ސަރުކާރުން ވަނީ ޗައިނާގެ ހަތް ސިޓީތަކާއި ޔޫރަޕަށް އުދުހުންތައް ފަށާނެ ކަމަށް ބުނެފަ އެވެ.
ގައުމީ އެއާލައިންގެ ބޮޑެތި ބޯޓު މި އަހަރު ގެނެސް، ޗައިނާ އަށް އުދުހެން ފަަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ 2000 ވަނަ އަހަރުން ފެށިގެން 2018 ގެ ނިޔަލަށް ބަލާއިރު ގައުމީ އެއާލައިންއަކީ ފައިދާގައި ހިންގި ކުންފުންޏެއް ކަމަށެވެ. ނަމަވެސް އޭގެފަހުން އެ ކުންފުނި އޮތީ ބޮޑު ގެއްލުމުގައި ކަމަށެވެ. ގައުމީ އެއާލައިން އަކީ ގައުމަށް މުހިންމު ހިދުމަތެއް ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ގައުމީ އެއާލައިން ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އެ މަސައްކަތުގެ ދަށުން ގައުމީ އެއާލައިން އިން މި އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހު ޗައިނާއަށް އުދުހުންތައް ފެށިގެންދާނެ އެވެ.
"އެއާލައިނެއް ގެނެސް ގައުމަށް ރަޖިސްޓްރީ ކުރުމަކީ ދިގު ޕްރޮސެސްއެއް. އެކަމަކު އެކަމަށް މިހާރު ދަނީ ބޮޑެތި ކުރިއެރުން ތަކެއް ލިބެމުން،" އަމީން ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މޯލްޑިވިއަން އިން ބޮޑެތި ބޯޓު ފަހަރު ގެނެސް ޗައިނާގެ ހަތް ސިޓީއަކާއި ޔޫރަޕަށް ދަތުރު ފަށާނެ ކަމަށް ބުނެފަ އެވެ. މިކަން ކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ގައުމުގެ ކަމާބެހޭ އިދާރާތަކާ އެކު ސޮއިވެސް ކޮށްފަ އެވެ.