އިންޑިއާ ސިފައިން ބާލާ އެއްބަސްވުން އޮތީ ދިވެހިން ތަމްރީންކޮށް ސިވިލިއަނުން ފޮނުވާލާ ގޮތަކަށް ނޫން

މިނިސްޓަރު ޒަމީރު ވިދާޅުވީ، ސިވިލިއަނުން ރާއްޖޭގައި ތިބޭ މުއްދަތުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރާ ދިވެހިން ތަމްރީންކޮށްފި ނަމަ އިންޑިއާއިން އެގައުމުގެ ސިފައިން ރާއްޖޭގައި ބައިތިއްބަން ބޭނުން ނުވާނެ ކަމަށެވެ.

އިންޑިއާ ސިފައިން އޮޕަރޭޓް ކުރާ ހެލްކޮޕްޓަރެއް: ރާއްޖެއިން ބޭލި އިންޑިއާ ސިފައިންގެ ކޮންމެ މީހަކަށް ސިވިލިއަނަކު ހަރަކާތްތެރިވާނެ --

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް މި ސަރުކާރުން އިންޑިއާ އާއެކު، ގާއިމްކުރި އެއްބަސްވުމުގައި ދިވެހިން ތަމްރީންކުރުމަށް ފަހު ސިފައިންގެ ބަދަލުގައި ގެނައި ސިވިލިއަނުން އަނބުރާ ފޮނުވާލުމަށް މަޝްވަރާ ނުކުރާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިހާރު އޮތް އެއްބަސްވުމުގެ ދަށުން ދިވެހިން ތަމްރީނު ކުރަން ޖެހޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެއްބަސްވުން އޮތީ ދިވެހިން "ތަމްރީން ކުރެވޭނެ" ގޮތަށް ކަމަށެވެ. 

ރާއްޖެއިން ފޮނުވާލި އިންޑިއާ ސިފައިންގެ ކޮންމެ މީހެއްގެ ބަދަލުގައި، ސިވިލިއަނަކު ތިބޭ އިރު، ދިވެހިން ތަމްރީން ކުރެވުނު ނަމަވެސް އެމީހުން އަނބުރާ ފޮނުވާލުމަށް އެއްބަސްވުމުގައި ބާރެއް ނާޅަ އެވެ. 

"މިހާރު އަޅުގަނޑުމެންގެ މީހުން ތަމްރީން ކުރީމަ، ދެން އޮބްވިއަސްލީ އިންޑިއާ ސަރުކާރުން އެމީހުން ބައިތިއްބާކަށް ބޭނުމެއް ނުވާނެތާ." މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. 

ޒަމީރު ވިދާޅުވީ އިންޑިއާއާ އެކު މި ސަރުކާރުން ގާއިމްކުރި އެއްބަސްވުމުގެ ދަށުން ސިވިލިއަނުން އަނބުރާ ފޮނުވާލާ ބަޔަކީ "ސިއްރުކުރެވިފައިވާ" ބައެއް ކަމަށެވެ. 

ނިންމާލަމުން ޒަމީރު ވިދާޅުވީ ދިވެހިން ތަމްރީންކޮށް އިންޑިއާ ސިވިލިއަނުން ފޮނުވާލާ ގޮތަށް މަޝްވަރާކުރެވިފައި ނުވާކަމަށެވެ. 

"[ދިވެހިން ތަމްރީންކޮށް ސިވިލިއަނުން ފޮނުވާލާ] ޑިސްކަޝަނެއް އަދި ހިނގާފައެއް ނުވޭ އިނގޭތޯ. އެކަމަކު ޓްރޭންކުރާ ގޮތަށް އޮތީ ރާވާފައި" ޒަމީރު ވިދާޅުވި އެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ، އިންޑިއާ ސަރުކާރުން ހަދިޔާކުރި ޑޯނިޔާ އާއި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް ސިފައިންގެ ބެޗެއް ތަމްރީން ހަދަމުން އަންނަ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އަދި ތަމްރީންތައް ފުރިހަމަ ނުވެ އޮތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ޣައްސާން ވިދާޅުވި ގޮތުގައި ޑޯނިޔާ އޮޕަރޭޓްކުރެވޭނެ ދިވެއްސަކު އަދި ނެތެވެ. 

"އެކި މަރުހަލކާތައް ކަޑައްތު ކުރަން ޖެހޭ ޓްރޭނިން ވީމަ ފުރިހަމައެއް ނުކުރެވޭ އެކި ސަބަބުތަކާ ހުރެ ނެތް، މިވަގުތު ޑޯނިއާ ދުއްވަން ލައިސަންސްޑް އަދި ފުލީ އޮޕަރޭޝަނަލް މީހަކު ނެތް" މިނިސްޓަރު ޣައްސާން ވިދާޅުވި އެވެ. 

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މުޅިން ފޮނުވާލި އިރު، އެމީހުންގެ ބަދަލުގައި 76 ސިވިލިއަނުން ގެނެސްފައި އެބަތިއްބެވެ. އެމީހުންގެ އެއް ބެޗު ރާއްޖެ ގެނައީ އަންނަ ފެބްރުއަރީ މަހާ ހަމައަށެވެ. އަނެއް ބެޗުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ 2026 ގައި ކަމަށްވެ އެވެ. 

މީގެ ކުރިން ރާއްޖޭގައި އިންޑިއާ ސިފައިންގެ ބަޔަކު ގާއިމްވެ ތިބީ އެގައުމުން ހަދިޔާކުރި އަސްކަރީ ތިން އުޅަނދެއް އޮޕަރޭޓްކުރުމަށެވެ. އެމީހުންގެ ބަދަލުގައި ގެނައި ސިވިލިއަނުން ވެސް ކުރާނީ ހަމަ އެ މަސައްކަތެވެ. 

އިންޑިއާއިން ފުރަތަމަ ހެލިކޮޕްޓަރެއް ހަދިޔާކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން 2013އިން 2018 އަށް ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއް ހެލިކޮޕްޓަރު، ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޑޯނިޔާ މަތިންދާބޯޓެއް ހަދިޔާކުރި އެވެ. 

އެތަކެތި އޮޕަރޭޓްކުރުމަށް ރާއްޖޭގައި ތިބި ބޭރު ސިފައިން ބޭލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.