މިފަހަރު ގެނެސްފައިވަނީ އޭޓީއާރު މަރުކާގެ ބޯޓެކެވެ. އަންނަ މި އަހަރާއި އަންނަ އަހަރުވެސް އިތުރު އޭޓީއާރު ބޯޓެއް ގެންނާނެ އެވެ.
ދިވެހި އިންޖިނޭރުންނާއި ފައިލެޓުންގެ ޓީމަކުން ފްރާންސުން ފުރައިގެން ގައުމީ އެއާލައިންގެ އާ ބޯޓާއެކު ރާއްޖެއަށް ޖައްސައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި އާ އޭޓީއާރު ބޯޓު ރާއްޖެއަށް ޖެއްސީ މިއަދު ހަވީރު އެވެ. މި ބޯޓު ގެނައުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން (ކެޕްޓަން އަމީން) އާއި ކައުންސިލްތަކާބެހޭ މިނިސްޓަރު، އާދަމް ޝަރީފް ވެސް ބައިވެރިވަޑައިގަތެވެ.
މޯލްޑިވިއަން އަށް އަލަށް ގެނައި ATR 42-600 ބޯޓާއެކު އެ ކުންފުނީގެ ފްލީޓުގެ ފްލީޓަށް ހަތަރު އޭޓީއާރު އިތުރުވެގެންދާނެ އެވެ. ފްރާންސުން ފުރައިގެން ވީއައިއޭއަށް މިއަދު ޖެއްސި ބޯޓު ގެނައުމުގެ މުޅި އޮޕަރޭޝަން ބެލެހެއްޓީ ދިވެހިންނެވެ. ބޯޓު ގެނައުމުގައި ޕައިލޮޓުންނާއި އިންޖިނޭރުންގެ ގޮތުގައި މަސައްކަތް ކުރީވެސް ދިވެހިންނެވެ.
މި ބޯޓުގެ އިތުރުން މޯލްޑިވިއަންއިން ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ސިންގަޕޫރުގައި އޮތް އެއާޝޯގައި އިތުރު ދެ ބޯޓަށް އޯޑަރު ޖަހާފަ އެވެ. މި ބޯޓުތައް އަންނާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހު ކޮޅާއި އަންނަ އަހަރު އެވެ. މީގެ އިތުރުން ސަރުކާރުން ވަނީ އެއާބަސްގެ ބޮޑު ބޯޓެއް ގެންނަންވެސް ނިންމާފަ އެވެ. މި ބޯޓާއެކު ދިވެހި ދިދައާއެކު ދުނިޔޭގެ އެކި ހިސާބުތަކަށް ގައުމީ އެއާލައިން އުދުހެން ފަށާނެ އެވެ.