"އަޅުގަނޑު ސުވާލު އުފައްދަން ރައީސް ޔާމީން އެއޮއް ހުރިހާ ދުވަހު ޖަލުގަ އޮތްއިރު ކީއްވެގެންތޯ މެޑަމް ފާތުން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ! ޒައިން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ! ކީއްވެގެންތޯ؟"
ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި ދަރިން ނުވާ ގުރުބާނީ ޕީޕީއެމް / ޕީއެންސީގެ ލީޑަޝިޕުން ވެފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ޕީޕީއެމް / ޕީއެންސީ ލީޑާޝިޕާ ދެކޮޅަށް ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ބައެއް ވާހަކަތަކަށް ލީޑާޝިޕުން މިއަދު ރައްދު ދީފައި ވަނީ ޕެނެލް ޑިސްކަޝަންއެއްގަ އެވެ.
ލީޑާޝިޕުން ބޭއްވި ޕެނެލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ވެއްޓުމުން ދެއްވި ތަގުރީރު އެގޮތުގައި ދެމިއޮތް ކަމަށެވެ. އެމަނިކުފާނު އެދުވަހު ވިދާޅުވީ އެއް ވާހަކައަކީ އެމަނިކުފާނަށް މީހުން ދަސްނުވުމުން ކަމަށާއި މިއަދު ވެސް މީހުން ދަސް ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީންގެ އެންމެ އަރިހުގައި އުޅުއްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަކީ އެމަނިކުފާނު އަވަހާރަ ކޮށްލަން ފިނިފެންމާ ލޯންޗު ގޮއްވާލިއިރު އިންޓެލިޖެންސް މައުލޫމާތު ހިފަހައްޓައިގެން ހުންނެވި ބޭފުޅާކަން އަބްދުއްރަހީމް ހަނދާން ކޮށްދެއްވި އެވެ. ޔާމީން ޖަލަށް ވަޑައިގަތުމުން ލީޑާޝިޕުން މަގުމަތީގައި މުޒާހަރާ ކުރިއިރު، މުހައްމަދު މަލީހު ޖަމާލް އިންނެވީ މިނިސްޓަރު ކަމުގައި ފިނިކޮޓަރީގައި ކަމަށް ވެސް ވިދާޅުވި އެވެ.
"މަލީހު އެބައޮތް ބުނެފަ 2018 ވަނަ އަހަރު ރައީސް ޔާމީނަށް ވެރިކަން ލިބިއްޖެނަމަ އަނިޔާވެރިކަން އިންތިހާޔަށް ދާނެއޭ.
މިތާނގަ [ޕީއެންއެފްގެ ލީޑާޝިޕުގަ] އިސްކޮށް ނެތޭ ޔާމީނަށް ހެޔޮއެދޭ އެކަކު ވެސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ލީޑާޝިޕުން ރައީސް ޔާމީންގެ ހައްގުގައި މުޒާހަރާތައް ކުރީ ދަރަނިވެރި ވެގެންނާއި އަމިއްލަ ޖީބުން އެތައް ހަރަދެއް ކޮށްގެން ކަމަށެވެ. އެއިން އެންމެ މުޒާހަރާއެއްގައި ވެސް ޔާމީންގެ އަރިހުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ސުވާލު އުފައްދަން ރައީސް ޔާމީން އެއޮއް ހުރިހާ ދުވަހު ޖަލުގަ އޮތްއިރު ކީއްވެގެންތޯ މެޑަމް ފާތުން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ! ޒައިން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ! ކީއްވެގެންތޯ؟ މީ ސުވާލު އުފައްދަން ޖެހޭ ކަންކަން ނޫންތޯ؟" އެހެން ސިޔާސީ ލީޑަރުން ޖަލަށްލުމުން އެބޭފުޅުން އަނބިން ނުކުންނެވިކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.
މި ޕެނެލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އޭރު ކުރި މުޒާހަރާތަކުގައި ހައްޔަރު ކުރާ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރު ކޮށްދޭން 40 އަށްވުރެ ގިނަ ލޯޔަރުންގެ ޓީމެއް އޮތް ކަމަށެވެ. އޭރުގެ ސަރުކާރުން އެތައް އަނިޔާތަކެއް ލީޑާޝިޕްގެ ބޭފުޅުންނަށް ދިން ކަން ވެސް ފާހަގަކުރެއްވި އެވެ.
މުޒާހަރާތައް ކުރީ ދޯދިޔާކޮށް ކަމަށާއި އެމަނިކުފާނު މިނިވަން ކުރަން ލީޑާޝިޕުން ބޭނުންނުވާ ކަމަށް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ އެގޮތަށް ޔާމީން ވާހަކަ ދައްކަވަނީ ކަން ހިނގައި ދިޔަ ގޮތް ލޯޔަރުން ޔާމީނަށް ކިޔައިނުދޭތީ ކަމަށް ބެލެވިދާނެ ކަމަށެވެ. އަނެއް ގޮތަކީ ސިޔާސީ ބޭނުމެއްގައި ގަސްދުގައި ޔާމީން އިތުރުފުޅު ހެއްދެވުން ކަމަށެވެ.
"އޭގެ ނަތީޖާއަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުވުން. އޭގެ ނަތީޖާއަކީ އަޅުގަނޑުމެން ދެއްކި ވާހަކަ ރައްޔިތުން ގަބޫލު ކުރުން،" ރައީސް ޔާމީން މިނިވަން ކުރަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމުން ނިކުތް ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވަނީ ޔާމީންގެ ލޯޔަރުންގެ ޓީމުން ކުރަމުންދާ މަސައްކަތްތަކާމެދު ވެސް ސުވާލު އުފައްދަވާފަ އެވެ. ޝަރީއަތްތަކުގައި ބޮޑެތި ރިޕޯޓްތައް ހައްދަވައިގެން ވަޑައިގެން ދައްކަވާ ވާހަކައަކީ ބުރަދަނެއް ދެވޭނެ ވާހަކަތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަމާއެކު ވިދާޅުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީނަށް ދެރައެއް ނުދޭނެކަން. އެއްވެސް ބައްދަލުވުމެއްގަ އެއްވެސް ތަނެއްގަ ރައީސް ޔާމީނަށް ކުޑައިމީސްވާނެ އެއްވެސް ވާހަކައެއް ނުދައްކަވާ،" އޭނާ ވިދާޅުވި އެވެ.