ހައިދަރު ވިދާޅުވީ ކުލި ކޮންޓްރޯލްކުރުމުގެ ސަބަބުން ރިއަލްއެސްޓޭޓް ވިޔަފާރީގެ މާކެޓަށް ނުރައްކާތެރި މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި ސަރުކާރުން މާލެ ސަރަހައްދުގެ ކުލި ކޮންޓްރޯލްކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
"ވީޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ކުއްޔަކީ ކޮންޓްރޯލްކޮށްފައި އޮންނަން ޖެހޭނެ އެއްޗެއް ނޫން ކަމަށާއި، އެއީ މާކެޓަށް ދޫކޮށްލާފައި އޮންނަންވާނެ ކަމެއް ކަމަށެވެ.
"އެހެން ނޫނީ ވާނެ ގޮތަކީ، ކުލި ކޮންޓްރޯލްކުރަން ފަށައިފިއްޔާ ބޮޑެތި ލޯންތަކާ އެއްޗިހި ނަގައިގެން އިމާރާތްކޮށްފައި ހުންނަ ބަޔަކަށް ލިބޭނެ ގެއްލުންތަކެއް ވެސް އުޅޭނެ. އެއީކީއެއް ހުޅުވާލެވިފައި އޮންނަ މާކެޓެއް އޮންނަ ގައުމެއްގައި ކުރަވެން ވާނެ ކަމެއް ކަމަށް އިކޮނަމިސްޓުންވެސް ގަބޫލެއް ނުކުރޭ އިނގޭތޯ" ހައިދަރު ވިދާޅުވި އެވެ.
ކުލި ކޮންޓްރޯލް ކުރުމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު އެދޭ ކަމެކެވެ. އެކަމަށް އެދި 800 މީހުންގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.
ޑިސެމްބަރު 2019، ގައި މަޖިލީހަށް ހުށަހެޅި ކުލި ކޮންޓްރޯލްކުރުމާ ބެހޭ ޕެޓިޝަނުގައި މައިގަނޑު ކަންބޮޑުވުމެއްކަމަށް ފާހަގަކޮށްފައި އޮތީ، ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރަށް ކުލި ބޮޑުވެގެން ދިއުމެވެ.
ޕެޓިޝަން ހުށަހެޅި މީހުން އެދިފައި އޮތީ ކުއްޔަށްދޭ ތަނުގެ ފެންވަރާއި، ބޮޑުމިނާއި، ވަސީލަތްތަކަށް ބަލައި ކުލި ކޮންޓްރޯލްކުރުމެވެ.
މިފަދަ ވިސްނުމެއް ކުރީގެ ބައެއް ސަރުކާރުތަކުން ގެންގުޅުނު ނަމަވެސް، ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ކުލި ކޮންޓްރޯލްކުރުމާ ގުޅޭ ގޮތުން ދެއްކެވީ މިނިސްޓަރު ހައިދަރާ އެއްބަސްވެވޭ ވާހަކަތަކެކެވެ.
”ޕްރައިވެޓް ސެކްޓާގައި ޕްރައިވެޓް ޕާޓީސްތައް އަމިއްލައަށް ލޯނު ނަގައިގެން ހަދާ ގެތަކުން ރެންޓް ކޮންޓްރޯލްކުރުމަކީ އެއީ މާކެޓް މެކޭނިޒަމްއާ ވަރަށް ހިލާފުކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،“ މިނިސްޓަރު އަމީރު އޭރު ވިދާޅުވި އެވެ.