ކަޅުވަކަރު މިސްކިތް އަތުޖެހުނީ ވަރަށް ބުރަ މަސައްކަތުން: ރައީސް

ރައީސް ޔާމީންގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް ހުރި ތަނުން ރޫޅާލާ ނެގި އެވެ. އެ ވެރިކަން ނިމުނުއިރު އެ މިސްކިތް އަލުން ބަހައްޓާފައެއް ނުވެއެވެ. ސަރުކާރުން ބުނާ ގޮތުގައި އެ މިސްކިތުގެ ބައިތައް ހުރީ ގުދަނެއްގައި ރައްކާތެރިކަމެއް ނެތި ދޫކޮށްލާފަ އެވެ. ނަމަވެސް ކުރީ ސަރުކާރުގެ ވެރީން އެކަން ދޮގު ކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: ކަޅުވަކަރު މިސްކިތް އަތުޖެހިފައިވަނީ ވަރަށް ބުރަ މަަސައްކަތުން ކަމަށް ވިދާޅުވި --

ދުއިސައްތަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަޅުވަކަރު މިސްކިތް އަތުޖެހިފައި ވަނީ ވަރަށް ބުރަ މަަސައްކަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އުތީމުގައި އޮތް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަައީސް ވިދާޅުވި ގޮތުގައި މިނިވަންކަމާ ސިޔާދަތާ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެން ޖެހެނީ އަމިއްލަ ތާރީހެވެ. ތިމާމެންނަކީ ކޮންތާކު ކިހިނެއް ދިރިއުޅުނު ކޮން ބައެއްކަން އެނގެން ޖެހޭ ކަމަށާ ތާރީހާއި ސަގާފަތާ އާސާރުތަށް ދެމެހެއްޓެން ވެސް ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ ވަރަށް ގިނަ އާސާރުތަކަށް އިހުމާލުވެ ނެތި ގޮސްފައިވާ ކަމަށާ އުތީމު ގަނޑުވަރު ނޫނީ ގައުމިއްޔަތު އެފަދަ ހަނދާނެއް / ބިނާއެއް ނެތް ކަަމަށެވެ. އެފަދަ ދެވަނަ ބިނާއަކީ ކަޅުވަކަރު މިސްކިތް ކަމަށާ ނަމަވެސް އެ މިސްކިތް އަތުޖެހިފައި ވަނީ ވަރަށް ބުރަ މަަސައްކަތުން ކަމަށެވެ.

"އުތީމުގައި ހުރެ މިވާހަކަ ދައްކާއިރު ދަންނަވަން ޖެހެނީ ހުރި ކިތަންމެ މުއްސަނދި އާސާރަކަށް އިހުމާލުވެ ނެތިދިޔަ ހިތާމަވެރި ވާހަކަ. އުތީމު ގަނޑުވަރު ނޫނީ ދިވެހި ގައުމިއްޔަތު ދައްކުވައިދޭ މިފަދަ އާސާރެއް ހަނދާނެއް އަދި ތާރީހީ ބިނާއެއް ނެތޭ ވެސް ދެންނެވިދާނެ. ކަޅުވަކަރު މިސްކިތް އަތުޖެހިފާ އެވަނީ ކުރި ވަރަށް ބުރަ މަސައްކަތުން. ސަލްޓަން ޕާކްގައި ހުރި އުސްގެކޮޅު އޮތީ އެލިސްޓަށް އަރާފައި، މާލޭގާ ހުރި ތާރީހީ ބިނާތައް މާލެތެރޭގައި ގިނަވެ ބިކަވެ އެގޮތް މިގޮތް ވެގެން ދިޔަ،،" ރައީސް ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތް

ރައީސް އެ އިޝާރާތް ކުރައްވަނީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް ހުރި ތަނުން ރޫޅާލާ ނެގި ނެގުމަށެވެ. އެ ވެރިކަން ނިމުނުއިރު އެ މިސްކިތް އަލުން ބަހައްޓާފައެއް ނުވެ އެވެ. ސަރުކާރުން ބުނާ ގޮތުގައި އެ މިސްކިތުގެ ބައިތައް ހުރީ ގުދަނެއްގައި ރައްކާތެރިކަމެއް ނެތި ދޫކޮށްލާފަ އެވެ. ނަމަވެސް ކުރީ ސަރުކާރުގެ ވެރީން އެކަން ދޮގު ކުރެއެވެ. މިސްކިތުގެ ބައިތައް ރައްކާތެރިކޮށް ނުބެލެހެއްޓިނަމަ މި ސަރުކާރަށް ކަޅުވަރު މިސްކިތް އަލުން ނުބެލެހެއްޓުނީސް ކަަމަށްވެސް އެ ބޭފުޅުން ވިދާޅު ވެއެވެ.

ސަލްޓަން ޕާކު ގައިހުރި ކަޅުވަކަރު މިސްކިތް ރޫޅާލާފައި ވަނީ 2016 ވަނަ އަހަރު އެވެ. މިސްކިތް ނަގައި އެތަނުގައި ވިންޓާ ތީމް ޕާކްއެއް ހެދުމުން އާންމުންގެ ވަރަށް ގިނަ ފާޑުކިއުން ވެސް ކުރީ ސަރުކާރަށް އަމާޒުވި އެވެ.

މި ސަރުކާރުގެ ވެރިކަމުގައި ހެރިޓޭޖް މިނިސްޓްރީން އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ކަޅުވަކަރު މިސްކިތް އާއްމުންގެ ހިޔާލާއެކު އެހެން ތަނެއްގައި ރައްކާތެރިކޮށް ބެހެއްޓުމެވެ. އެތައް ދުވަހަކަށް ފަހު މިސްކިތް ބަހައްޓާފައިވަނީ ދިރާގު ކުރީން ހުރި ބިމުގަ އެވެ.

