ބިމުގެ ބިލު ކިޔާފައި އިދިކޮޅުން ދެއްކީ ހުސް މައްސަލަ

މެމްބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި، އެ ބިން ދޫކުރާތާ ފަސް އަހަރު ތެރޭގައި އަޅައި ދިރިއުޅެން ނުފަށައިފިނަމަ ބިން އަތުލާނެ ކަމަށް ކަނޑައަޅާފައި އޮތުމުންނެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް: ބިމުގެ ބިލާ ގުޅޭ ކަންބޮޑުވުންތައް ވަނީ ހިއްސާ ކުރައްވާފައި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ބިމުގެ ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑި، އެ ގާނޫނުގެ ސަބަބުން ރައްޔިތުންގެ ތަކުލީފުތައް އިތުރުވެގެން ދާނެ ކަމަށް ބުނެ އިދިކޮޅު މެމްބަރުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ބިމުގެ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މި ބިލަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް މުހިންމު ބިލެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މި ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ބިން އެކި ކަންކަމަށް އެކަށައަޅާ ބިން ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބި ދީފައިވީ ނަމަވެސް މި ބިލުގެ ސަބަބުން އެ ބާރުތައް ކެނޑިގެން ދާނެ ކަމަށެވެ. މި ބިލަކީ އިނގިރޭސި ގާނޫނެއްގެ ތަރުޖަމާއެއް ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ޖުމްލަ ގޮތެއްގަ ފާހަގަ ކުރެވެނީ މި ބިލަކީ އަޅުގަނޑުމެން ފައްކާ ކުރަމުން އަންނަ ޒަމާނީ ޑިމޮކްރެސީއާ ބީރައްޓެހި އަދި ލާމަރުކަޒީ އުސޫލުތަކަށް ތަބާނުވާ، އަޅުގަނޑުމެން ބިމުގެ ކަންކަން ހިންގުމަށް މިހާރު ފަރުމާކޮށްފައި މިވާ ނިޒާމާ ބީރައްޓެހި، ވަރަށް ބޮޑަށް ރައްޔިތުންގެ ބާރު ކެނޑޭ ގޮތަށް އޮތް ބިލެއްގެ ގޮތުގަ،" އޭނާ ވިދާޅުވި އެވެ.

ބިލުގައި ހުރި ބައެއް މާއްދާތަކަށް ރިއާޔަތް ކުރައްވަމުން ސަލީމް ވިދާޅުވީ ކުރީން ކައުންސިލްތަކަށް ލިބުނު ބާރުތައް މިހާރު އޮތީ ލޯކަލް ގަވަމެންޓް މިނިސްޓަރުގެ އަތްޕުޅުގައި ކަމަށެވެ. ބިން ރަޖިސްޓްރީ ކޮށްދެވޭނީ ބިލުގައި ބަޔާން ކޮށްފައިވާ ގޮތުންނަމަ ހަމައެކަނި ރަޖިސްޓްރާއަށް ކަމަށާއި އެ ބާރު ވެސް ކައުންސިލްތައް އަތުން ނިގުޅައިގަނެވިގެންދާނެ ކަމަށެވެ.

ބިލު އޮތް ގޮތުން އެކި ބޭނުންތަކަށް ބިން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވީ ބިލުގެ 55 ވަނަ މާއްދާއިން، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ކައުންސިލްތަކަށް ދޫކުރެވުނު ނަމަވެސް އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭނީ މިނިސްޓަރަށް ކަމަށެވެ. ބަންޑާރަ ގޯތި ދޫކުރާއިރު ސަރުކާރުގެ މަޝްރޫއެއް ހިންގާ ސަރަހައްދަކުން ގޯތި ދޫކުރެވޭނީ މިނިސްޓަރަށް ކަމަށް ކަނޑައަޅާފައި އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ދައުލަތުގެ އެކިއެކި ބިންތައް، ހާއްސަކޮށް ދިރިއުޅުން ނޫން ބޭނުމަށް ދޫކުރަން ކަނޑައަޅައިފިނަމަ އެއީވެސް ސަރުކާރުން ބޭނުންވާ ގޮތަކަށް ސިޔާސީ މަންފާ ހާސިލް ކުރެވޭނެ ގޮތަކަށް ދޫކުރެވިދާނެ ބިންތަކެއްގެ ގޮތުގަ އަލަށް ވުޖޫދުވާ ގާނޫނުން ދެން މަގުފަހިވެގެން މިދަނީ،" ސަލީމް ވިދާޅުވި އެވެ.

މަޖިލީހަށް ބިމުގެ ބިލު ހުށަހެޅުއްވީ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖް

މެމްބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި، އެ ބިން ދޫކުރާތާ ފަސް އަހަރު ތެރޭގައި އަޅައި ދިރިއުޅެން ނުފަށައިފިނަމަ ބިން އަތުލާނެ ކަމަށް ކަނޑައަޅާފައި އޮތުމުންނެވެ. ސަލީމް ވިދާޅުވީ އާންމު ހާލަތަށް ބަލާއިރު އެ މުއްދަތަކީ ގޯއްޗެއްގައި ގެއަޅައިގެން ދިރިއުޅެން ފެށޭނެ މުއްދަތެއް ނޫން ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރުން އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ މިހާރު ވެސް ރަށްރަށުގައި މީހުންނަށް ދޫކޮށްފައިވާ ބިންތައް ގެ ނޭޅި 40 އަހަރު ވިޔަސް ފަޅަށް އޮންނަނީ އެތަންތަން އެޅޭނެ ވަރުގެ އާމްދަނީ އެމީހުންނަށް ނުލިބޭތީ ކަމަށެވެ. ރަށްރަށުން ތައުލީމާ ސިއްހީ ހިދުމަތްތަކާއި ވަޒީފާތައް ނުލިބޭތީ ބަދަލުވާން ޖެހެނީ މާލެ ކަމަށާއި އަމިއްލަ ރަށުން ލޯނެއް ލިބޭނެ ގޮތެއް ވެސް އެމީހުންނަށް ނޯންނަ ކަމަށެވެ.

އެހެންވީމަ ފަސް އަހަރުން ގޯތި ނޭޅިއްޖެނަމަ ބިން އަތުލެވޭނީ މިފަދަ ވަސީލަތްތައް އެ މީހުންނަށް ގާއިމް ކޮށްދިނުމަށް ފަހުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މެމްބަރުންގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން މޫސާ ސިރާޖް ވިދާޅުވީ މި ބިލާއެކު ހުށަހަޅާފައިވާ ރިއަލްއެސްޓޭޓް ބިލާއި ސޯޝަލް ހައުސިން ބިލު ގާނޫނަކަށް ވެގެން އައުމުން ކަންކަން ފަސޭހަ ވެގެން ދާނެ ކަމަށެވެ. ފަޅަށް ހުންނަ ގެތައް ނުހަދާ ހުރި މައްސަލައަށް ބިމުގެ ބިލާއެކު ހައްލު ލިބިގެން ދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި ކަންބޮޑުވުންތައް ހުރި ކަންކަމަށް ކޮމެޓީ މަރުހަލާގައި މަޝްވަރާކުރެވި ހައްލު ކުރެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ބިލު ބަލައިގަތުމާމެދު މިއަދުގެ ވޯޓް ގަޑީގައި ވޯޓަށް އަހާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.