ހައިދަރު ވިދާޅުވި ގޮތުގައި ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް ނުކުޅެދުމުގެ ސަބަބުން، އިޒްރޭލުގެ ޖަރީމާތައް އާދައިގެ ކަމަކަށް ވަނީ ވެފަ އެވެ.
ފަލަސްތީނުގެ ނަސްލު ނައްތާލަން ޔަހޫދީ އިޒްރޭލުން ހުއްޓާ ނުލާ ހިންގާ ލާއިންސާނީ ޖަރީމާތައް ނުފެންނަ ކަމަށް ހަދައި، ނުތިބެވޭނެ ކަމަށް ބުނެ އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އުވާލަން ރާއްޖޭން ގޮވާލައިފި އެވެ.
ރާއްޖޭން މިހެން ގޮވާލ،ީ އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އިއްވެވި ބަޔާނުގަ އެވެ. ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނުގައި ހައްގުގައި ފިޔަވަޅު އެޅުން އެންމެ ގައުމެއްގެ ވޯޓުން ހުއްޓުވޭނެ މަގު އޮތުމަކީ ލަދުވެތިކަމެއް ކަމަށެވެ. އަދި ވިދާޅުވި އެވެ: "އެންމެ ވޯޓަކުން އަޑު ނީވޭ ކަމަށް ހެދުމަކީ ވަރަށް ވެސް ލަދުވަތި ކަމެއް."
އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އާންމު މަޖިލީހާ ހިސާބަށް މިދިޔަ މަހު ގެންދިއުމުގެ ކުރިން، އެމެރިކާ ވަނީ ސަލާމަތީ މަޖިލީހާ ހިސާބުން ވީޓޯ ކޮށްފަ އެވެ. މިނިސްޓަރު ހައިދަރު ވިދާޅުވީ އެ ވީޓޯއާއެކު އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާ ހުއްޓުވަން މުޅީން ނުކުޅެދިފައި ކަމަށެވެ.
"އެންމެ ވޯޓަކުން އދ. ސަލާމަތީ މަޖިލިސް އަނެއްކާވެސް ފެއިލް ވެއްޖެ" ހައިދަރު ވިދާޅުވި އެވެ. "އެއްވެސް ހާލެއްގައި މިއީ ނުވާ ކަމަކަށް ހެދިގެން ނުތިބެވޭނެ،"
ހައިދަރު ވިދާޅުވި ގޮތުގައި ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް ނުކުޅެދުމުގެ ސަބަބުން، އިޒްރޭލުގެ ޖަރީމާތައް އާދައިގެ ކަމަކަށް ވަނީ ވެފަ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ފަލަސްތީނު ނަސްލު ނައްތާލުމުގެ ހަތިޔާރަކަށް ވީޓޯގެ ބާރު ހަދާފައިވާ ކަމަށެވެ.