ސްޓެލްކޯއިން ވަނީ ރޯދަމަހު ކަރަންޓުގެ ޑިސްކައުންޓް ދޭން 20 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. މި ފައިސާ ވަނީ ސަރުކާރުން ސަބްސިޑައިޒް ކޮށްފަ އެވެ.
ސަރުކާރުން ދިން ޑިސްކައުންޓާއެކު މިދިޔަ ރޯދަ މަހު ގިނަ ގޭގޭގެ ކަރަންޓު ބިލްތައް ކުޑަވެފައިވާ ކަމަށާ، ބިލިން ސައިކަލްގައި މައްސަލަ ހުރީ މަދު ގެއްގައި ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ރާއްޖޭގައި އެއްވެސް މަހެއްގައި ރޯދަ މަހުގެ އެއްވަނަ ދުވަހުން 30 ވަނަ ދުވަހަށް ބިލް ކުރަމުން ނުދާ ކަމަށާ، ނަމަވެސް ސަރުކާރުން ދިން ލުޔާއެކު ބިލިންގެ ބޮޑު ބައެއް ރޯދަ މަހަށް ފޯލް ވެގެން ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކަމާބެހޭ ފަރާތްތަކާއެކު ވެސް މަޝްވަރާ ކުރިން. ރާއްޖޭގައި އެއްވެސް ރޯދަމަހަކު ބިލެއް ނުކުރޭ ރޯދަ މަހުގެ އެކައުން 30 އަކަށް. ވަރަށް ދަތިކަމެއް މާލޭގެ 48،000 ގޭބިސީއަށް އެއްވަގުތެއްގައި ބިލް ކުރުމަކީ. އެކަމަކު ބިލިން ސައިކަލް އަދި ގޮތުން ރޯދަމަހު ގިނަ ގޭގޭގެ ބިލްތައް ވަނީ ރޯދަ މަހަށް ފޯލްވެފަ،" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޯދަމަހު ކަރަންޓު ބޭނުން ކުރާ ވަގުތަށް ވެސް ބޮޑު ބަދަލެއް އަންނަ ކަމަށެވެ. އެގޮތުން އާއްމު ދުވަސްތަކުގައި 12:00 އިން 2:00 ޖެހުމާ ހަމައަށް ޕީކްގައި ކަރަންޓު ގިނައިން ބޭނުން ކުރިނަމަވެސް ރޯދަ މަހު މި އަދަދު ހަވީރު 4:00 އިން 6:00 އަށް ކަމަށެވެ.
އެމްޑީ ވިދާޅުވީ ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ދެނީ ސަރުކާރުން ނިންމަވާ ނިންމެއްގެ މައްޗަށް ކަމަށާ، ސްޓެލްކޯ އިން މި ރޯދަ މަހު ކަރަންޓާއި ފެނުގެ ޑިސްކައުންޓް ދިނުމަށްޓަކައި 20 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުނު ކަމަށެވެ. މިއީ އެންމެ ސްޓޭނަބަލް ގޮތަކަށް ނޫން ނަމަވެސް މިއީ މިހާލަތަށް ބަލާއިރު ވަރަށް އޯގާތެރި ނިންމުމެއް ކަމަށެވެ.