ކޮމެންޓް

5
450
ރަދީފު
1 year ago

(4) އެއަށްފަހު ސާލިހުގެ ސަރުކާރުގައި ހެރިޓޭޖް އާއި މިނިސްޓަރގެ މަޤާމުގައި ޙަވާލުވީ ޔުމްނާ. އެއަށްފަހު މިހާރު ކަޅުވަކަރު މިސްކިތް ހުރިތަނުގަ މިސްކިތް އަލުން ރޭވީ. ޔާމިނު ސަރުކާރުގަ ޔުމްނާ ޑެޕިޔުޓީ މިނިސްޓަރަކަށް ހުރެ މިސްކިތް ރޫޅާ، ސޯލިހު ސަރުކާރުގަ މިނިސްޓަރަކަށްހުރެ އަލުން މިސްކިތް ރޭވީ. ކަޅުވަކަރު މިސްކިތް އަތުޖެހުނީ ވަރަށް ބުރަ މަސައްކަތުންނޭ ބުނުމަކީ ދޮގެއް. ޖޯކެއް. އުތީމު ގަޑުވަރުވެސް މިހާރުހުރި ފެންނަވަރަށް ތަރައްޤީ ކުރީ ސަރުކާރުތަކުން.

ރަދީފު
1 year ago

(3) ފަންނީ މީހުންގެ އެހީތެރިކަމާއެކު،މިސްކިތުގެ ހިރިގަލުގެ ބައިތަކަށް ދޭންޖެހޭ ޓްރީޓްމަންޓް ދިނުމަށްފަހު ރައްކާތެރިކަމާއެކު ފޮށިފޮށީގައި ހިރިގަލުގެ ބައިތައް ޕެކްކޮށް، ލަކުޑީގެ ބައިތައްވެސް ޓްރީޓްކޮށް،ހުރިހާ ބައިތަކެއް ސްޓޯރޭޖްކުރީ މިޔުޒިއަމްގައި އެކަމަށް ޙާއްސަކުރި ހޯލްގައި. މިހުރިހާ ކަމެއްގައި އިސްކޮށް އުޅުނީ ޔުމްނާ. ކަޅުވަކަރު މިސްކިތް ރޫޅާލުމުގެ މަސައްކަތް މުޅިން ނުނިމެނީސް ޔުމްނާ ސަރުކާރުން އިސްތިއުފާދިން. ޔާމީނާ މައުމޫނާއި މައްސަލަޖެހުނީމަ.

ރަދީފު
1 year ago

(2) މިސްކިތް ބަހައްޓާ ސަރަހައްދާއި ބައުންޑަރީގެ ކުރެހުންތައް އެޗްޑީސީ އިން ކުރެހީމަ އެއަށް ގެންނަންފެންނަ ބަދަލުގެނެސް އެއަށްފަހު އެޕްރޫވްކުރީ ޔުމްނާ. މިސްކިތް ރޫޅާލުމުގެ މަސައްކަތް ފެށުމުގެ ކުރިންނާއި ރޫޅަމުން ދިޔައިރު ފޮޓޯއާއި ވީޑިޔޯ ޑޮކިޔުމެންޓޭޝަންހެދީ އެމްއެންޑީއެފްގެ ޚާއްސަ ޓީމަކުން. މިސްކިތް ރޫޅާލުމުގެ މަސައްކަތްކުރީ ހެރިޓޭޖް ޑިޕާޓްމަންޓުގެ ފަންނީ އެހީތެރިކަމާއެކު އެމްއެންޑީއެފް އިން އެކަމަށް ޚާއްސަކުރި ޓާސްކް ފޯސްއަކުން.

ރަދީފު
1 year ago

(1) ހުޅުމާލޭގައި ޤާއިމުކުރަން ޔާމިނު ސަރުކާރުން ޕްލޭންކުރި ކަލްޗަރަލް އައިލަންޑްގައި ކަޅުވަކަރު މިސްކިތް ބަހައްޓާ އެ މިސްކިތަކީ ނަމާދުކުރާ މިސްކިތަކަށް ހެދުމަށް ބޭއްވި ހުރިހާ މީޓީންގތަކެއްގައި ހެރިޓޭޖް ޑިޕާޓްމަންޓުން ބައިވެރިވީ ޑެޕިޔުޓީ މިނިސްޓަރ ޔުމްނާ މައުމޫން. އެކަމުގެ ޕްލޭނިންގ ސްޓޭޖްގައި ކަޅުވަކަރު މިސްކިތް ހުޅުމާލެ އަށް ގެންގޮސް ބަހައްޓާ ސަރަޙައްދު ހަމަޖަސައްސަން ދިޔާ ޓީމުގެ އެކަކީ ޔުމްނާ.

އަލީ އަމްޖަދު
1 year ago

ކޮން ދޮގެއް ހަދާކަށް ތިއުޅެނީ ކަޅުވަކަރު މިސްކިތް ރޭވި މީހުން ބުނޭ މިސްކިތުހެ ހުރިހާ ބައެއް ބަހައްޓާފައި ހުރީ ރައްކާތެރި ކަމާއެކު ވަރަށް ރަނގަޅު ޕެކިންއެއްގައި ކަމަށް. އޭރުގެ ސަރުކާރުން އެކަން ކުރަން އުޚުނީ ވެސް ރަނގަޅަށް. މިހާރުގެ ސަރުކާރުން އެކަން ކޮށްފައި އެހެރީވެސް ރަނގަޅަށް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.