ރާއްޖެ ގެނައީ އިންޑިއާގެ 76 ސިވިލިއަނުން

މިނިސްޓަރު ވިދާޅުވީ ރާއްޖެ ގެނެސްފައި ވަނީ ފޮނުވާލި ކޮންމެ ސިފައިނަކަށް މީހަކު ކަމަށެވެ. މި މީހުންގެ ތެރެއިން ކައްދޫ އަދި ގަމުގައި ތިބި މީހުން ރާއްޖޭގައި ތިބޭ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހު ހަމަވާނެ ކަމަށެވެ.

އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު އެމީހުންގެ ބަދަލުގައި ރާއްޖެ ގެނެސްފައި ވަނީ ފޮނުވާލި ކޮންމެ ސިފައިނަކަށް މީހަކު ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރު އަރާ ކަމަށްބުނެ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދު ފުއްދެވުމުގެ ގޮތުން އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުރިހާ އިންޑިއާ ސިފައިން ރާއްޖޭން ބާލާފަ އެވެ. އެއީ ސ. ގަން، ހދ. ހަނިމާދޫ އަދި ލ. ކައްދޫގައި ގާއިމްވެ ތިބި ޖުމްލަ 76 ސިފައިންނެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ ސިފައިންގެ ބަދަލުގައި ގެނެސްފައިވާ މަދަނީ ކްރޫގައި ހިމެނެނީ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މީހުން ކަމަށެވެ. އެއީ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް ކިޔާ ކުންފުންޏެކެވެ.

މިލިޓަރީއެއްނަމަ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ވަކި ހައިރާކީއެއް އޮންނަކަން ފާހަގަކުރައްވަމުން ގައްސާން ވިދާޅުވީ މިހާރު ސިވިލިއަނުން ތިބުމުން އޭގެ ފުރިހަމަ ސިޔާދަތު އޮތީ ދިވެހިންގެ އަތުގައިކަން ކަށަވަރު ކުރެވޭ ކަމަށެވެ. އެމީހުން ރިޕޯޓް ކުރަން ޖެހޭނީ ޑިފެންސް މިނިސްޓްރީއާ އެމްއެންޑީއެފްއަށް ކަން ވެސް ޣައްސާން ފާހަގަކުރެއްވި އެވެ.

"އެހެންވީމަ ކޮމާންޑް އެންޑް ސިސްޓަމުން އަޅުގަނޑުމެން ހުއްދަ ދިނީމަ ނޫނީ އެމީހުންނަކަށް [ހެލިކޮޕްޓަރުތައް] ފްލައިއެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސިވިލިއަނުން ތިބި ނަންބަރުތައް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެ ދެއްވާފަ އެވެ. އެއީ؛

  •  ހަނިމާދޫ - 25 މީހުން
  •  ކައްދޫ - 25 މީހުން
  •  ގަން - 26 މީހުން
  •  ޖުމްލަ - 76 މީހުން
ފޮރިން މިނިސްޓަރު މޫސާ ޒަމީރު: ރާއްޖޭން ފޮނުވާލާފައި ވަނީ ޖުމްލަ 76 ސިފައިން ކަމަށް ވަނީ ވިދާޅުވެފައި --

މިނިސްޓަރު ވިދާޅުވީ ރާއްޖެ ގެނެސްފައި ވަނީ ފޮނުވާލި ކޮންމެ ސިފައިނަކަށް މީހަކު ކަމަށެވެ. މި މީހުންގެ ތެރެއިން ކައްދޫ އަދި ގަމުގައި ތިބި މީހުން ރާއްޖޭގައި ތިބޭ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހު ހަމަވާނެ ކަމަށެވެ. އަދި ހަނިމާދޫގައި ތިބި މީހުންގެ މުއްދަތު 2026 ވަނަ އަހަރުގެ ފެބްރުއަރީއަށް ހަމަވާނެ ކަމަށެވެ. އެމީހުން އިތުރަށް ބައިތިއްބަން ބޭނުންވާނަމަ އިންޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން އެކަން ކުރިއަށް ގެންދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ނަންބަރުތައް ހާމަކުރެއްވުމުން، އެމީހުންގެ ފުށުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާނެތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ.

"ސިވިލިއަނުން ތިބެގެން އެ ގެއްލުން ވާނެ ކަމަކަށް އަޅުގަނޑުމެންނަށް އަދިއެއް އެ ފީޑްބެކެއް ނުލިބޭ ދެއްތޯ. މީގަ ހަގީގަތުގަ މިލިޓްރީ ރާއްޖޭގަ ޕްރެޒެންސް، އެހެން ބައެއްގެ ތިބޭތީވެ ސިވިލިއަނުންގެ ގޮތުގަ ވަރަށް ގިނަ މަސައްކަތް ކުރަން ވަރަށް ގިނަ އިންޑިއާ މީހުން، ސިލޯނު މީހުން ނޫނިއްޔާ ބަންގްލަދޭޝް މީހުން އެބަ ތިބޭ ދެއްތޯ. އެކަމަކު އޭގެ ސަބަބުން އަޅުގަނޑުމެންނަށް މިނިވަންކަމަށް އޭގެ ބުރޫ އަރާ ކަމަކަށް އަޅުގަނޑުމެންނަކަށް ނުދެކެވޭ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީން ވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ބޭނުންވާ ވަރަށް ކަމަށެވެ. އެމީހުންގެ ބަދަލުގައި ކޮންމެ ސިފައިނަކަށް މީހަކު ގެނައީ ހަމަ އެ އަދަދަށް ކޮންމެހެން ވެސް ބޭނުންވާތީ ކަމަށެވެ.

ހެލިކޮޕްޓަރުތައް ބޭނުންކުރަމުން އައީ މެޑިކަލް އިވެކުއޭޝަންތަކާއި މިލިޓަރީ އޮޕަރޭޝަންތަކަށް ކަމަށެވެ. ނަމަވެސް މެޑިކަލް އިވެކުއޭޝަންތަކަށް އެއާ އެމްބިއުލާންސް ތައާރަފްކޮށް މިލިޓަރީ އޮޕަރޭޝަންތަކަށް ތުރުކީން ގެނައި ޑްރޯންތައް ވަނީ ބޭނުން ކުރަން ފަށާފަ އެވެ. ޣައްސާން ވިދާޅުވީ އިންޑިއާގެ ހެލިކޮޕްޓަރުތައް ބޭނުންކުރާނީ ކޮންމެހެން ބޭނުންކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.