އަމީން ހުންނެވީ ޔަގީން ކަމާއެކު؛ އިހްލާސްތެރިވާނެ، މުރާލިވާނެ

"އަޅުގަނޑު ދަންނަވާނީ ތިޔަ ބޭފުޅުން މާޔޫސްވެވަޑައިނުގަންނަވާށޭ. އުންމީދު އާ ކުރައްވާށޭ. ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ކަންކަން ހާސިލު ކުރެއްވުމަށްޓަކާ ވޯޓް ލައްވާށޭ. ވޯޓްގެ ހައްގު ދޫކޮށް ނުލައްވާށޭ،"

ހެންވޭރު ހުޅަނގަށް ކުރިމަތިލައްވާ އުންމީދު ކެންޑިޑޭޓް އަމީން އިބްރާހިމް

ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށް ދިނުމަށް މުރާލި ކަމާއި އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން އެ ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

މަޖިލީސް އިންތިހާބުގެ ކެމްޕެއިން ނިންމުމުގެ ގޮތުން ދާއިރާގެ ރައްޔިތުންނަށް ދެއްވި ފަހު މެސެޖު ގައި އަމީން ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ދުވަހަށް ދުވަހަށް ދަނީ އިތުރުވަމުން ކަމަށާ ދަރިންނާއި ހަޔާތުގެ އުފަލަށްޓަކާ ބޭނުންވާ ކަންކަން ވެސް ދަނީ ގިނަވަމުން ކަމަށެވެ.

އެކަންކަން ފުރިހަމަވެ އުންމީދުތައް ހާސިލުކޮށް ދެވޭން އޮތީ މަޖިލީހާއި ސަރުކާރާއި އެެހެން މުއައްސަސާތައް ގުޅިގެން ކުރެވޭ އިހްލާސްތެރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވި އެވެ. އަމީން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ 
އުންމީދުތައް ހާސިލުކުރުމަށް އެތައް ބަޔަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ބައެއް ބޭފުޅުންނަށް ވަރަށް ދިގު މުއްދަތަކަށް ފުރުސަތު ދެއްވާފައިވާ ކަމަށެވެ.

"ކާމިޔާބަށް ވާސިލުވި އެންމެން އެކަން ހާސިލުކޮށްފައި ވަނީ ގޮތް ދޫނުކޮށް ވަރުބަލިވުމެއް ނެތި ތަކުރާރުކޮށް އެ ކުރެއްވި މަަސައްކަތް ކުރައްވައިގެން. ނަތީޖާއާ ހަމައަށް ވާސިލުވުމަށްޓަކައި އެ ކުރައްވާ މަސައްކަތުގައި ދެމި ހުންނަވައިގެން،"

ހެންވޭރު ހުޅަނގަށް ކުރިމަތިލައްވާ އުންމީދު ކެންޑިޑޭޓް އަމީން އިބްރާހިމް

އަމީން ވަނީ އުންމީދުތައް ހާސިލު ކުރުމަށް ކުރާ މަސައްކަތުގައި މަޔޫސްވެ ގޮތް ހުސްވެ ހުއްޓި ތިބުމަކީ އޮތް ޗޮއިސްއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމަށްޓަކައި އޮތީ ތަކުރާރުކޮށް މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ. އަދި އެއީ ވޯޓްލައިގެން ކުރަން ޖެހޭ ކަމެއް ކަމުން ވޯޓްގެ ހައްގު ދޫކޮށް ލުމަށް އެދިވަޑައިގެންނެވި އެވެ.

"ނިޒާމުގެ މައްސަލަ ހުރިނަމަ ނިޒާމު ބަދަލު ކުރާނީ. މީހުންގެ މައްސަލަ ހުރިނަމަ މީހުން ބަދަލު ކުރާނީ. އަދި އެ ނޫން އެހެން މައްސަލައެއް އަޅުގަނޑުމެންނަށް ފެންނަ ނަމަ އެ މައްސަލައަކަށް ހައްލު ހޯދުމަށްޓަކާ ވެސް އަޅުގަނޑުމެން ޖެހޭނީ އެ އެކަމާ ކުރިމަތިލައްވާން،"

އަމީން ވިދާޅުވީ ރައްޔިތުންގެ ބާރު ދައްކާލަން ފަސް އަހަރުން އެއް ފަހަރު ލިބޭ ދެ ފުރުސަތުގެ ތެރެއިން އެއް ފުރުސަތަކީ މަޖިލީސް އިންތިހާބު ކަމަށާ މިއީ ރައްޔިތުންނަށް ލިބޭނެ އެންމެ މުހިންމު އެއް ފުރުސަތު ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ތިޔަ ބޭފުޅުން މާޔޫސްވެވަޑައިނުގަންނަވާށޭ. އުންމީދު އާ ކުރައްވާށޭ. ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ކަންކަން ހާސިލު ކުރެއްވުމަށްޓަކާ ވޯޓް ލައްވާށޭ. ވޯޓްގެ ހައްގު ދޫކޮށް ނުލައްވާށޭ،"

ހެންވޭރު ހުޅަނގަށް ކުރިމަތިލައްވާ އުންމީދު ކެންޑިޑޭޓް އަމީން އިބްރާހިމް

އަމީން ވަނީ މުރާލި ކަމާއި އިހްލާސްތެރިކަމާ އެކު ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މާޒީއަށް ބަލާލި ނަމަވެސް ފެންނާނީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ. އަމީން ވިދާޅުވީ އެމަނިކުފާނަކީ އިހްލާސްތެރިކަން ވިއްކާލާނެ މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑަކީ ވަޒީފާއަކަށް މަގާމަށްޓަކާ އަޅުގަނޑުގެ އުސޫލު ބަދަލު ކުރާ މީހެއް ނޫން. އަޅުގަނޑަށް ލިބެން އޮތް މާލީ މަންފާއަކަށް ނޫނީ ވިއްޔާ އަޅުގަނޑަށް ލިބެން އޮތް ފަސޭހަ އަކަށްޓަކާ އަޅުގަނޑު ގަބޫލުކުރާ ހަމަ ބަދަލު ކުރާ މީހެއް ނޫން. އެކަން އަޅުގަނޑުގެ މާޒީން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،"

އެމަނިކުފާނަކީ އެއްގޮތެއްގައި ހުރި އިހްލާސްތެރި އެއްކަން ފާހަގަ ކުރައްވާ ގޮތެއް / އަހްލާގެއް / އަދަބެއް ބަހައްޓައިގެން މަސައްކަތް ކުރާނެ މެންބަރަކު އިންތިހާބު ކުރާނަމަ އަމީނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.