ސޯލިހު ސަރުކާރުން އިންޑިއާ އިން ނެގި ބޮޑު ލޯނެއް ފަސްކޮށްދޭން އެދިއްޖެ

އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރު މި އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ވަނީ ދައްކާފަ އެވެ. ރޯލްއޯވާ ނުވަތަ ފަސް ކުރަން އެދުނީ 150 މިލިއަން ޑޮލަރެވެ.

އިންޑިއާގެ ލޯނުގައި ރާއްޖޭގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖްގެ މަސައްކަތް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ފުރަތަމަ އަހަރުގައި ނެގި 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ ބޮޑު ލޯނެއްގެ 150 މިލިއަން ޑޮލަރު ފަސްކޮށްދޭން އެދިއްޖެ އެވެ.

އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ބަޖެޓް ސަޕޯޓުގެ ގޮތުގައި ނެގި 200 މިލިއަން ޑޮލަރުގެ ތެރޭން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު ފަސްކޮށްދޭން އެދިފައިވާ ކަމަށެވެ.

"އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރައްވައި ނެގި ބަޖެޓު ސަޕޯޓެއް މިއީ. މި 200 މިލިއަން ޑޮލަރު މިދިޔަ އަހަރާ ހަމައަށް ރޯލްއޯވާ [ފަސްކޮށް ދެއްމުން] އައީ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ވަނީ މީގެ އެއްބައި ދައްކާފަ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު ފަސްކޮށްދޭން ވާނީ އެދިފަ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި 150 މިލިއަން ޑޮލަރު ރޯލްއޯވާ ކުރަން އެދުނުނަމަވެސް ފުރަތަމަ އެކަމަކީ އެ ގައުމަށް ކުރެވޭ ވަރުގެކަމެއް ތޯ ބަލާނެ ކަމަށެވެ. އެކަމަކީ ގިނަ ކަންތައްތަކަށް ބެލުމަށްފަހު ނިންމާނެ ކަމެއް ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ދައްކާނެ ފައިސާ ވަނީ ހޯދާފަ

"މިރާ" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭން ރޯލްއޯވާ ކުރަން އެދިފައިވަނީ މިދިޔަ ސަރުކާރު ހިންގަން ފައިސާ ހޯދަން އިންޑިއާއިން ދިން 200 މިލިއަން ޑޮލަރުގެ ލޯނެއްގެ ބައެކެވެ. މި ދަރަންޏަކީ ޓްރެޒަރީ ބޮންޑެކެވެ. މި ބޮންޑު ގަތީ އިންޑިއާ ގައުމީ ބޭންކް ސްޓޭޓް ބޭންކް އޮފް އިންޑިއާއި ންނެވެ. އާއްމު އަގަށްވުރެ ބޮޑުކޮށް 4.5 ޕަސެންޓުގެ މި ބޮންޑުގެ 50 މިލިއަން ޑޮލަރު ދެއްކީ މި އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހު އެވެ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަލާސް ކުރަން ޖެހެ އެވެ. އެކަމަށް ސަރުކާރުން ފައިސާ ހޯދައި ތައްޔާރުވެފައިވާ ކަމަށް "މިރާ" އަށް އެނގިފައިވެ އެވެ. ނަމަވެސް މިކަމާ ގުޅިގެން ވަގުތީ ގޮތުން ރިޒާވަށް ދަށްވުމެއް އަންނާނެ އެވެ. 


މިނިސްޓަރު ޒަމީރު ވިދާޅުވީ ރައްޔިތުންނަށް ލުއިވާނެ ކަންކަން ފަހި ކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށާ، ނިމިދިޔަ މަޖިލިސް އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް ލިބުނީ އެހެންވެ ކަމަށެވެ.

"އަޅުގަނޑު ޕާސަނަލީ ބައްދަލުކޮށް ވާހަކަ ދެކެވޭ. އެހެންވެ އަބަދުވެސް އިންޑިއާއިން ވިދާޅުވޭ ދިމާވާ ކަންކަމުގައި އެހީތެރިވެދެއްވާ ކަމަށް. އަދި އެހީތެރި ވެއްދެއްވާނެ ކަމަށް. އެހެންވެ މިއީ ލިބޭ ޔަގީންކަމެއް،" ޒަމީރު ވިދާޅުވި އެވެ. 

މިދިޔަ އަހަރުގެ ނިޔަލަށް ދަރަނި

ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ ސަރުކާރުން 2020 އިން ފެށިގެން 21 ލޯނެއް ވަނީ ނަގާފަ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 115.90 ޕަސެންޓެވެ. މީގެތެރޭގައި ސޮވްރިން ގެރެންޓީތައް ހިމަނައިގެން ބަލާނަމަ ބޭރުގެ ދަރަނި ހުރީ 51,1 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 73 ބިލިއަން ރުފިޔާގަ އެވެ. އަދި ސޮވްރިން ގެރެންޓީގެ ސަބަބުން ދަރަންޏަށް 14 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ދަރަނި ދައްކަން 3,174.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އިންޑިޔާ ދަރަނި - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ދެ ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދިނެވެ. މި ކްރެޑިޓް ލައިންގައި ހިލޭ އެހީގެ ބަައެއް ހިމެނުނު ނަމަވެސް ބޮޑު ބަޔަކީ ދަރަންޏެވެ. އަދި ސީދާ ދަރަނީގެ ގޮތުގައި ބްރިޖު އެޅުމުގެ މަޝްރޫއަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދީދައިވެ އެވެ. މިއާއެކު ރާއްޖޭގައި އޮތް އިންޑިއާގެ ދަރަނި މިހާރު ވަނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރާ ގާތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.