ވޯލްޑް ބޭންކް | މި އަހަރަށްވުރެ އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ

ވޯލްޑް ބޭންކުން ބުނަނީ ސަބްސިޑީ ރިފޯމްގެ ސަބަބުން މުދަލުގެ އަގު މި އަހަރު އުފުލުނަސް އަންނަ އަހަރު އަގުތައް ދަށްވާނެ އެވެ. މި އަހަރު އިގްތިސޯދު 4.7 ޕަސެންޓަށް އަދި އަންނަ އަހަރު 5.0 ޕަސެންޓަށް ކުރިއަރާނެ އެވެ.

ސަރުކާރުން ހަރަދު ކުޑަކުރަން ސަބްސިޑީ ހަމަމަގަށް ގެންނަން އަޅާ ފިޔަވަޅުތަކާއެކު މުދަލުގެ އަގުތައް މައްޗަށް ޖެހިލި ނަމަވެސް، މި އަހަރު ރާއްޖޭގެ އިގްތިސޯދު 4.7 ޕަސެންޓަށް އަދި އަންނަ އަހަރު 5.0 ޕަަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފި އެވެ. 

ރާއްޖޭގެ އިގްތިސޯދު ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލުގެ މައްޗަށް ބަލައި ވޯލްޑް ބޭންކުން ނެރުނު މޯލްޑިވްސް ޑިވްލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު މެދުރާސްތާގެ ކުރިއެރުން މިދިޔަ އަހަރަށްވުރެ މަތިވާނެ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖޭގެ އިގްތިސޯދުގެ ކުރިއުން ހުރީ 4.0 ޕަސެންޓުގަ އެވެ. ނަމަވެސް މި އަހަރު އިގްތިސޯދީ ކުރިއެރުން ހުންނާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކުރަނީ 4.7 ޕަސެންޓުގަ އެވެ. އަދި އަންނަ އަހަރު 5.0 ޕަސެންޓަށް މަތިވާނެ އެވެ. 

ވޯލްޑް ބޭންކުން އިގްތިސޯދީ ކުރިއެރުން މި އަދަދުގައި އަންދާޒާކުރީ ސަރުކާރުން ހަރަދު ކުޑަކުރަން އަޅަން ވައުދުވެފައިވާ ފިޔަވަޅުތައް އަޅާނެ ކަމަށް ބަލައިގެންނެވެ. 

ސަރުކާރުން ވައުދުވީ - ސަރުކާރުން ވަނީ ހަމައިން ނެއްޓިފައިވާ އާސަންދައިގެ ފަރުވާގެ ނިޒާމް އިޝްރާފު ކުޑަކުރުމާއި ހަމައެއް ލަމައެއް ނެތި ދެމުން ގެންދާ ސަބްސިޑީ ސިސްޓަމް ނިޒާމް ހަމަމަގަށް އެޅުވުމުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ އިޝްރާފު ކުޑަކޮށް ކުންފުނިތަަކުގެ ހިންގުން ހަރުދަނާ ކުރާނެ ކަމަށް ވައުދުވެފަ އެވެ. 

ރާއްޖެއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ދޭ ދުނިޔޭގެ އެންމެ ބޮޑު މާލީ އިދާރާ އިން ނެރުނު މި ރިޕޯޓުގައި ބުނެފައިވާ މި އަހަރު އިގްތިސޯދީ ގޮތުން ގޮންޖެހުން ކުރިމަތިވާނެ ބައެއް ކަންކަން ވަނީ ފާހަގަކޮށްފަ އެވެ.  މި ކަންކަމަކީ ކުރީގެ ރިޕޯޓްތަކުގައި ވެސް އެ ބޭންކުން ތަކުރާރުކޮށް ފާހަގަ ކުރަން ދިޔަ ކަންކެމެވެ. 

އެކަމަކު މި ފަހަރުގެ ރިޕޯޓުގައި ވޯލްޑް ބޭންކުން ފާހަގަ ކޮށްފައިވާ ގޮތުގައި ސަބްސިޑީ ހަމަމަގަށް އަޅުވަން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި މުދަލުގެ އަގު އުފުލުން ގާތެވެ. ސަބްސިޑީ ރިފޯމް މި ފިޔަވަޅާއެކު މިދިޔަ އަހަރު 2.9 ޕަސެންޓުގައި ހުރި އިންޕްލޭޝަން 7.5 ޕަސެންޓަށް އުފުލިގެންދާނެ އެވެ. ނަމަވެސް އަގުތައް އަންނަ އަހަރު ހަމައަކަށް އެޅި 6.5 ޕަސެންޓަށް ތިރިވެ އަދި އަންނަ އަހަރު އިންފްލޭޝަން 5.0 ޕަސެންޓަށް ދަށްވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މީގެ އިތުރުން ކުރިމަތިވާނެ އަނެއް ގޮންޖެހުމެއްގެ ގޮތުގައި ބުނެފައިވަނީ ގެސްޓްހައުސް ސިނާއަތް ފުޅާވެގެން ދިއުމުގެ ސަބަބުން މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ މީހުން މަދުވެ ޓޫރިސްޓުންގެ ހަރަދު ކުރުން ދަށްވުމާއެކު ކުރިމަތިވާނެ ގޮތް ޖެހުންތަކެވެ. 

ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ސަރަހައްދުގެ ވައިސް ޕްރެޒިޑެންޑް މާޓިންރެއިސާ އާއި ފިނޭންސް މިނިސްޓަރު ބައްދަލު ކުރައްވަނީ

ވޯލްޑް ބޭންކުގެ ބައެއް ނަމްބަރުތައް

  • މި އަހަރު ޖީޑީޕީ - 4.7 ޕަސެންޓް | އަންނަ އަހަރު 5.0 ޕަސެންޓް
  • މި އަހަރު އިންފްލޭޝަން - 2.9 ޕަސެންޓް | އަންނަ އަހަރު 7.5 ޕަސެންޓް
  • މި އަހަރު ޖީޑީޕީގެ ނިސްބަތުން ދަރަނި - 122.1 ޕަސެންޓް | އަންނަ އަހަރު 119.7 ޕަަސެންޓް

2024-2025 ދަރަނި އަދާކުރަން އަށް ބިލިއަން

ވޯލްޑް ބޭންކުން އަންދާޒާ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ ދަރަނި މަތިވުމަކީ މިވަގުތު ވެސް އޮތް ނުރައްކަލެވެ. ނަމަވެސް މި ނުރައްކާ ބޮޑުވުމުގެ ފުރުސަތު އޮތީ ސަރުކާރުން އަޅަން ވައުދުވީ ފިޔަވަޅުތައް ނާޅައިފި ނަމަ އެވެ. އަދި ރާއްޖޭގެ ބޭރުގެ ދަރަނި މަތިވެފައިވުމަކީ ކަންބޮޑުވުން ހުރި ކަމެވެ. މިކަމުގެ ސަބަބުން ދަރަނި ދެއްކުމަށް ކުރަން ޖެހޭ ހަރަދު މަތިވެ އެކަމުގެ ސަބަބުން ރިޒާވަށް އަންނަ ލޮޅުންތައް އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކުރެ އެވެ. 

ދަރަނި މަތިވެފައިވުމާއެކު ވޯލްޑް ބޭންކުން އަންދާޒާ ކުރަނީ ރާއްޖޭން މި އަހަރާއި އަންނަ އަހަރު ދަރަނި އަދާކުރަން 512 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ) ހޭދަކުރަން ޖެހުމެވެ. އަދި 2026 ވަނަ އަހަރު އެއްފަހަރާ ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ބޮޑު ދަރަންނެއް އޮތުމަކީ މީގެ އެންމެ ބޮޑު ކަންބޮޑުވުމުގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަ ކުރެ އެވެ. 

ދެކުނު އޭޝިއާގެ ސަރަހައްދުގެ ވައިސް ޕްރެޒިޑެންޑް މާޓިންރެއިސާ ރައީީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވަނީ -- ރައީސް އޮފީސް

އެސްޑީއެފް ހީނަރުކަން ؛ ކަންބޮޑުވުމެއް

ރާއްޖެ އަށް ދަރަނި މަތިވުމާއެކު ދަރަނި އަދާކުރުމުގެ ގޮންޖެހުން ތަކެއް ހުރިއިރު ވޯލްޑް ބޭންކުގެ އަނެއް ގޮންޖެހުމަކީ ދަރަނި އަދާކުރުމުގެ ކެޕޭސިޓީ އުފައްދަން 2017 ވަނަ އަހަރު އުފެއްދި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސީޑީއެފް) އޮތް ހާލަތެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އެ ފަންޑުގައި ހުރީ ތިން މިލިއަން ޑޮލަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ފަންޑަށް ގާނޫނީ ބާރު ނުދީ އޮތުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ހިތުހުރި ގޮތަކަށް މި ފަންޑުގެ ބޭނުންކޮށްފަ އެވެ. 

 ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި އެސްޑީއެފް މި ވަގުތު ފަރުމާކޮށްފައި އޮތީ ކުރު މުއްދަތުގައި މެޗުއަވަމުންދާ ދަރަނި އަދާކުރެވޭ ގޮތަށް ކަމަށެވެ. އަދި އެސްޑީއެފްގައި ރައްކާ ކުރާ ފައިސާގެ މިންވަރު މަދުކަން ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.