ފުވައްމުލަކު ސިޓީގެ ދެވަނަ އެކްސްިޑެންޓެއްގައި ސައިކަލެއް ދުއްވި މީހަކު އެ ސިޓީގައި އީދު ބޮކިފަތި ދަމާފައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި ޒަހަމް ވެފައި ވެއެވެ.
ދެކުނުގެ ފުވައްމުލަކުގައި ރޭ އެކްސިޑެންޓެއް ހިނގައި، އެކަކަށް ބޮޑެތި އަނިޔާތައްވެ އޭނާގެ ހާލު ސީރިއަސް ވެއްޖެ އެވެ.
ފުލުހުން ބުނީ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާވިއިރު އެ ތަނުން އެކެއްގެ ހާލު ސީރިއަސް ވުމުން އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އަނެއް ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބުނު ކަމަށް ފުލުސް އިދާރާއިން ބުންޏެވެ.
ފުވައްމުލަކު ސިޓީގެ ދެވަނަ އެކްސްިޑެންޓެއް ވެސް ހިނގި އެވެ. އެ އެކްސިޑެންޓްގައި ސައިކަލެއް ދުއްވި މީހަކު އެ ސިޓީގައި އީދު ބޮކިފަތި ދަމާފައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި ޒަހަމް ވެފައި ވެއެވެ.
އެ ހާދިސާގައި އެ މީހާގެ ބޮލަށާއި، ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އެ ސިޓީން "މިރާ" އަށް މައުލޫމާތު ދިން އޭނާގެ އާއިލާ މެންބަރަކު ބުންޏެވެ. އަދި މިއަދު ހެނދުނުގެ އެ މީހާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި އީދު ބޮކިފަތި ދަމާފައި ހުރި ހޮޅިދަނޑިއެއް ވެއްޓިފައި އޮއްވާ، ސައިކަލުގައި ދިޔަ މީހާ އޭގައި ޖެހި އެވެ.
ރާއްޖޭގެ ހުރިހާ ބޮޑެތި ސިޓީތަކާއި، ރަށްތަކެއްގައި އީދު ފާހަގަކުރުމަށް ބޮކިފަތި ދަމައި ޒީނަތްތެރިކުރުމަކީ މި ސަރުކާރުން ފެށި ކަމެކެވެ. މި މަހުގެ 11 ގައި އީދު ފާހަގަ ކުރުމަށް އެތަންތަނުގައި ޖެހި ގިނަ ބޮކިފަތިތަކާއި ގިޑިގެތައް އަދިވެސް އެއްކޮށް ނުނަގަ އެވެ.