ފ. މަގޫދޫން، އެރަށުގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތައް އަވަހަށް ނިންމައި ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދުނެވެ.
ފ. މަގޫދޫގެ ތަރައްގީއަށް ފަށާފައި ހުރި ހުރިހާ ކަމަކީ ހުއްޓައިނުލާ ކުރިޔަށް ގެންދާނެ ކަންތައްތައް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ މަގޫދޫ ކައުންސިލާއި ޑަބްލިޔުޑީސީއާ ބައްދަ ލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިއަދު އެ އަތޮލު ބިލެތްދޫ ފެނަކަ އޮފީހުގައި ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލު ކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުމާއި ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާ ކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އާ އިމާރާތެއްގެ މުހިންމުކަން ހިމެނެ އެވެ.
އަދި އެރަށުގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތައް އަވަހަށް ނިންމައި ދޭން ވެސް ކައުންސިލުން އެދުނެވެ.
ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ފިކުރަކީ ތަރައްގީގެ ފިކުރު ކަމަށާއި މަގޫދޫގެ އެއާޕޯޓްގެ މަޝްރޫއު އާއި ތަރައްގީގެ އެހެން މަޝްރޫއުތައް ވެސް ހުއްޓާނުލައި ނިންމަވައި ދެއްވާނެ ކަމަށެވެ. އަދި އިތުރު މަޝްރޫއުތައް ވެސް އެރަށުގައި ހިންގައި ދޭނެ ކަމަށް ވެސް ރައީސު ވިދާޅުވި އެވެ.