"ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސައްކަތެއް ކުރި ގޮތަށް މިފަހަރު މި ގޮނޑި ވެސް [ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް] މިވަނީ ގެއްލުވާލާފައި،"
ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލަން ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް، މަސައްކަތް ކުރެއްވި ކަމަށް އެ ދާއިރާއަށް ވާދަ ކުރެއްވި ފައިސަލްގެ ކޮއްކޮ، ނަޒްރާ ނަސީމް (ނަޒޫ) ގެ ކެމްޕެއިން ޓީމުން ތުހުމަތުކޮށް އެ މައްސަލަ އެމްޑީޕީއަށް ހުށައަޅަން ނިންމައިފި އެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ބޮޑު ތާއީދެއް އޮންނަ ފުވައްމުލަކު ދެކުނު ދާއިރާ އިން ނަޒޫ ވަނީ އާދަޔާ ހިލާފު ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. ރިޔާސީ އިންތިހާބު ގައި އެމްޑީޕީއަށް ލިބުނު ތާއީދަށް ވުރެ އެތައް ވޯޓެއްް އިތުރަށް ހޯއްދި އެވެ.
ނަޒޫގެ ކެމްޕެއިން ޓީމުން ބުނީ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވީ ސީދާ ފައިސަލް ކަމަށެވެ. އެ މައްސަލަ އެ ދާއިރާގެ ކެމްޕެއިން ޓީމުން އެމްޑީޕީގެ ކަމާގުޅޭ ގުނަންތަކަށް ހުށައަޅާނެ ކަމަށް ވެސް ބުންޏެވެ. ކެމްޕެއިން ޓީމުން ބުނީ ފައިސަލްގެ އާއިލާ އަދި ދާއިރާގެ ވަރަށް ގިނަ ބަޔަކަށް ގުޅާ ނަޒޫއާ ދެކޮޅަށް ތަކުރާރުކޮށް ފައިސަލް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"މިކަން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އަދި ނަޒޫގެ މައިންބަފައިންނާއި އާއިލާއަށް ވެސް އެނގޭ،" އެ ޓީމުން ބުންޏެވެ.
ކެމްޕެއިން ޓީމުން ބުނީ އެ މައްސަލާ ގައި ދޫ ނުދޭނެ ކަމަށެވެ.
ފަައިސަލްގެ އެ އަމަލުގެ ފެށުމަކީ ނިމިދިޔަ ރިޔާސީ އިންތިހާބު ގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ފައިސަލްގެ ބަދަލު ގައި މަޖިލީހުގެ ރަައީސް މުހައްމަދު އަސްލަަމް ހަމަޖެއްސި ހިސާބު ކަމަށް ވެސް ބުންޏެވެ. ކޮއްކޮ، ނަޒޫއާ ދެކޮޅަށް ފައިސަލް ނިކުންނަވާ ކެމްޕެއިން ކޮށް ދެކޮޅު މަސައްކަތް ކުުރުމުގައި އެހެން ބައެއް ސަބަބުތައް ވެސް ވާކަމަށް ބުންޏެވެ. އޭގެ ތެރޭގައި އާއިލީ، ވަަރަށް ޒާތީ އެހެން ނަމަވެސް ސީރިއަސް މައްސަލައެއް ހިމެނެ އެވެ.
"ދަ މިރާ" އާ ވާހަކަ ދެއްކި އެކަމުގެ މައުލޫމާތު އެނގޭ ނަޒޫގެ ވަރަށް ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި އެ މައްސަލައް މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައަޅާފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ޝާމިލުވާ މީހާގެ ދިފާއުގައި ފައިސަަލް ވަނީ މަސައްކަތް ކުރައްވާފައެވެ.
ނަޒޫގެ ކެމްޕެއިން ޓީމުން ބުނީ ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ދެވަނަ ދައުރަކަށް ފައިސަލް ހަމަނުޖެއްސެވުމުން އެމަނިކުފާނާއި ދެކޮޅަށް ވެސް ފައިސަލް ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ.
"ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސައްކަތެއް ކުރި ގޮތަށް މިފަހަރު މި ގޮނޑި ވެސް [ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް] މިވަނީ ގެއްލުވާލާފައި،" އެމްޑީޕީގެ އިސްްވެރީންނަށް ނަޒޫޫގެ ކެމްޕެއިން ޓީމުން ފޮނުވި މެސެޖެއް ގައި ވެއެވެ.
ރިޔާސީ އިންތިހާބު ގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ނަންގަވާނީ ފައިސަލް ކަމަށް ވަރަށް ބޮޑަށް ހީކުރެވުނެވެ. ނަމަވެސް ޕާޓީގައި ހިންގުނު މަޝްވަރާތަކަށް ފަހު ސޯލިހް ނިންމެވީ ރަނިންމޭޓަކަށް އަސްލަމް ހަމަޖެއްސެވުމަށެވެ. އޭގެ ކުރީން ރައީސްގެ ކެމްޕެއިން ގައި ފައިސަލް އިސް ދައުރެއްް އަދާކުރެއްވި އެވެ. ކެމްޕެއިން ފެށުމަށް ށ އަތޮޅުގައި އޮތް އިވެންޓަށް އަމިއްލަފުޅު ހަރަދުގައި ވަޑައިގެންނެވި އެވެ. އަދި މި ފަހަރުގެ ކެމްޕެއިން ގައި ރައީސް ސޯލިހް ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު އެ ރަށުން މަރުހަބާ ދެންނެވީވެސް ފައިސަލް އެވެ. ރައްޔިތުންގެ ކިބައިން ސޯލިހަށް ވޯޓް ދެއްވުމަށް އާދޭހާ އެކު އެދިވަޑައިގަތެވެ.
އެކަމަކު، ރަނިންމޭޓަކަށް އަސްލަމް ނެންގެވުމާ އެކު މަންޒަރުން ފައިސަލް ގެއްލިވަޑައިގަތެވެ. ދެން ފެނިވަޑައިގަތީ ވޯޓްގެ ދުވަހު އެވެ. ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ވޯޓްގައި ފައިސަލް މީޑިއާގައި މުޅީން ވެސް ވާހަކަ ދެއްކެވީ މޮޅުވާ ކެންޑިޑޭޓަށް ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވެ އެވެ.
އޭގެ ފަހުން މަޖިލީސް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ކުއްލި ގޮތަކަށް އެމްޑީޕީއަށް ސޮއިކުރައްވާ އެ ޕާޓީއާ ގުޅިވަޑައިގަތެވެ. ކެމްޕެއިނަށް 60 ވުރެ ގިނަ ރަށްރަށަށް ވަޑައިގެންނެވިއިރު އުފަން ރަށް -- ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެމްޑީޕީގެ ކެމްޕެއިން ގައި އެއްވެސް ދައުރެއް އަދާ ނުކުރައްވަ އެވެ.
ފައިސަލް ހެއްދެވީ ރަގަޅައް ކަމައް ފެއްނަނީ ނައިބު ރައީސް ކަންނުލިބުނީ ބާރުގަދަ ފަރާތަކުން ދެކޮޅައް މީ ހަކު މަސައްކައް ކުރުމުން ކަމައް ލަފާ ކުރެވެނީ