ނިއުޕޯޓު ބިން އަތުލާފައިވަނީ ރަނގަޅަށް ކަމަށާއި، ސްޓްރާޑާ ކުންފުންޏަށް ބަދަލު ދޭން ނުޖެހޭ ކަމަށް މިއަދު ސުޕްރީމް ކޯޓުން ނިންމި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން ދިޔަ އިރު، ގާއިމްކުރި ބްރިޖް ވިއު ޕްލެޓްފޯމުގައި ހިންގި ނިއުޕޯޓް ރެސްޓޯރެންޓުގެ ބިން އަތުލީ ރަނގަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ނިއުޕޯޓް ރެސްޓޯރަންޓު ހިންގި ސްޓްރާޑާއާ އެކު ސަރުކާރުން 2016 ގައި ވި އެއްބަސްވުމެއްގެ ދަށުން، އެތަން ހިންގަމުން ދަނިކޮށް އެ އެއްބަސްވުން ބާތިލްކޮށް އެތަން އަތުލަން ސަރުކާރުން ނިންމީ 2019 ގަ އެވެ.
އަދި ސިވިލް ކޯޓު މެދުވެރިކޮށް ނުދައްކާ އޮތް 1.1 މިލިއަން ރުފިޔާގެ ބިމު ކުލި ހޯދުމަށާއި، އެތަން ހުސްކުރުމުގެ އަމުރެއް ސްޓްރާޑާގެ މައްޗަށް ނެރުނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ވެސް ހުކުމަށް ތާއީދުކުރި އެވެ.
މި މައްސަލައާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހުނު ކުލި ސްޓްރާޑާ އިން ދައްކާފައި ނުވާކަން، އެކުންފުނީގެ ބަހުން އެނގޭ ކަމަށެވެ.
އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، ސްޓްރާޑާއަށް ދޫކުރި ބިމުން ބައެއް ދައުލަތަށް ނަގާފައިވާތީ ސަރުކާރުން އެ ކުންފުންޏަށް ބަދަލު ދޭންޖެހޭނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެ ބަދަލު ދޭން ޖެހޭނެ ގޮތެއް ދެއްކިފައި ނެތް ކަމަށް ވެސް ނިންމާފައި ވެއެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.