އުތުރު ޓޫރިޒަމާ ނުލައި ހަނިމާދޫ ވާނީ ބާދަނގަޑަށް

ހަނިމާދޫގައި އިންޑިއާ މީހުން ލައްވައި އެއާޕޯޓެއް އަޅައި ހެލިކޮޕްޓަރު ބޭއްވޭވަރުގެ ވަރުގަދަ ހެނގަރު ތަކެއް ހެދިޔަސް ނުފުދެ އެވެ. މި ތަނަކީ ފީޒިބަލް ތަނަކަށް ހަދަން ސަރުކާރުން ހިތްވަރު ލާންޖެހެ އެވެ. އެއާޕޯޓެއް އެޅިޔަސް އެތަނަށް ބޯއިން 737 ބޯޓެއް ނުޖައްސާނެ އެވެ. ބޯޓު ޖެއްސޭނީ އެ ބޯޓުން ގެނެވޭނެ މީހުން ވެގެނެވެ. މީހުން ވާނީ އެ އަންނަ މީހުން ވަންނާނެ ކޮޓަރިއެއް ހުރެގެންނެވެ. އެކަން ވާނީ ސަރުކާރުން ލޯ ހުޅުވައިގެން މިކަން ކުރާނެ ރަނގަޅު ޕްލޭނެއް ހަދަން އިކޮނޮމިކް ކައުންސިލުން ގޮތެއް ނިންމިގެންނެވެ.

ހަނިމާދޫ އެއާޕޯޓްގެ ކުރެހުމެއް: މި ބިޔަ ޕްރޮޖެކްޓް ކާމިޔާބު ކުރުމަށް ގިނަ ބައިވަރު އިތުރު މަސައްކަތް ކުރަން ޖެހޭ

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްވާ އެއް ތަނަކީ އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުންޏެވެ. ސަބަބަކީ ރާއްޖޭގެ އެންމެ ބައިބޯ، އުންމީދު އޮތް ނަމަވެސް އެ އެއާޕޯޓަށް ފްލައިޓް ނުގެން ދެވުމެވެ. އެތަން " ގޯސްޓް އެއާޕޯޓެ" އްގެ ގޮތުގައި ސިފަ ކުރެވެނީ އެ ސަރަހައްދުގައި ޓޫރިޒަމް ނެތިގެނެވެ. އެހެންވެ ކިތަންމެ ބޮޑު އިންވެސްޓްމަންޓެއް ނަމަވެސް ޓެކްނިކަލީ އެތަން ވެފައިވަނީ "ބާ ދަގަނޑަ" ށެވެ. މިހާރު ބޮޑުތިލަދުންމަތި، އުތުރުން، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވެސް މި ފަދަ ބާދަގަނޑު ފުންޏަކަށް ބަދަލު ވެގެން ހިނގައިދާނެ ކަމުގެ ބިރު ކުޑައެއް ނޫނެވެ.

ބޮޑު ބިޔަ ޕްރޮޖެކްޓަކާއެކު ހަނިމާދޫގައި ހަދަން އުޅޭ އިންޓަނޭޝަނަލް އެއާޕޯޓް "ފީޒިބަލް" ނުވާން ސަބަބުތަކެއް އޮންނާނެ އެވެ. އަދި އތަން ފިޒިބަލް ކުރަން ކުރެވޭނެ ކަންތައްތަކެއްވެސް ހުންނާނެ އެވެ. ހޯދައި ބަލަން ޖެހެނީ އެ ދެގޮތެކެވެ.

