ރައީސް މި ނިންމެވުން އައީ އިއްޔެ އޮތް ކެބިނެޓްގެ ބައްދަލުވުމުގައި ރައީސް އޮފީހުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދު މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.
ސިއްހީ ދާއިރާ އެކޭ އެއްގޮތަށް ސިވިލް ސާވިސްގެ ވަޒީފާ އަދާކުރާ އެހެން ދާއިރާތަކަށް ވެސް ފުރުސަތު ދޭން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ގޮތަށް، ސަބަބުތަކާހުރެ ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސާވިސްގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ފަހިކޮށް ދޭން ކެބިނެޓްގެ ލަފަޔާއެކު ރައީސް މުއިއްޒު ވަނީ ނިންމަވައިފި އެވެ.
އެކިއެކި ސަބަބުތައް މެދުވެރި ވެގެން ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ސިއްހީ ހިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސް ކޮށްދޭން ހާއްސަ ސިޔާސަތެއް އެކަށައެޅުމަށް ކެބިނެޓްގެ ލަފަޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިންވަނީ ނިންމަވާފައެވެ.
މި ނިންމެވުމާއި ގުޅިގެން، ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީ ގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާ އަދާކުރުމަށް ޝައުގުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލަން ވަނީ ނިންމަވާފަ އެވެ. މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖައްސަން ވެސް ވަނީ ނިންމާ އެވެ.
އަދި އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށް އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު، އެފަދަ ފަރާތްތަކަށް ހާއްސަަ "ޕޭ ސްޓްރަކްޗާ" އެއް އެކުލަވާލެއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި ހަޔާ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައަޅާ ބަޖެޓުގެ ތެރެއިން މަދުވެގެން 50 ޕަސެންޓް ހުރިހާ ދާއިރާއެއްގެ "ހައިލީ ޓެކްނިކަލް ފީލްޑްތަކަށް" ހާއްސަ ކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.
ރައީސްގެ މި ނިންމެވުން ނިންމަވާފައިވާ ސަބަބުތަކުގެ ތެރޭގައި ސިވިލް ސާވިސްއަށް މީހުން ރެކްރޫޓް ކުރުމުގެ އިޖުރާއަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށް ވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގަ އާއި މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާކަމަށް، ފާހަގަކުރެވުން ހިމެނެ އެވެ. އަދި ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަންވެސް ހިމެނެއެވެ.