އުސޫލާ ހިލާފަށް އެއްވެސް ރައްޔިތަކު މިއިން ސްކީމަކުން ބާކީ ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނެވެ.
ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން އުސޫލާ ހިލާފަށް އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.
މިއަދު ހެނދުން ފެށިގެން ސޯޝަލް މީޑިއާގައި ފްލެޓް ލިސްޓެއް ދަނީ ދައުރު ކުރަމުންނެވެ. އެއީ ޝަރުތު ހަމަނުވަނީސް ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާ ފްލެޓް ލިބޭ ލިސްޓް ގައި ހިމަނާފައިވާ މީހުންގެ ނަންތައް ކަމަށް ބުނެފައިވެ އެވެ. އެ ލިސްޓް ހަދާފައި ވަނީ އޭސީސީ ފަދަ މުއައްސަސާތަކުން އެފަދަ ލިޔުންތައް ތައްޔާރު ކުރާ ގޮތަށެވެ. ލިސްޓް ގައި "ސިއްރު" މިހެން ވެސް ޖަހާފައިވެ އެވެ.
ޝަރުތު ހަމަނުވަނީސް ޝަރުތު ހަމަވެފައިވާ ކަމަށް ކަނޑައަޅާ ފްލެޓް ލިބޭ ލިސްޓް ގައި ހިމަނާފައިވާ މީހުންގެ ނަންތައް ކަމަށް ބުނެ ލިސްޓެއް ނެރެފައި މި ވަނީ އަންނަ އާދިއްތަ ދުވަހު މަޖިލީސް އިންތިހާބުގެ ވޯޓް ނަގާތީ އެ ދަނޑިވަޅާ ދިމާކޮށް ކަމަށް ބެލެވެ އެވެ.
ހައުސިން މިނިސްޓްރީން މިރޭ ބުނީ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ލިބުނު މީހުންގެ ލިސްތަށް ބަދަލު ގެންނަން އުލޭ ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސް ކަން އުފެދޭ ގޮތަށް އެކި ފަރާތްތަޖުން ވާހަކަ ދައްކަމުންދާ ކަމަށެވެ.
މި ސަރުކާރުގެ ވިސްނުމަކީ މި ދެ ސްކީމުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން ކަމަށާ އެހެން ކަމުން އުސޫލާ ހިލާފަށް އެއްވެސް ރައްޔިތަކު މިއިން ސްކީމަކުން ބާކީ ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. މިއީ އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދާ ގުޅިފައިވާ ވަރަށް ހައްސާސް މައްސަލަ އެއް ކަމުން މިނިސްޓްރީގެ ބަހެއް ނެތި ސިޔާސީ ބޭނުމަށް ދޮގު ނުފަތުރަން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.