މިއީ ބޮޑު ސައެންސެއް ނޫނެވެ. އެއާޕޯޓެއް ފީޒިބަލް ވާން ބޭނުންވާނީ ފްލައިޓުތަކެއް އެއާޕޯޓަށް ގެންދިއުމެވެ. އިންޓަނޭޝަނަލް އެއާޕޯޓެއްނަމަ ބޭރުން ފްލައިޓް ގެނެވެން ޖެހޭނެ އެވެ އެހެން ނަމަވެސް ވަރުގަދަ ޒަމާނީ އެއާޕޯޓަކާ ދިމާއަށް އުތުރު ގެންދާއިރު މިހާރު ހަނިމާދޫ ސަރަހައްދުގައި ވެސް އެކަށީގެންވާ ވަރަށް ޓޫރިސްޓު އެނދެއް ނެތެވެ. އެއީ ވަރަށް ބޮޑު މައްސަލައެއް އަދި އެއީ ބޮޑު ބިރަކަށް ވާނެ އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި އިންވެސްޓްކޮށްގެން ބޭރުގެ ކުންފުނިތަކާއެކު ރިސޯޓު ހިންގާ ގިނަ ވިޔަފާރިވެރިންގެ ވާހަކައަކީ ވެސް އެއީ އެވެ.

މި ބިރު މިގޮތަށް އޮތަސް، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު ނަގައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ސަރުކާރު މިވަނީ ފަށައިގެންފަ އެވެ. މި މަަޝްރޫއަކީ މާލޭން ބޭރުގައި، މާލެ ސަރަހައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު މަޝްރޫ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަތީ ފެންވަރުގެ އެއާޕޯޓަކަށް ބަދަލު ކުރަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޓިޓް ލައިންގެ ތެރެއިން ނެރެފައިވާ 136 މިލިއަން ޑޮލަރު ނުވަތަ ދެ ބިލިއަން ރުފިޔާގެ ލޯނަކުންނެވެ. މި ލޯނު ދިނީ އިންޑިއަން އެގްޒިމް ބޭންކުންނެވެ. އިންޑިއާގެ ކުންފުނި ތަކަށް ހުޅުވާލައިގެން ނެގި ހަތަރު ކުންފުނީގެ ތެރެއިން މި އެއާޕޯޓުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސީ އެ ގައުމުގެ ޖޭއެމްސީ އެވެ. މި މަސައްކަތް ކުރާނީ މި އެއާޕޯޓު އޯން ކުރާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫއު މިހާރު އެ ވަނީ ހަވާލު ވެސް ކޮށްފަ އެވެ.

ހަނިމާދޫ މަޝްރޫއު ކުރުކޮށް

  •  އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު މަޝްރޫއެއް
  •  ޑިވެލޮޕާއަކީ އިންޑިއާގެ ޖޭއެމްސީ ކުންފުނި
  •  އެއާޕޯޓުގެ އޯނާޝިޕް: ރީޖަނަލް އެއާޕޯޓްސް / ރާއްޖެ
  •  މަޝްރޫއުގެ އަގު 136 މިލިއަން ޑޮލަރު
  •  2.46 ކިލޯ މީޓަރުގެ ރަންވޭއެއް
  •  އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް
  •  2461.21 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީ

"މި" ނޫހަށް އެނގިފައިވާ ގޮތުގައި މި ތަން ހަދަނީ ސްޓީލް ބޭނުން ކޮށްގެންނެވެ. އަދި މި މަޝްރޫއުގެ ބޮޑު ބައެއް ހޭދަ ކުރަނީ ޕެސެންޖަރު ޓާމިނަލް އަށެވެ. މި ތަން މެނޭޖުކޮށް ބަހަލައްޓާނީ ރާއްޖޭގެ ހަ އެއާޕޯޓެއްގެ ބެލެނިވެރިކަން އޮތް ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ

މި އެއާޕޯޓް ކިތަންމެހާ ފުރިހަމަވީ ނަމަވެސް މިތަން ހިންގޭނީ އެ ސަރަހައްދަށް ޓޫރިސްޓު އެނދު ތަކެއް ގެންދެވިގެނެވެ. ހަނިމާދޫ އެއާޕޯޓް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ. އުތުރަށް އެނދުތައް ގެންދިއުން އަވަސް ކުރަން ޖެހެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްސްގެ ބެލެނިވެރި ކުންފުނި، ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ "މި" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ފުރިހަމަ އެއާޕޯޓެއް 2024 ގައި ނިމެންވާއިރަށް އެ ސަރަހައްދުގައި އިންވެސްޓް ކުރަން ޖެހެ އެވެ. އޭނާ އެކަމަށް ވިޔަފާރިވެރިންނަށް ގޮވާވެސް ލައްވަ އެވެ.

