މިނިސްޓަރު ވިދާޅުވީ އެމީހުންގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނަކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
ދިވެހި ސިފައިންނަށް ހާއްސަކޮށްގެން ސިއްހީ ފަރުވާ ދިނުމަށް ހަދާފައިވާ 'ސެނެހިޔާ' މިލްޓްރީ ހޮސްޕިޓަލުގައި ތިބި އިންޑިއާގެ އަސްކަރީ ޑޮކްޓަރުން ފޮނުވާލުމުގެ ވިސްނުން ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ގާއިމްވެތިބި 76 އިންޑިއާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާލުމަށްފަހު އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ ސެނެހިޔާގައި އިންޑިއާ ޑޮކްޓަރުން ތިބީ ދިވެހި ސަރުކާރުން އެދިގެން ކަމަށެވެ.
"އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އޮންނަ ބައެއް ނޫން ސެނެހިޔާގެ ޑޮކްޓަރުންނަކީ،" ޣައްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމީހުންގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނަކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"[އަސްކަރީ މީހުންގެ ގޮތުގައި] މިވަގުތު ތިބީ ސެނެހިޔާގެ ޑޮކްޓަރުން. އެމީހުންގެ ފަރާތުން ދިވެހިރާއްޖޭގެ ސިޔާދަތަށް، އިސްތިގްލާލަށް، މިނިވަންކަމަށް އެއްވެސް ގޮންޖެހުމެއް އަންނަކަން ދިވެހި ދައުލަތަށް އެނގޭ ވަގުތު އަޅުގަނޑުމެން އެމީހުން ވެސް އަނބުރާ ގެންދިއުމަށް އެފަރާތުގަ ދަންނަވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ޑޮކްޓަރުންނަކީ ކުރު މުއްދަތަކަށް ރޮޓޭޝަނަލް ބޭސްއެއްގައި ރާއްޖޭން ދޫކުރާ ވިސާއެއްގައި އައިސް ތިބި ބައެއް ކަމަށާއި އެމީހުންނަކީ ރާއްޖޭއަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ.
ސެނެހިޔާގައި ތިބި އިންޑިއާގެ އަސްކަރީ ޑޮކްޓަރުން ފިޔަވާ އިންޑިއާގެ މިލިޓަރީ އެއްކޮށް މިހާރު ވަނީ ރާއްޖޭން ބާލާފަ އެވެ. ސެނެހިޔާ ޑޮކްޓަރުންގެ ކިބައިން ވެސް ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ކަމަށް ކުރީން "އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން އަޑުއުފުލާފައިވެ އެވެ. ނަމަވެސް މިއަދު ސަރުކާރުން އެކަން މިވަނީ ދޮގުކޮށްފަ އެވެ.