މި މަޝްރޫއު ހިންގަނީ ކެނެޑާގެ ކުންފުންޏަކުންނެވެ. މި މަޝްރޫއު ދަށުން މާލެ ސަރަހައްދުގައި ފްލޯޓިން ސޯލާގެ ތަނެއް އަޅައި ކަރަންޓުގެ ބިޔަ މަޝްރޫއެއް ހިންގާނެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫން ރާއްޖޭގައި ފަށާ ފުރަތަމަ މަޝްރޫއުގެ ގޮތުގައި 150 މެގަވޮޓުގެ ފްލޯޓިން ސޯލާގެ މަޝްރޫއެއް ހިންގަން ކެނެޑާގެ ކުންފުންޏަކަށް ހުއްދަދީފި އެވެ.
ރާއްޖޭގެ ތާރީހުގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފެނިގެންދާނެ މި މަޝްރޫއު ހިންގަނީ ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ދިރިއުޅޭ ގްރޭޓާ މާލެ ސަރަހައްދުގަ އެވެ. މި މަޝްރޫއު ހިންގުމުގެ ހުއްދަ އެސްއީޒެޑް ގާނޫނުގެ ލިބިގެންދާ ހާއްސަ އިހުތިޔާރުގެ ދަށުން ދީފައި ވަނީ ކެނެޑާގެ އެބެކްސް ޕަވާ ކުންފުންޏަށެވެ. މި ކުންފުންޏާއެކު މި މަޝްރޫއުގައި ފަންނީ ކަންކަމުގައި ސަން ގްލޯ ޕަވާ ސަޕްލައި ކޯޕަރޭޝަން ހަރަކާތްތެރި ވާނެ އެވެ. މި ދެ ކުންފުންޏަކީ ވެސް މި ބާވަތުގެ މަސައްކަތްތަކުގައި ދުނިޔޭގައި މަޝްހޫރު ދެ ކުންފުންޏެވެ.
ރައީސުލް ޖުމްހޫރިއްޔާ އަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ) ޑޮލަރެވެ. އެހެންވެ މި މަޝްރޫއު 100 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ އެވެ.
އެސްއީޒެޑްގެ މި މަޝްރޫއާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި މަޝްރޫއަކީ ރައީސް މިދިޔަ އަހަރު ދުބާއީގައި އޮތް ކޮޕް-28 ގެ ސަމިޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް ލިބިގެންދިޔަ މަޝްރޫއެއް ކަމަށެވެ.
"ކޮޕް28 ސަމިޓުގައި ރައީސް ވިދާޅުވި، ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓް 2028 އަންނަންވާއިރުއަށް ކޮންވާޓް [ބަދަލު] ކުރާނެ ކަމަށް. މިކަމުން އެކަމަށް ބޮޑު ބާރަކަށް ވެގެންދާނެ. މިއީ އެސްއީޒެޑް ގާނޫނަށް އަމަލު ކުރަން ފެށިފަހުން ދިން ފުރަތަމަ ހުއްދަ،" ސައީދު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި ފްލޯޓިން ފޮޓޮވޮލްޓިކް ނުވަތަ ފްލޯޓިން ސޯލާ އިން ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް ހިންގާނެ އެވެ. މީން އުފައްދާ ކަރަންޓު ހާއްސަ ބެޓެރި ސިސްޓަމަކަށް ޖަމާކޮށް އެ ކަރަންޓު ފޯރު ކޮށްދޭނެ އެވެ.
ހާއްސަ އިނާޔަތްތަކާއެކު ބޮޑެތި ފޮރިން އިންވެސްޓްމަންޓް ގެންނަން ސަރުކާރުން ހުޅުވާލި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) މަޝްރޫ އަށް އަމަލު ނުކޮށް ގާނޫނު މޭޒުމަތީގައި ބާއްވާފައި ވަނިކޮށް މި ގާނޫނަށް އަމަލު ކުރަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެނެވެ. މި ގާނޫނުގެ ދަށުން އަންނަ ފުރަތަމަ އިންވެސްޓްމަންޓުގެ ގޮތުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއެއްގެ ހުށަހެޅުން ލިބުނުކަން ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާނު ކުރައްވާފަ އެވެ.