"އިރާދަކުރެއްވިއްޔާ އީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން ކޮވިޑްގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް ސަރުކާރުން މާފު ކުރަން މިއޮތީ ނިންމާފަ. އެއީ ލޯނު ނެގި ހުރިހާ އެންމެންނަށް މާފު ވާނެ،"
ކޮވިޑު-19ގެ ބަލިމަޑުކަން ފެތުރިގެން އުޅުނު ދުވަަސްވަރު އެކިއެކި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފު ކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ މިރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާގަ އެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް އެކިއެކި ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ކޮވިޑް ދުވަސްވަރު އެސްޑީއެފްސީ އިން ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓްތަކާއި އެޗްޑީއެފްސީ އިން ނަގާފައިވާ ހައުސިން ލޯނުތަކަށް ކޮވިޑް ދުވަސްވަރު އަރާފައިވާ އިންޓްރެސްޓް ކުޑަކުރުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން ކޮވިޑްގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް ސަރުކާރުން މާފު ކުރަން މިއޮތީ ނިންމާފަ. އެއީ ލޯނު ނެގި ހުރިހާ އެންމެންނަށް މާފު ވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފު ކޮށްދޭނެ ކަމަށް ކުރީ ސަރުކާރުން ވެސް ވައުދުތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް އަމަލުން އެކަން ނުދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އީދު ބަންދަށްފަހު ސަރުކާރު ހުޅުވުމާއެކި އެ އިދާރާތަކަށް ދިއުމަށްފަހު އިންޓްރެސްޓް ރޭޓް މާފުކޮށްދިނުމަށް އެދޭ އެޕްލިކޭޝަނެއް ފުރައި، ދެފަރާތުގެ މެދުގައި ހެދޭ އެގްރިމެންޓެއްގެ ދަށުން އިންޓްރެސްޓް މާފު ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ލުއިދޭން. ފައިސާ ޗާޕު ނުކޮށް ލުއި ދެމުން، ބޭރުގެ ދަރަނި ދައްކަމުން، އެތެރޭގެ އެކި ކުންފުނިތަކަށް ސަރުކާރުން އެކިތަންތަނަށް ދަރާފަ ހުރި ދަރަނި ދައްކަމުން ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ގައުމު ހިންގަނީމި،" ރައީސް ވިދާޅުވި އެވެ.