ސާޖިދާ ވިދާޅުވީ ގައުމީ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫން ކަމަށެވެ. އަދި ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަ ކުރެއްވި އެވެ.
ޑިގްރީ އެއް ހާސިލު ކުރުމަކީ ކުޑަ ކާމިޔާބީ އެއް ނޫން ކަމުގައި ވިދާޅުވެ ތައުލީމު ހާސިލު ކުރުމަށް ދަރިވަރުން ކުރާ ބުރަ މަސައްކަތަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ތައުރީފު ކުރައްވައިފި އެވެ.
އެ ކަމަނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ ކުރިއަށް ދިޔައީ މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ.
ސާޖިދާ ވިދާޅުވީ ގައުމީ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫން ކަމަށެވެ. އަދި ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަ ކުރައްވާ ހުރިހާ ދަސްވެނިންނަށް ތަހުނިޔާ އާއި މުބާރިކްބާދީ ވިދާޅުވި އެވެ. އެދިވަޑައިގަތީ ހަޔާތުގެ ދެން އޮތް މައިދާނަށް ނުކުންނަވާއިރު އެންމެންގެ ތަފާތުވުންތައް ގަބޫލު ކުރެއްވުމަށެވެ. އަދި އެކަކުވެސް ބާކީ ނުކުރައްވައި ވަޒީފާ އަދާ ކުރެއްވުމަށް އެކަމަނާ ބާރު އެޅުއްވި އެވެ.
އެކަމަނާގެ ވާހަކަފުޅު ގައި ސައިންސާ ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އަދި ހިސާބު ހިމެނޭ "ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމުގައި ވިދާޅުވެ ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތް ވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށް ކަމަށް ވިދާޅުވި އެވެ.
އަދި މުޖުތަމައުގައި ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގައި އެކަމަނާ ވިދާޅުވި އެވެ. މިގޮތުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާ މަސައްކަތުގައި ބައިވެރިވުމާ ކާމިޔާބީއަށް ހާސިލްވާން ހުރަސްތަކެއް ހުރިކަން އެކަމަނާގެ ވާހަކަފުޅު ގައި ފާހަގަ ކުރެއްވި އެވެ. އަދި އުފެއްދުންތެރިކަމާއި ދިމާވާ ކަންކަން ހައްލު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި "ސްޓެމް ކޮމިއުނިޓީ" އެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅު ގައި އަލި އަޅުއްވައިލެއްވި އެވެ.
ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގައި ސަނަދު ހާސިލް ކުރެއްވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން 28 ދަރިވަރުން އަދި ސްކޫލް އޮފް ނާސިންގ އިން 94 ދަރިވަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން ހިންގި އެކިއެކި ޑިގްރީ އަދި މާސްޓާސް ކޯސްތައް ނިންމި ދަރިވަރުންނަށް ސަނަދު ހަވާލުކުރައްވާފައެވެ. މީގެ އިތުރުން ވެސް ޝަރަފުގެ އެވޯޑް ލިބުނު ފަރާތްތަކުގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް 3.5 ނުވަތަ އެއަށްވުރެ މަތި ލިބުމާއެކު، އެކި ކޯސްތަކުން އެއްވަނަ ހޯދާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލްކުރެއްވި ދަރިވަރުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިނާމު ހަވާލު ކޮށްދެއްވާފަ އެވެ.
ގައުމީ ޔުނިވާސިޓީ ގައި 3000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންގެންދެ އެވެ. ޔުނިވާސިޓީގައި މިވަގުތު 11 ފެކަލްޓީއެއް ހިމެނެ އެވެ. އަދި މާލޭ ކެމްޕަސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ކެމްޕަސް ހިންގަ އެވެ.