ފެނަކަ އަށް އައިސް ޕްލާންޓުތައް ދިނުން ގޯސް

ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ ފިޝަރީޒް މިނިސްޓަރު އެންމެ ފަހުން މަޖިލީހުގައި ދެއްކެވި ވާހަކަ ފުޅުތަކަށް ރައްދު ދީފަ އެވެ. އަދި ކަންނެލި މަސްވެރިންނަށް ހަމައަގު ހޯދައިދޭން ސަރުކާރުން ނޫޅޭ ކަމަށް ތަހުމަތު ކުރި އެވެ.

ބޮޑު ކަންނެލި މަސްވެރިކަމުގެ ދޯންޏެއްގައި އެމީހުންގެ ޝުއޫރުތައް ލިޔެފައި -- ބީކޭއެމްޔޫގެ ފޮޓޯއެއް
  •  ފިޝަރީޒް މިނިސްޓަރުގެ ވާހަކަފުޅަށް ބީކޭއެމްޔޫ އިން ދޮގު ކުރި
  •  މި މަސްވެރިކަމަށް ސަރުކާރުން އަޅާ ނުލާކަމަށް ތަކުރާރުކޮށް ބުނި
  •  ފެނަކައާ އައިސް ޕްލާންޓުތައް ހަވާލު ކުރުމުން އިތުރަށް ގޯވާނެ
  •  މަސްވެރިންނަށް މާލެ ސަރަހައްދުން ސަބްސިޑީ ތެޔޮ ނުލިބޭ

ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް "ހަމަ އަގު ހޯދައިދޭން" ވާހަކަ ދައްކާ މަޝްވަރާ ނުކުރާ ކަމަށާ، ފެނަކަ ކުންފުންޏަށް އައިސް ޕްލާންޓުތައް ހަވާލު ކުރުމަކީ މާ ގޯސް ނިންމުމެއް ކަމަށް ކަންނެލި ޔޫނިއަނުން ބުނެފި އެވެ.

ކަންނެލި މަސްވެރިން ތަމްސީލް ކުރަން ޔޫނިއަން އުފައްދައި ފުރަތަމަ ޖަލްސާ ކަނޑުމަތީގައި ބާއްވައި އަދި ދެވަނަ އެއްވުން ސަރުކާރާ ގުޅިގެން މިދިޔަ އަހަރު ރޭވި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މިއަދު ބުނީ ރާއްޖޭގެ އެކި ސަރަހަދުތަކުގައި އައިސް ޕްލާންޓުތައް ފެނަކަ ކުންފުނިން ހިންގާ ގޮތަށް ސަރުކާރުން ހަވާލުކުމަކީ ގޯސް ނިންމުމެއް ކަމަށެވެ. މި ނިންމުން ބަދަލުކޮށް އައިސް ޕްލާންޓުތައް އަލުން މިފްކޯގެ ދަށަށް ބަދަލު ކުރަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

"އައިސް ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ދަރަނިން ސަލާމަތް ނުވެވިވާ ފެނަކަ ކޯޕަރޭޝަންއާ މިފްކޯގެ އައިސް ޕްލާންޓުތައް ހަވާލު ކުރުމަކީ ބުއްދީގެ ހަމަތަކުން ބެލިނަމަވެސް މިކަމުގެ ސަބަބުން މަސްވެރިންނަށް ދަތިވެ، އިތުރަށް އައިހުގެ އަގު ކިޔޫގައި ތިބެން ޖެހޭ މުއްދަތު އިތުރުވެ، އައިހުގެ އަގު ބޮޑުވެގެންދާނެ ކަމެކެވެ،" ބީކޭއެމްޔޫ އިން ބުނެފައިވެ އެވެ.


