ހައިކޯޓުން ޔާމީން މިނިވަންކޮށް، އަލުން މައްސަލަ ބަލަން އަންގައިފި

ހައިކޯޓުން މިއަދު ވަނީ ޔޫސުފް ނައީމަށް ހުކުމް ކުރި މައްސަލަ އާއި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގައި އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އަލުން އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ. ހުކުމް ބާތިލު ކުރުމާއެކު އެމަނިކުފާނު މިރޭ ވަނީ މިނިވަންވެވަޑައިގެންފަ އެވެ.

އާރަށު މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޑިސެމްބަރު 25، 2022 ގަ އެވެ. އަދި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް މި މައްސަލައިގެ ތެރެއިން އިއްވާފައިވެ އެވެ.

މި މައްސަލައިގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރަން އާރަށް ހޯދުމުގެ މުގާބިލުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޔާމީނަށް ދިން ކަމާއި އަދި އެ ފައިސާ ރައީސް ޔާމީން ނަންގަވައި ލޯންޑާކުރިކަން ސާބިތުވެފައިވެ އެވެ. ދެ ބޭފުޅުންގެ ފަރާތުން މި މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. 

ހައިކޯޓުން މިއަދު ވަނީ ޔޫސުފް ނައީމަށް ހުކުމް ކުރި މައްސަލަ އާއި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގައި އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އަލުން އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފަ އެވެ.

މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އިއްވާފައި ވަނީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވެ އެވެ. 

މި ދައުވާއާ ގުޅޭ ގޮތުން ހައިކޯޓުން މިރޭ އިއްވި ހުކުމުގައި ބުނެފައި ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލަން ނުވަތަ އެ ދައުވާ ސާބިތު ކުރުމަށް މަނީ ލޯންޑަރިންއާ ގުޅޭ އެހެނިހެން ކުށްތައް ސާބިތުވާން ނުޖެހޭ ކަމަށެވެ. އެގޮތުން މި މައްސަލައިގައި މަނީލޯންޑަރިންގެ ކުށާއެކު ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ހުށަހަޅާފައިވެ އެވެ.

ހުކުމުގައި ބުނީ، ވަކި މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޝައްކު ކުރެވޭ ހާލަތެއްގައި އެމުދާ އަތުގައި ބަހައްޓާ އޭގެ ބޭނުން ކުރުން ނުވަތަ އެ މުއްދަލެއްގެ އަސްލު އޮޅުވައިލުން ހިމެނޭހެން ކުށުގެ މާއްދީ ރުކުން ސާބިތުވާން ޖެހޭ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއެކު ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމް މިހާރު ބާތިލުކޮށްފައިވާކަން ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އެ ދައުވާ ބާތިލުކުރުމުގެ ނަތީޖާއަކީ އެ ދައުވާގެ މައުނަވީ ރުކުނުގެ ގާނޫނީ ހުއްޖަތު ނެތި ދިއުން ކަމަށާއި އެހެންކަމުން މަނީ ލޯންޑަރިންގެ ކުށާ ގުޅޭ ނިންމުން ބާތިލުވެގެން ދިއުން ކަމަށެވެ. 

އިސްތިއުނާފީ ނުކުތާތަކުގައި ދެން ހުރި ކަންކަމަކީ ރިޝްވަތު ހިފުމުގެ ދައުވާގައި ވެސް ހުރި ކަންކަންކަމުން ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ އެކަންކަން ތަކުރާރު ކުރައްވާފަ އެވެ.

ދަށު ކޯޓުން ހިންގި ޝަރީއަތުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ގެއްލިފައި ވާތީ ހަސްމުންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ނިންމައި މައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓަށް ތަހުވީލު ކުރަން ވަނީ ހުކުމްކޮށްފަ އެވެ. 

މިވަގުތަށް ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވި ނަމަވެސް، ކްރިމިނަލް ކޯޓުން އަނެއްކާވެސް މި މައްސަލައިގެ ޝަރީއަތްތައް ހިންގާނެ އެވެ. އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި ދައުވާކޮށްފައިވާ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.