"ވަރަށް އުންމީދު ބޮޑު މަޝްރޫއެއް މިއީ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހިންގަވާ މަަޝްރޫއެއް މިއީ. މި [އެއާޕޯޓް] މަޝްރޫއު ސަކްސަސް ވުމަށް ދެން ބޭނުން ވަނީ އެ ސަރަހައްދަށް ޓޫރިސްޓު އެނދު ތަކެއް. އެންމެ މަދުވެގެން 2،500 އެނދު ބޭނުންވޭ. އެ ވަރަށް އެނދު ގެން ދެވޭނެ މިހާރުން ފެށިގެން މަސައްކަތް ކޮށްފިނަމަ،" ރިޒްވީ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހިންގަވާ މަަޝްރޫއެއް މިއީ. އެކަމަކު އެ އެއާޕޯޓް މަޝްރޫއު ސަކްސަސްވާން އެ ސަރަހައްދަށް ބޭނުންވަނީ ޓޫރިސްޓު އެނދު ތަކެއް

މުހައްމަދު ރިޒުވީ | ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ

ހަނިމާދޫ، ބާދަގަނޑަށްވެ، ދަބަރަށް ވިޔަ ނުދިނުމަށްޓަކައި އެ ސަރަހައްދަށް ބޭނުންވާ ޓޫރިސްޓު އެނދު ގެންދަން މިހާތަނަށް ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތެވެ. އެ ސަރަހައްދަކީ މާލެއާ ދުރުގައި އޮންނަ ސަރަހައްދަކަށްވުމުން ސަރަހައްދުގެ ރަށްތައް ރީތި ކަމުން ހެވޭވަރު ވި ނަމަވެސް ފައިސާގެ ބޭނުމުގައި ރަށްތަކުން ކުރެވިދާނެ ކަމެއް މިހާތަނަށް ސަރުކާރުތަކަށް ދެއްކިފައެއް ނުވެ އެވެ. ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެ ސަރަހައްދުގައި އެންމެ އުންމީދީ މަޝްރޫއެއް ހިންގަން މަސައްކަތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. "އައިހެވަން" ގެ ނަމުގައި ޓްރާންޝިޕްމަންޓް ބަނދަރާއި ޓޫރިޒަމް ވަސީލަތް ހިމެނޭ އެ މަސައްކަތް ވެސް އިންޑިއާ ކަނޑުން އަރައިގެން އަންނަ ވައިރޯޅީގައި ޖެހި ހުއްޓުނީ އެވެ.

އައިހެވަން މަޝްރޫއުގެ ކޮންސެލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވި ގޮތުގައި އައިހެވަން މަޝްރޫއުގެ ޓޫރިޒަމް ކޮމްޕޯނެންޓުގައި ގިނަ ރިސޯޓުތަކެއް ގެންނަން ޕްލޭން އޮތެވެ.. އެހެންވެ އެކަން ކާމިޔާބުވި ނަމަވެސް މިހާރު އެ ސަރަހައްދުގައި ޓޫރިޒަމް ޕްރޮޕަޓީތައް އޮންނާނެ އެވެ.

ފެންނާން އޮތީ ނާގޯށީގެ މުސްކުޅިކަން

ކާމިޔާބުވީނަމަ، ނުވަތަ ނަމައަކުން ކުރެވޭނެ ކަމެއް ނެތެވެ. މިއަދު ހަނިމާދޫގައި ދެ ބިލިއަން ރުފިޔާގެ ލޯނަކުން މަޝްރޫއެއް ފަށައި ބަލާއިރު މުޅި އެ ސަރަހައްދުގައި ވެސް ހުޅުވޭނެ އުންމީދެއް އޮތީ ސަރުކާރަށް ބަލަދު އަރާފައިވާ "ބަރަވެލި" އެމްޓީޑީސީއާ ހަވާލު ކޮށްފައިވާ ނާގޯއްޓެވެ. އެ ރިސޯޓަކީ ވެސް ބޮޑު ނިގުލަށް ދެމިދެމި އޮންނަ ތަނެވެ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފުރަތަމަ ހަވާލު ކުރީ ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ 2007 ގަ އެވެ. އެފަހަރު އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދައްކާތީ 2016 ގައި އެއްބަސްވުން ބާތިލްކުރި އެވެ. އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމާފަ އެވެ.

