އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިފްކޯގެ ފްލެޓުތައް ލިބުނު މީހުން އެ ތަންތަން އެހެން މީހުންނަށް ކުއްޔަށް ދޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ސިފައިންނަށް ހާއްސަކޮށްފައިވާ "ސިފްކޯ ހިޔާ" ފްލެޓުތައް އެހެން ބަޔަކަށް ކުއްޔަށް ދޭނަމަ އެތަންތަން އަތުލާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިފްކޯގެ ބައެއް އެޕާޓްމެންޓުތައް ކުއްޔަށް ދޭކަމަށް މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވުމާ ހިލާފަށް ސިފްކޯގެ އެޕާޓްމެންޓުތައް ކުއްޔަށް ދޭނަމަ އެތަންތަން އަތުލާނެ ކަމަށް އަންގައި ސިޓީ ފޮނުވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިފްކޯގެ ހިޔާގެ އެޕާޓްމެންޓުތައް ދޫކޮށްފައި ވަނީ ކުއްޔަށް ނުދޭން ޝަރުތުކޮށް ނަމަވެސް، ބައެއް މީހުން ވަނީ އެތަނުގެ އެޕާޓްމެންޓުތައް ވިއްކާލުމަށް އިސްތިހާރުތައް ވެސް ޖަހާފަ އެވެ.
ސިފްކޯ ހިޔާއަކީ ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް 2013 ގައި ބިންގާ އެޅި މަޝްރުއޫއެކެވެ. މީގެ އެގާރަ އަހަރެއްހާ ކުރީން ފެށި ސިފައިންގެ ފްލެޓް -- ސިފްކޯ ހިޔާގެ މަސައްކަތް ނިންމި މިހާރު އެ ތަންތަނުގައި ސިފައިންގެ އާއިލާތަކުން ދަނީ ދިރިއުޅެމުންނެވެ. ރައީސް ވަހީދުގެ ވެރިކަމުގައި ފެށި އެ މަސައްކަތް ނުނިމި ވަރަށް ދިގުލައިގެން ދިއުމަށް ފަހު ނިމުނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
ސިފްކޯ ހިޔާގެ ތިން ޓަވަރު ބިނާކޮށްފައިވެ އެވެ.