އާންމު މަޖިލީހުގައި ނެގުނު ވޯޓް ގައި ފަލަސްތީނަށް އދ ގެ ފުރިހަަމަ މެންބަރުކަން ދިނުމަށް 143 ގައުމަކުން ވަނީ ވޯޓް ދީފަ އެވެ. ފަލަސްތީނާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓް ދިނެވެ.
ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދޭން އދ ގެ އާންމު މަޖިލީހަށް ހުށައަޅާފައިވާ ގަރާރު ފާސް ކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ނިންމުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
އާންމު މަޖިލީހުގައި ނެގުނު ވޯޓް ގައި ފަލަސްތީނަށް އދ. ގެ ފުރިހަަމަ މެންބަރުކަން ދިނުމަށް 143 ގައުމަކުން ވަނީ ވޯޓް ދީފަ އެވެ. ފަލަސްތީނާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓް ދިނެވެ. އަދި 25 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓް ނުދެ އެވެ.
ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދޭން އދ. ގެ އާންމު މަޖިލީހަށް ހުށައަޅާފައިވާ ގަރާރަކީ ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފައިވާ ގަރާރެކެވެ.
އދ. ގެ މި ނިންމުމާއި ގުޅިގެން ރައީސް ވިދާޅުވީ މިއީ އަދުލު އިންސާފު ހޯދުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް ލިބުނު ތާރީހީ ކާމިޔާބެއް ކަމަށެވެ. އަދި ގަރާރު ފާސް ކުރުމަށް ބައިނަލްއަގްވާމީ މުޖްތަމައުން އެޅި މި މުހިންމު ފިޔަވަޅަށް ތައުރީފު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. ރައީސް މިރޭ ވެސް ވިދާޅުވީ ފަލަސްތީން - އިޒްރޭލް މައްސަލައަށް އޮތް ދާއިމީ ހައްލަކީ ދެ ދައުލަތުގެ ހައްލު ކަމަށެވެ.
ޔަހޫދީންގެ ވަރަށް ބޮޑު އަނިޔާވެރިކަމެއް ތަހައްމަލު ކުރަން ޖެހިފައިވާ ފަލަސްތީނުން އދ. ގެ ފުރިހަަމަ މެންބަރުކަން ހޯދަން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ކޮންމެ ފަހަރަކު އެ މަސައްކަތަށް ހުރަސް އަޅަނީ ޔަހޫދީންނަށް އަބަދުހެން މަދަދާއި އެހީދީ މުސްލިމުން މަރަން އެހީތެރިވަމުންދާ އެމެރިކާއާ ހުޅަނގުގެ ބައިވެރީންނެވެ. ހާއްސަކޮށް އެމެރިކާ އެވެ. މިދިޔަ މަހު ނެގުނު ވޯޓް ވެސް އެމެރިކާ އިން ވަނީ ވީޓޯ ކޮށްފައެވެ.
ފަލަސްތީނަށް މިވަގުތު އޮތީ އދ. ގެ އޮބްޒާވަރެއްގެ ދަރަޖަ އެވެ. އެ މިންވަރަށް ވެސް ފުުރުސަތު ދިނީ 2012 ވަނަ އަހަރު އެވެ.
ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދޭން އދ. ގެ އާންމު މަޖިލީހަށް ހުށައަޅާފައިވާ ގަރާރު ފާސް ކޮށްފައި މި ވަނީ ހައްދުފަނައަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ވަރުގަދަ ލޭ އޮހޮރުވުމެއް ހިންގަމުންދާތާ މަސްތަކެއް ފަހުންނެވެ.