އުތުރުތިލަފަޅުގައި އަސްކަރީ މީހަކު ނެތް: ސަރުކާރު

"އަޅުގަނޑުމެންގެ މައުލޫމާތުތަކުން ދައްކާ ގޮތުން އުތުރުތިލަފަޅުގައި އަސްކަރީ މީހަކު ނެތް،" ޣައްސާން ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން: ޔޫޓީއެފްގައި މިލިޓަރީ މީހަކު ނެތް ކަމަށް ވަނީ ވިދާޅުވެފައި --

އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމްކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވާ އުތުރުތިލަފަޅުގައި އެއްވެސް އަސްކަރީ މީހަކު ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އުތުރުތިލަފަޅުގައި ތަރައްގީ ކުރަނީ އެމްއެންޑީއެފްގެ ބަނދަރަކާއި ޑޮކްޔާޑެކެވެ. އެތަން ތަރައްގީކުރަން ސަރުކާރުން އިންޑިއާއާއެކު އެއްބަސްވުމުގައި ސޮއި ކުރީ ފެބްރުއަރީ 21، 2022 ގަ އެވެ. އިންޑިއާގެ އެހީގައި އުތުރުތިލަފަޅު ތަރައްގީ ކުރުމާ ދެކޮޅު ހަދައި އޭރު އިދިކޮޅުގައި ތިބި މީހުން ތުހުމަތު ކުރީ އެ މަޝްރޫއަކީ އެތަނުގައި އިންޑިއާ ސިފައިން ތިބެވޭ ގޮތަށް ހަދާ އަސްކަރީ މަރުކަޒެއް ކަމަށެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރަން ވެސް ގޮވާލި އެވެ. ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތު ހުރިކަމަށްބުނެ އެ އެއްބަސްވުން ހާމަކޮށްފައެއް ނުވެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުތިލަފަޅާ ގުޅޭ ގޮތުން ސުވާލުކުރުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ އެތަނުގައި އެއްވެސް އަސްކަރީ މީހަކު ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ މައުލޫމާތުތަކުން ދައްކާ ގޮތުން އުތުރުތިލަފަޅުގައި އަސްކަރީ މީހަކު ނެތް،" ޣައްސާން ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި ޖުމްލަ 76 އިންޑިއާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ފޮނުވާލާފަ އެވެ. ސަރުކާރުން މިއަދު ބުނެފައި ވަނީ ސިފައިނުން ތިބީ ކޮންމެހެން ބޭނުންވާ އަދަދަށް ކަމަށެވެ. އިންޑިއާގެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން ފޮނުވާލި ކޮންމެ ސިފައިނަކަށް ސިވިލިއަނަކު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.

ޔޫޓީއެފްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ ރެއިލް ވިކާސް ނިގަމް ކުންފުންޏާ އެވެ. މި މަޝްރޫއު ހަވާލުކުރީ 186 މިލިއަން ޑޮލަރު ނުވަތަ 2.8 ބިލިއަން ދިވެހި ރުފިޔާއަށެވެ. މި މަޝްރޫއުގެ އަސްލު އޮތީ 2016 ގައި މަޝްވަރާކޮށް، ޑިފެންސް އެކްޝަން ޕްލޭނެއްގެ ދަށުންނެވެ. ނަމަވެސް ޔޫޓީއެފް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ ކަމަށް ކުރީން ޕީޕީއެމް / ޕީއެންސީން ބުނަމުން ދިޔަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.