ޖީއެސްޓީ ބޮޑު ކުރުމުން މުދަލުގެ އަގުން ތިން ޕަަސެންޓު އުފުލުނު

ޖީއެސްޓީ މަތި ކުރުމުން ދައުލަތުގެ އާމްދަނީއަށް އިތުރުވީ ދެ ބިލިއަން ރުފިޔާ އެވެ. ޖުމްލަ ކާބޯ ތަކެތީގެ އަގުތައް ވަނީ 5.8 ޕަސެންޓު އުފުލިފަ އެވެ.

ބާޒާރު މަތީ ފިހާރައެއްގައި މީހަކު މަސައްކަތް ކުރަނީ -- ޔާމިން މުހައްމަދު

ދައުލަތުގެ ހަރަދުތައް ފޫބައްދަން މިދިޔަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ބޮޑު ކުރުމާއެކު މުދަލުގެ އަގުތައް ބޮޑުތަނުން އުފުލިގެން ދިޔަ ކަމަށް ދައްކައިފި އެވެ. 

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޖީއެސްޓީ ބޮޑު ކުރުމާއެކު 2022 ވަނަ އަހަރު 2.3 ޕަސެންޓުގައި ހުރި އިންފްލޭޝަން ރޭޓް 2.9 ޕަސެންޓަށް އުފުލިގެން ދިޔަ އެވެ. 

ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު އުފުލެމުން ދިޔަ މި ވަގުތު ސަރުކާރުން ޖީއެސްޓީއަށް ގެނައި ބަދަލާއެކު ޖުމްލަ އިންފްލޭޝަން ވަނީ 3.1 ޕަސެންޓު އުފުލިގެން ގޮސްފަ އެވެ. ކާބޯތަކެތީގެ އަގުތައް 2022 ވަނަ އަހަރު ޖުމްލަ ގޮތެއްގައި 4.8 ޕަސެންޓުގައި ހުރިނަމަވެސް މިދިޔަ އަހަރު އަގުތަކަށް ވަނީ 5.8 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ. 

އަގުތައް އެންމެ އުފުލުނު ބައިތައް

  • ސާވިސް އިންޑަސްޓްރީގެ އަގުތައް
  • ދަތުރުފަތުރާއި ކާބޯތަކެތި
  • ކާބޯތަކެތިން އުފުލުނީ ތަރުކާރީ އާއި ކިރު އަދި މަހުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓްތައް 12 ޕަސެންޓުން 16 ޕަސެންޓަށް އުފުލައިފި އެވެ. މި ބަދަލާއެކު ދައުލަތުގެ އާމްދަނީ އިތުރުވެގެން ދިޔަ އެވެ. އަދި މި ބަދަލާއެކު ޖީއެސްޓީގެ އާމްދަނީ 2.1 ބިލިއަން ރުފިޔާ އިތުރުވެ 8.7 ބިލިއަން ރުފިޔާއަށް އެރި އެވެ. 

ޖީއެސްޓީގެ ބަދަލު - ސަރުކާރުގެ ހަރަދުތައް އިންތިހާއަށް މައްޗަށް ދިޔައިރު ރިޔާސީ އިންތިހާބު އޮތީ މިދިޔަ އަހަރު އެވެ. މި ބަދަލާއެކު ޖީއެސްޓީގެ ގޮތުގައި އާއްމު މީހާ ގަންނަ މުދަލުން ދައުލަތަށް ދައްކަން ޖެހޭ އަދަދު ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓޫރިސްޓު މީހާގެ ހޯދާ ހިދުމަތާއި އަގުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވި އެވެ. ރާއްޖެއަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ތައާރަފު ކުރީ 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު އެވެ. ރައީސް މައުމޫން އަބްދުލް ގަޔޫމުގެ 2020 ގެ ތަސައްވުރުގައި ނަގަން ނިންމާފައި އޮތް މި ދެ ޓެކްސް ނަގަން ފެށުމާއެކު ގިނަ ބަޔަކު ދެކޮޅު ހެދި އެވެ. ފުރަތަމަ މި ޓެކްސް ނެގީ ޓީޖީއެސްޓީގެ ގޮތުގައި 3.5 ޕަސަންޓެވެ. ނަމަވެސް 2014 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޓީޖީއެސްޓީ ވަނީ 12 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.