އެމްޓީޑީސީގެ ނާގޯށި: މި ރަަށް ހެދޭނެ ދުވަހެއްވެސް ނޭނގެ -- އެޓޯލްސްމޯލްޑިވްސް

އެމްޓީޑީސީ އިން މިހާތަނަށް ބުނެފައިވާ ގޮތުގައި އެ ރިސޯޓުގައި 1670 އެނދު ހުންނާނެ އެވެ. އެތަނަށް އެންމެ ކުޑަކޮޑަކޮށް ބެލިނަމަވެސް 300-400 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހެ އެވެ. މިހާރު އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗާއަކުން ނާގޯށި ތަރައްގީ ކުރާށެވެ. އެންމެފަހުގެ މައުލޫމާތަކީ ރަށުގެ އީއައިއޭ ވަނީ ހަދާފަ އެވެ. އެ ކުންފުނިން ބުނަނީ ރިސޯޓު އަލުން ހަދަން ފެށޭނީ މި އަހަރުގެ ފަހުކޮޅު އެވެ.

ދެން އޮތީ މި ސަރުކާރުން ފުރަތަމަ ދޫކުރި ރަށް ކަމަށްވާ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން، މުހައްމަދު ނާޝިޒުގެ ހިއްސާ އޮންނަ ޕާލްސޭންޑްސް އަށް ހަވާލުކުރި ހއ. ވެލިފިނޮޅެވެ. އެ ރިސޯޓަކީ 100 އެނދު ތަނެވެ. އެހެންވެ މިހާރުން މިހާރަށް ބެލި ނަމަވެސް ރިސޯޓް ޕްރޮޕަޓީގެ ގޮތުގައި ފެންނާން އޮތީ ޖުމްލަ 1770 އެނދެވެ. އެކަމަކު މި އެނދުތަކަކީ ވެސް ހުޅުވާނެ ކަމުގެ ޔަގީންކަން ނެތް ޕްރޮޕަޓީ ތަކެވެ.

ބިމު ކުލި ކުޑަކޮށްދީފި، އާރްޓީއެލްއަކީ އުންމީދެއް

ކުރި އަށް އޮތްތަނުގައި ޓޫރިޒަމް ޕްރޮޕަޓީ ތަކެއް ގެނެވިދާނެ ގޮތަށް ސަރުކާރުން ވަނީ ކަންކަން މި ސަރަހައްދަށް ފަހި ކޮށްދީފަ އެވެ. ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ޓޫރިޒަމް ބިމު ކުލި ކުޑަކޮށް ދިނުމެވެ. އެ ސަރަހައްދަށް އިންވެސްޓް ކުރާ އިންވެސްޓަރަކަށް މީހުން ދިރިއުޅޭ
ރަށެއްގައިނަމަ މާލެ ސަރަހައްދާ އަޅާ ކިޔާނަމަ ލޭންޑް ރެންޓް 75 ޕަސެންޓް ކުޑަވާނެ އެވެ. އަދި މީހުން ދިރި ނޫޅޭ ރަށެއްގައިނަމަ ލޭންޑް ރެންޓުން 50 ޕަސެންޓުގެ ލުޔެއް ލިބޭނެ އެވެ. މިހުރީ އިންވެސްޓަރުންނަށް ހުރި ލުއިފަސޭހައަށް ވާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް: މި ސަރަހައްދަށް އިންވެސްޓަރުން ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި -- ޓޫރިޒަމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "މި" ނޫހަށް ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި އާރްޓީއެލް ސްޕީޑް ފެރީ ވެސް ފަށާފައިވުމާއެކު، މިހާރު ދީފައިވާ ލުއިތަކާއެކު ކުރިއަށް އޮތްތަނުގައި އިންވެސްޓަރުން ޝައުގުވެރިވާނެކަމުގެ އުންމީދުތައް ފެނެ އެވެ.

