ގުޅިފަޅު ހިއްކުމުގެ މަސައްކަތް ނިންމާއިރު ކުރީ ސަރުކާރުން ހިއްކަން ކަނޑައެޅި ސްކޭލް ބޮޑުކޮށް މި ސަރުކާރުން ވަނީ އިތުރު ބިން ވެސް ހިއްކާފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ކ. ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު ހިއްކާ ނިންމާލައިފި އެވެ.
ގުޅިފަޅުން މާލެ ރައްޔިތުންނަށް ގޯތިދޭން ނިންމާ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށީ ރައީސް ސޯލިހްގެ ސަރުކާރުންނެވެ. އެ ސަރުކާރުން ވަނީ ގުޅިފަޅުން 5،000 މީހުންނަށް ގޯތި ދޭން ނިންމާ އިއުލާނު ވެސް ކޮށްފައެވެ. ނަމަވެސް ދައުރު ނިމުނުއިރު ހިއްކަން ކަނޑައެޅި ސަރަހައްދުގެ ބޮޑު ބައެއް އޮތީ ނުހިއްކަ އެވެ.
އެ ސަރުކާރުން ވަނީ ހިއްކުނު ތަންކޮޅުން ގޯތި ދެވޭ މިންވަރަށް ގޯތި ވެސް އޭރު ދޫކޮށްފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލާފައިވާ ކަމަށެވެ. ގުޅިފަޅު ހިއްކުމުގެ މަސައްކަތް ނިންމާއިރު ކުރީ ސަރުކާރުން ހިއްކަން ކަނޑައެޅި ސްކޭލް ބޮޑުކޮށް މި ސަރުކާރުން ވަނީ އިތުރު ބިން ވެސް ހިއްކާފައެވެ.
ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު ހިއްކާ ނިންމާލާފައިވާއިރު ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން މިދިޔަ ސަރުކާރުން ހަދާފައިވާ ގޮތަށް ރައީސް މުއިއްޒު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި ލޭންޑް ޔޫސް ޕްލޭން ހަދާފައި އޮތީ ކުޑަކުއްޖަކު ގަނޑެއްގައި ގޮޅި ޖަހާ އުސޫލުންނެވެ.
ހިއްކި ބިމުގައި އޮތީ މުޅީން ގޯއްޗެވެ. އަސާސީ އެހެން ހިދުމަތްތަކާއި ހިތްފަސޭހަ ތަނަކަށް ހެދުމުގެ އެއްވެސް ޕްލޭނެއް ނެތެވެ. އެހެން ކަމުން މި ސަރުކާރުން ވަނީ އަލުން ލޭންޑް ޔޫސް ޕްލޭން ހަދާފައެވެ. ކުރީގެ ޕްލޭނާއި މިހާރުގެ ޕްލޭންގެ ތަފާތު ރައްޔިތުންނަށް ހިއްސާ ކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
އެ ނިންމުމާއި ގުޅިގެން ގޯތި ދީފައިވާ ތަންތަނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެ އެވެ. ނަމަވެސް ގޯތި ދިން ސަރަހައްދާއި ރަށަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
މީގެ އިތުރުން ގުޅިފަޅުން އިތުރަށް ހިއްކި ބިމުން ވެސް ގޯތި ދޭނެ އެވެ. އެ ގޯތިތައް ދޭނީ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ބަޔަކަށެވެ. ޖުމްލަ 1300 ގޯތި ބަދަލު ކުރަން ވަނީ ނިންމާފައެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށާ އެ ގޯތިތައް ބަދަލު ކުރާނީ ގުޅިފަޅަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެކަމަށް އެދޭ މީހުންނަށް ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
އެ މިނިސްޓްރީން ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލް ހިއްސާކޮށް ފައެވެ.
މި ސަރުކާރުން ވަނީ ބޯހިޔާވަހި ކަމަށް ވަރަށް ބޮޑު މަޝްރޫއުއެއް ފަށާފައެވެ. މި ސަރުކާރުން ހިއްކަނީ ފުށިދިއްގަރުފަޅެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ "ރަސްމާލެ" ނަމުގައެވެ.
މަޝްރޫއުގެ މާ ބޮޑު ތަފްސީލެއް ސަރުކާރުން ފަހުން ހާމައެއް ނުކުރެ އެވެ. ބޮޑު ރަސްމިއްޔާތެއް ބާއްވާ ބިއްހިކުން ފެށި ނަމަވެސް މިހާރު ކުރިއަށް ގޮސްފައިވާ ގޮތުގެ ތަފްސީލެއް ނުދެ އެވެ. ސަރުކާރުން ދަނީ ހުޅުމާލެއާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.