ޒުވާނުންނަށް ދިން ވަރުގަދަ މެސެޖަކުން ސަމާލުކަން ހޯދި ތަކަންދޫ "އާނޯލްޑް ކާފަ" ނިޔާވެއްޖެ

ދުނިޔޭގައި ގިނަ ދުވަސް ހޭދަ ކުރެވުމަކީ ލައްކަ ގިނަ ތަޖުރިބާ ކުރެވޭނެ ކަމެއް ކަމާއި ދުނިޔޭގައި ހޭދަކުރި 90 އަހަރެއްހާ ދުވަހުގެ ތަޖުރިބާ އިން މޫސަބެ ވަނީ ޒުވާނުންނަށް ވަރުގަދަ މެސެޖެއް ދީފައެވެ.

ހއ. ތަކަންދޫ ދުންފިނީގެ މޫސާ އަލީ (ތަކަންދޫ އާނޯލްޑް ކާފަ)

ޒުވާނުންނަށް ދިން ބާރުގަދަ މެސެޖަކާއި ގުޅިގެން މީޑިއާއާ އާންމުންގެ ވަރަށް ބޮޑު ސަމާލު ކަމަކާއި ޝައުގެއް ހުއްޓުނު ހއ. ތަކަންދޫ ދުންފިނީގެ މޫސާ އަލީ (ތަކަންދޫ އާނޯލްޑް ކާފަ) މިރޭ ނިޔާވެއްޖެ އެވެ.

ރަށު މީހުންގެ މެދުގައި މޫސާކޮއެބޭގެ ނަމުން މުހާތަބު ކުރެވޭ މޫސާ އަލީ ނިޔާވީ ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއްގެ ފަހުން މިރޭ ތަަކަންދޫ ގައެވެ. ތަކަންދޫ ގައި މޫސަބޭ މަޝްހޫރުވެފައި ވަނީ އާނޯލްޑްގެ ނަމުންނެވެ. ފަހުން ގިނަ މީހުން ކިޔަނީ އާނޯލްޑް ކާފަގެ ނަމުންނެވެ.

މޫސަބޭ އަށް މީޑިއާއާ އާންމުންގެ ސަމާލުކަން ލިބުނީ ޒުވާނުންނަށް ދިން ވަރުގަދަ މެސެޖަކުންނެވެ. ދުނިޔޭގައި ގިނަ ދުވަސް ހޭދަ ކުރެވުމަކީ ލައްކަ ގިނަ ތަޖުރިބާ ކުރެވޭނެ ކަމެއް ކަމާއި ދުނިޔޭގައި ހޭދަކުރި 90 އަހަރެއްހާ ދުވަހުގެ ތަޖުރިބާ އިން މޫސަބެ ވަނީ ޒުވާނުންނަށް ވަރުގަދަ މެސެޖެއް ދީފައެވެ.

އެ މެސެޖުގައި ވެ އެވެ؛

"އޭ ޒުވާނާ އެވެ! ބޭބެވެސް ތިޔަ ޒުވާނުން ފަދައިން ހަށިގަނޑުގައި ބާރު ހުރި ދުވަސްތަކެއް ފާއިތުވެ ގޮސްފި އެވެ. ބޭބެވެސް ތިޔަ ޒުވާނުން ފަދައިން ލޮލުގެ ފެނުން ރަނގަޅަށް ހުރި ދުވަސް ތަކެއް ދިޔަ އެވެ. މިހާރު މިވަނީ ލޮލުގެ ފެނުމުގެ ބާރު ކެނޑި، އައިނު އަޅައިގެން ވެސް ކިރިޔާ ފެންނަ ހިސާބައް ގޮސްފަ އެވެ،

"އޭ ޒުވާނާ އެވެ! މި ދުވަހަކީ ތިޔައިން ކޮންމެ ކުއްޖަކު ވެސް ދުނިޔޭގައި ހުރިނަމަ ބައްދަލު ކުރަން ޖެހޭނެ ދުވަހެއް ކަމާމެދު ޝައްކެއް ނެތެވެ. ތިޔައިން ހަމަ ކޮންމެ ކުއްޖަކު ވެސް މި ދުވަސް ދެކޭނެ އެވެ. ބޭބެ ދެން މާ ގިނަ ދުވަހަކު މި ދުނިޔޭގައި ހުންނާނެ ކަމަކަށް އުންމީދެއް ނުކުރަމެވެ!،

