މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ކުރަމުންދާ ބޮޑު ވިއްސާރާގަ ޔޫއޭއީގެ ގިނަ ސަހަރުތައް އޮތީ އަދިވެސް ފެނު އަޑީގަ އެވެ. މި ސަހަރުތަކުގެ ތެރޭގައި ވިޔަފާރީގެ މައި ހަބް ދުބާއީވެސް ހިމެނެ އެވެ.
މޫސުން ގޯސްވެ ފެން ބޮޑުވުމުގެ ސަބަބުން ދުބާއީ އެއާޕޯޓް / އަބޫދާބީ އެއާޕޯޓުން ފުރުމުގައި ލަސްވި ނަމަވެސް، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދަތި ކަމެއް ދިމާ ނުވާނެ ކަމަށް ޓޫރިސްޓުން ގެންނަ ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.
މިހާރު މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ކުރަމުންދާ ގަދަ ވިއްސާރާގައި ޔުނައިޑެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގިނަ ހަތް ސަހަރުގައި ވެސް ވަނީ ފެން ބޮޑުވެފަ އެވެ. އެންމެ ބޮޑަށް ފެން ބޮޑުވުމުގެ ސަބަބުން ދިރިއުޅުމުގެ ގިނަ ކަންތައްތަކަށް ބުރޫއެރި އެއް ސަހަރަކީ ދުނިޔޭގެ ވިޔަފާރީގެ މައިހަބު ދުބާއީ އެވެ. މިގޮތުން ވިއްސާރައިގެ ސަބަބުން އެއާޕޯޓަށް އައިސް ގޮސްވުން އެއްކޮށް ހުއްޓިފައިވާއިރު ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލް ވެފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސް ގޮސްވުމަށް ވެސް ހުރަސް ތަކެއް މިވަގުތު ވެސް އެބަހުއްޓެވެ. މި އެއާޕޯޓަކީ ރާއްޖެއަށް އުދުހޭ މަޝްހޫރު އެމިރޭޓްސް އާއި ފްލައި ދުބާއީގެ މައި ހަބެވެ. އަދި ޔޫއޭއީގެ މައި ރަށް އަބޫދާބީއިން ރާއްޖެ އަންނަ އިއްތިހާދު އެއާވޭސްގެ ފްލައިޓް ވެސް ވަނީ ޑިލޭ ވެފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް އެއާލައިން ކަމަށްވާ ފްލައި ދުބާއީ ރާއްޖެ ގެންނަ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ ޓޫރިސްޓުން އައުމުގައި ރާއްޖެއަށް ދަތިތަކެއް ނެތް ކަމަށެވެ. މީގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ދުބާއީ އެއާޕޯޓަށް އަންނަ ޓްރާންސިޓް ފަސިންޖަރުން ފުރުމުގައި ހުރައެއް ނެތެވެ.
"އެއާޕޯޓަށް އައިސް ގޮސް ނޫޅެވެނީ. އެކަމަކު ޓްރާންސިޓް ކުރުމުގައި މައްސަލައެއް ނެތް. އެއާޕޯޓުން ނުނިކުމެވެނީ. އެހެންވެ ޓްރާންސިޓްކޮށްފަ ދުބާއީ މަގުން އަންނަ ޓޫރިސްޓުންނަށް މައްސަލައެއް ނެތް،" ފިރާގު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ފްލައިޓް ޝެޑިއުލް ދައްކާ ގޮތުގައި މިއަދު މެންދުރު ރާއްޖެއަށް އަންނަން އޮތް އިއްތިހާދު އެއާވޭސް އާއި ފްލައިދުބާއީ އަދި އެމިރޭޓްސްގެ ފްލައިޓްތައްވެސް ވަނީ ހަވީރުގެ ވަގުތަކަށް ޑިލޭވެފަ އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ޕީއާރު މެނޭޖަރު ޝައްމާން ޝާކިރު ވިދާޅުވީ ފްލައިޓުގައި ޑިލޭތަކެއް އުޅޭ ކަމަށާ ނަމަވެސް އައުމުގައި މައްސަލައެއް ނެތް ކަމަށެވެ.
"އިއްޔެ ވެސް މިއަދު ވެސް ޑިލޭ އެބަހުރި. އެކަމަކު އިއްތިހާދު ވެސް އަދި އެމިރޭޓްސްގެ އިތުރުން ފްލައި ދުބާއީ ވެސް ރާއްޖެ އަށް އާދެވޭ،" ޝައްމާން ވިދާޅުވި އެވެ.