"މިހާތަނަށް އެންމެ ބޮޑު ގޮންޖެހުމަކީ އިންޓަނޭޝަނަލް އެރައިވަލްސް ހެދޭނެ ގޮތެއް ނެތުން. އެކަމަކު ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް މަޝްރޫއު ފެށުމަކީ އިންވެސްޓަރުންނަށް ލިބުނު އުންމީދެއް. މީގެ އިތުރުން އިންވެސްޓަރުންނަށް ފަހި ކުރަން ބިމު ކުލި އޮތީ ކުޑަކޮށްދީފައި. އާއްމު ދިވެހިންނެކޭ ތަފާތެއް ނެތި އެއް އަގެއްގައި ޓޫރިސްޓުންނަށް ދަތުރު ކޮށްލެވޭނެ ފެރީގެ ނެޓްވޯކެއް އެބައޮތް. އަނެއްކާ ކުޅުދުއްފުށީ ހޮސްޕިޓަލް ވެސް ވަރުގަދަ. އެހެންވީމަ ކުރިއަށް އޮތްތަނުގައި އިންވެސްޓަރުން އެ ސަރައްދަށް ދާނެ ކަމުގެ އުންމީދު ބޮޑު،" މައުސޫމް ވިދާޅުވި އެވެ.

އިންވެސްޓަރުންނަށް ފަހި ކުރަން އެ ސަަރަހައްދުގައި ބިމުކުލި އޮތީ ކުޑަ ކޮށްދީފައި. އާއްމު ދިވެހިންނެކޭ ތަފާތެއް ނެތި އެއް އަގެއްގައި ޓޫރިސްޓުންނަށް ދަތުރު ކުރެވޭނެ ފެރީ ނެޓްވޯކެއް އެބައޮތް. އެހެންވެ ކުރިއަށް އޮތްތަނުގައި އިންވެސްޓަރުން އެ ސަރައްދަށް ދާނެ ކަމުގެ އުންމީދު ބޮޑު

ޑރ. އަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު

ހަނިމާދޫ އެއާޕޯޓް ފެންވަރު މަތީކޮށް ނިންމަން ކިޔާ ސުންގަޑިއަކީ 2024 އެވެ. އެހެންވެ މިހާރު ރަށްތަކެއް ނެރެގެން އިންވެސްޓަރުން ލައްވާ ރަށްތައް ހަދަން އަދި ވަގުތު އެބައޮތެވެ. ނަމަވެސް މީގެ ކުރިން ވެސް އެނދުތަކެއް އިތުރު ކުރަން ސަރުކާރުގެ ހިތްވަރު ހުރި ނަމަވެސް މަސައްކަތް ކުރެވިދާނެ އެވެ. އެގޮތަކީ މި ސަރުކާރުން އިއުލާނުކުރި "ހޯމްސްޓޭ" އާއި "ގެސްޓްހައުސް" އަދި "ބުޓީކް ހޮޓާ" ހަދައިގެނެވެ. މި ކަމަކީ މާބޮޑެތި އިންވެސްޓަރުންނަށް ނޫނަސް ކުރެވޭނެ ކަމެވެ. ހާއްސަކޮށް ހޯމްސްޓޭ އަށް އެނދު ތަކެއް ނެރެގެން ބޮޑު ނަމްބަރެއް ދެއްކިދާނެ އެވެ.