"އޭ ޒުވާނާ އެވެ! ލިބިފައިވާ ޒުވާންކަން ހެޔޮގޮތުގައި ހޭދަ ކުރުމަށް އަޒުމު ކަނޑަ އަޅާށެވެ. ޒުވާން އުމުރަކީ އަބަދު އުޅެވޭނެ އުމުރެއް ކަމަށް ނުދެކޭށެވެ. އުމުރުގެ ދުވަސްތައް އުފަލައި މަޖަލުގައި ހޭދަ ކުރުމުގެ ބަދަލުގައި ހެޔޮ އަމަލު ކުރުމުގައި ހޭދަ ކުރާށެވެ. ބޭބެމެންގެ ޒަމާން މި ޒަމާނާ ވަރަށް ވެސް ތަފާތެވެ. މިހާރު ހުރިހާ ކަމެއްވެސް ހާދަހާ ފަސޭހަ އެވެ... އުނގެނެން ބޭނުން މީހަކަށް ފަސޭހަ ކަމާއެކު އެކަން ކުރެވެ އެވެ. އެކަމަށް މަގު ވަނީ ތަނަވަސް ވެފައެވެ. ދީނީ އިލްމު ފަސޭހަ ކަމާއެކު ލިބެން ހުރެއެވެ،

"އޭ ޒުވާނާ އެވެ! ފަސް ވަގުތުގެ ފަރުލު ނަމާދު ގާއިމް ކުރާށެވެ. އެ ފަސް ނަމާދު ހުޝޫއަތްތެރި ކަމާއެކު ކުރެވޭތޯ ބަލާށެވެ. އެހެން ހުރިހާ ކަމެއްވެސް އޭރަށް ފަހިވާނެކަން ކަށަވަރެވެ.... ތިޔަ ޒުވާނާގެ ދިރިއުޅުން އުޖާލާވެ ތަނަވަސް ވާނެ އެވެ. ބޭކާރު ގޮތުގައި މި އަގުހުރި ދުވަސްތައް ބޭކާރު ވެގެން ދިޔަ ނުދޭށެވެ. ދުނިޔެއިން ފާއިތުވެގެން މިދާ ކޮންމެ ދުވަހަކީ އަޅުގަނޑާއި، ތިޔަ ޒުވާނާއަށް ވެސް މަރާއި ކައިރިއަށް ދަތުރުކުރާ ދުވަހެކެވެ. މި ކަންކަމާމެދު ވިސްނައި ފިކުރު ކުރާށެވެ."

މޫސަބެއާ ގުޅޭގޮތުން ނޫސްތަކުގައި ގެނެސްފައިވާ ރިޕޯޓެއްގެ ސްކްރީންޝޮޓެއް

މޫސަބޭގެ މި މެސެޖަށް އާންމުންގެ ވަރަށް ބޮޑު ސަމާލެއް ހުއްޓުނެވެ. 2020 ވަނަ އަހަރު އެންމެ ބޮޑަށް ވައިރަލްވި އެއް މެސެޖަށް ވި އެވެ. އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ ޕޭޖު ތަކުގައި މި މެސެޖު އޮތެވެ. އާންމުންގެ ވަރަށް ގިނަ ބަޔަކު މި މެސެޖު ޝެއާކޮށް ހެދި އެވެ.

ހަގީގަތުގައި މި މެސެޖުގެ ބޭނުން ހިފައިފި ދިވެއްސަކަށް އޮތީ ހާދަ ގިނަ ރަނގަޅެކެވެ. ހާދަ އުފާވެރި ދުވަސްތަކެކެވެ. 

މޫސަބެއަށް އާނޯލްޑް ކިޔުނީ ކީއްވެ؟ ހޮލީވުޑުގެ ބިޔަ ހަށިގަނޑުވެރިޔާ އޮސްޓްރިއާ-އެމެރިކާގެ އޯނޯލްޑް ސުވެޒްނިގާގެ ޝަހުސިއްއްޔަތުގެ ވަރުގަދަ ނަން މޫސަބެއަށް ކިޔުނީ މޫސަބެ ހަށިގަނޑުގެ ރީތި ކަމުންނެވެ. އަދި އަވިއައިނު އަޅާ ލޯބިކުރި ފެޝަންގެ ސަބަބުންނެވެ. މޫސަބެއަކީ ތަކަންދޫ މީހުންގެ މެދުގައި ވަރަށް މަގުބޫލު، މީހުންނާ ވަރަށް ގުޅޭ މީހެކެވެ. އުމުރުން 90 އިން މައްޗަށް ދިޔައިރު ވެސް މޫސަބެގެ ރީތި ތާހިރު ދިރިއުޅުމާއި އުފާވެރި ހަނދާންތައް ހިމެނޭ ދިގު މާޒީއަކާއެކު އާނޯލްޑްގެ ނަން ދެމި އޮތެވެ. ތަކަންދޫގެ ހުރިހާ ކުދީންގެ އާނޯލްޑް ކާފަ އަކީ އެއީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.