އެ ޔޫނިއަނުން ބުނީ މި ވަގުތު އެ ޖަމިއްޔާ އިން އެންމެ ބޮޑަށް އިސްކަން ދެނީ ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ހޯދައި ދޭށެވެ. ސަބަބެއް ކަމަށް ބުނީ ކަންނެލި މަސްވެރިކަން ރަނގަޅު ވާން ފަށާއިރަށް މަސް ގަންނަ ކުންފުނި ތަކުން މަހުގެ އަގު ދެކޮޅު ނުޖެހޭ ވަރަށް ދަށްކޮށްލަމުން ދިޔަ ނަމަވެސް ސަރުކާރަށް އެކަން ނުހުއްޓުވުމެވެ.

ކަންނެލި މަސްވެރިންގެ އުދާސްތައް ބޭރުކޮށްލަން މިއަދު ނެރުނު ބަޔާނުގައި އެންމެ ފަހުން ރައްޔިތުން މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ދެއްކެވި ވާހަކަފުޅުތަކަށްވެސް ވަނީ ރައްދުދީފަ އެވެ. މިނިސްޓަރު އެ ދުވަހު ވިދާޅުވީ ދަށް އަގުގެ ކަންކަމުގައި ކަންނެލި މަސްވެރިންނާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.

މިނިސްޓަރުގެ މި ވާހަކަ ފުޅަށް ރައްދުދެއްވައި ކަންނެލި ޔޫނިއަނުން ބުނީ ސަރުކާރުން މަސްވެރިންނަށް ހަމައަގު ހޯދައިދޭން ކަމަށް ބުނެ، 2021 ވަނަ އަހަރު ކޮންމެވެސް ވަރަކަށް ކަންނެލި މަސްވެރިންނާ މަޝްވަރާ ކުރި އެވެ. އެކަމަކު މަސްވެރިންނާއެކު އެއްބަސްވުމަކަށް ނާދެވުމުން އެ ވާހަކަތައް ކުރިއަށް ގެންދާން ތަކުރާރުކޮށް މިނިސްޓްރީގައި އެދުމުން ވެސް އެކަން ވާގޮތެއް ނުވި އެވެ.

"... ނަމަވެސް ދަށް އަގުގެ ކަންކަމުގައި އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަމުގައި ދަންނަވަމެވެ." ޔޫނިއަން އިން ބުނެފައިވެ އެވެ.

ބޮޑު ކަންނެލި މަސްވެރިން ވަނީ ކަޅުބިލަ މަހުގެ މަސްވެރިންނާއި ކަންނެލި މަސްވެރިންނާ ދެމެދު ސަރުކާރުން ގެންގުޅޭ ތަފާތު ކުރުމުގެ ޝަކުވާ ވެސް އޮއްސާލާފަ އެވެ. އެގޮތުން ސަރުކާރުން އުތުރާއި ދެކުނުގައި ފޯރުކޮށްދޭ "ސަބްސިޑީ ތެޔޮ" މާލެ ސަރަހައްދުން ކަންނެލި މަސްވެރިންނަށް ނުލިބޭ ކަމަށް ބުނެފައިވެ އެވެ. ކަންނެލީގެ މަސްވެރިންގެ މައި މަސް ގަންނަ ޕްލާންޓުތައް ހުންނަނީ މާލެ ސަރަހައްދުގަ އެވެ.

ކަންނެލީގެ އަގު މިހާރު ވަރަށް ދަށް

ބޮޑު ކަންނެލި މަސްވެރިންގެ ޝަކުވާތައް އޮއްސަމުންދާއިރު މިހާރު ކަންނެލި ކިލޯއެއް ހުރީ 45ރ، އާއި 70ރ. އާ ދެމެދުގަ އެވެ. މި މަސް ގަންނަނީ ހަތް ތަނަކުންނެވެ. އެއީ އެންސިސް ފިޝަރިޒް އާއި އޯޝަން ހަންޓާ ފިޝަރީޒް އަދި ސީޕެއާ އާއި ބިގްފިޝް އަދި އޯޝަން ހަންޓާ އަދި ސީއެމްއެފްގެ އިތުރުން ހިންމަފުށީގައި ހިންގާ އެމްކިއުއެސް އިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.