ޕްރަގްރާމް ހިންގާފައިވެ އެވެ.

އެއީ މިސްކިތު ދަރުސްގެ 139 ޕްރަގްރާމާއި ނުވަ ފޯރަމާއި ބޮޑު ދަރުސް ސިލްސިލާގެ 13 ޕްރަގްރާމާއި 15 ސެޝަން އަދި ތިން ވޯކްޝޮޕެވެ. ސަލަފުން ވަނީ މި އަހަރު ވެސް ރަމަޝާން މަހަށް ހާއްސަކޮށް ފުރުގާން މިސްކިތު ގައި ސިލްސިލާ ދަރުސްތައް ކުރިއަށް ގެންގޮސްފައެވެ.

ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އިލްމުވެރީން ނިސްބަތް ވަނީ ޖަމިއްޔަތުއް ސަލަފަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.