ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެއްވެސް މީޑިއާއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ހުރިހާ މީޑިއާތަކަކާ މެދުވެސް ގެންގުޅެމުން އަންނަނީ ހަމަހަމަ އުސޫލެއް ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ހުރިހާ މީޑިއާތަކަކާ މެދުވެސް ގެންގުޅެނީ ހަމަހަމަ އުސޫލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ (ޕީއެސްއެމް)ގެ ދަށުން ހިންގަމުން އަންނަ ހަބަރު ޗެނަލް (ޕީއެސްއެމް ނިއުސް)އަށް ހަތް އަހަރު ފުރުމުގެ މުނާއްސަބަތުގައި، ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ ނުފޫޒެއް ދިވެހި އެއްވެސް މީޑިއާއަކަށް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑަށް ދެވޭނެ ޔަގީންކަމަކީ މިއަދު އަޅުގަނޑުމެންގެ ރައީސްގެ މި ވެރިކަމުގައި މީޑިއާތަކަކަށް އެއްވެސްކަހަލަ ނުފޫޒެއް ސަރުކާރުން ނުފޯރުވާނެކަން. އަދި ސަރުކާރުން ހުރިހާ މީޑިއާތަކަށް ހަމަހަމަ އުސޫލެއް، ހުރިހާ ނޫސްވެރިންނަށް ހަމަހަމަ އުސޫލެއް ގެންގުޅޭނެކަމުގެ ޔަގީންކަން" ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން ނޫސްވެރިންނަށް އެއްވެސް ކަމެއް އޮޅުވާލުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ ނޫސްވެރިންނާ ގުޅިގެން "ގާތް ގުޅުމެއްގެ ތެރެއިން" މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަކީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރުވެސް މީޑިއާތަކާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއްކަމަށާއި، މިހާރުވެސް އެކަމަށް ބަދަލު ނާންނަ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"ހަމަ ތަކުރާރުކުރައްވަމު އެ ގެންދަވަނީ ވަޒީރުންނަށް ވެސް މީޑިއާތަކާ ގާތްގުޅުމެއްގެ ތެރެއިން މަސައްކަތް ކުރުމަށް. އެއީ ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށްޓަކާ. ރައްޔިތުންނަށް ކަންކަން އޮޅުން އަރާ ގޮތަށް ބައެއް ފަހަރު އަމިއްލަ މަސްލަހަތަށްޓަކާ ބައެއް ބޭފުޅުންނަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އަޅުގަނޑުމެންނަށް ހާމަކޮށްދެވޭނީ މީޑިއާތަކުގެ ބޭނުން ރަނގަޅަށް ހިފައިގެން" ނައިބު ރައީސް ވިދާޅުވި އެވެ.
އިއްޔެއަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.
މިއަހަރުވެސް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އަދާހަމަކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"އިން ދައްކާ ގޮތުން ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމެއްގެ ގޮތުގަ އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން އަނެއްކާވެސް އޮތީ ހަ ދަރަޖަ ފަހަތަށް ވެއްޓި 106 ވަނައިގަ އެވެ.