ހަނިމާދޫގައި އިންޑިއާ މީހުން ލައްވައި އެއާޕޯޓެއް އަޅައި ހެލިކޮޕްޓަރު ބޭއްވޭވަރުގެ ވަރުގަދަ ހެނގަރު ތަކެއް ހެދިޔަސް ނުފުދެ އެވެ. މި ތަނަކީ ފީޒިބަލް ތަނަކަށް ހަދަން ސަރުކާރުން ހިތްވަރު ލާންޖެހެ އެވެ. އެއާޕޯޓެއް އެޅިޔަސް އެތަނަށް ބޯއިން 737 ބޯޓެއް ނުޖައްސާނެ އެވެ. ބޯޓު ޖެއްސޭނީ އެ ބޯޓުން ގެނެވޭނެ މީހުން ވެގެނެވެ. މީހުން ވާނީ އެ އަންނަ މީހުން ވަންނާނެ ކޮޓަރިއެއް ހުރެގެންނެވެ. އެކަން ވާނީ ސަރުކާރުން ލޯ ހުޅުވައިގެން މިކަން ކުރާނެ ރަނގަޅު ޕްލޭނެއް ހަދަން އިކޮނޮމިކް ކައުންސިލުން ގޮތެއް ނިންމިގެންނެވެ. އުތުރުގެ އެ ސަރަހައްދަށް އިންވެސްޓަރުން ދަހިލަވާނެ ގޮތްތަކެއް ހޯދަން ތަޖުރިބާކާރުންގެ ލަފާ ވެސް ހޯދައިގެނެވެ. އިންވެސްޓަރުން ހޯދުމުގެ ކުރީގައި ޖީބަށްލާނެ ބައި އަޅާނެ ގޮތެއް ބެލުމުގެ ބަދަލުގައި މި މަސައްކަތުގައި އިހުލާސްތެރި ވާން ވެސް ޖެހެ އެވެ. އެހެން ނޫނީ ސްޓީލުން ކީއްކުރަން ރިހިން ޓާމިނަލް ހެދިޔަސް ހަނިމާދޫ އެއާޕޯޓުގައި ދަމިލަ ޖަހައި ދަބަރު ހިލި ފޮޅިގެން ފޭބުން ނޫން ގޮތެއް ނޯންނާނެ އެވެ. އެހިސާބަށް ދާން އެއީ "ގޯސްޓް އެއާޕޯޓެ" ކެވެ.

ކޮމެންޓް

4
450
އަހުމަދު އަލީ
1 year ago

ކޮންމެވެސް ވާހަކައެއް ދައްކައިގެން އިންޑިއާގެ އަސްކަރި ބޯޓު ފަހަރު ބަހައްޓަން ތަނެއް ތިޔަ ހަދަނީ. ބަލަ ފީޒިބަލް ނެތް ތަނެއްގައި 2.5 މީޓަރުގެ ރަންވޭއެއް އެޅުމުގެ ބޭނުމަކީ ކޮބާ؟ 2.5 މީޓަރުގެ ރަންވޭއަކީ ފައިޓާ ޖެޓް ފްލައިކޮށްލެވޭ ވަރުގެ ރަންވޭއެއް. މިތަން އޭރުން ބޭނުން ކުރެވޭނެ މޮރިޝަސްގެ އަގަލަގެ އައިލެންޑުން ފްލައިކުރާ ޖެޓުތައް ޖައްސަން. މޮރިޝަސް، ހަނިމާދޫ ޑިސްޓެންސްއަކީ 2.6 ކިލޯ މީޓަރު. މިއީ ފައިޓާ ޖެޓު ޑިސްޓެންސް

އަލީމް ބާއީ
1 year ago

ބޮޑު ތިލަދުންމަތީގަ ނެތް ތިޔަކަން ކުރެވޭނެ މީހެއް

ދަންނަ ނުދަނަން އެނިއުމިނޭޓަރު
1 year ago

ފުރަތަމަ އެއާޕޯޓެއް ނޭޅޭނެ. ކީކޭ ކިޔަން ތިޔަ އުޅެނީ. ތިޔަ އުޅެނީ

ހަބީބައްތަ
1 year ago

މިއީ ވަރަށް މުހިންމު ވާހަކަތަކެއް ބުނެދީފައިވާ ވަރަށް މުހިންމު ފުރިހަމަ ރިޕޯޓެއް، މީގައި ބުނެފައިވާ ގޮތަކަށް މަސައްކަތް ނުކުރެވި ދާނަމަ ހަނިމާދޫ އެއާޕޯޓް ވާނީ ގޯސްޓް ސިޓީއަކަށް އަދި އެތަނުގައި މަައިގަނޑު ބޭނުންމަކަށް ވެފައި އޮންނާނީ އިންޑިއާ ސިފައިންގެ އޮޕަރޭޝަންތައް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.