ސަރުކާރު ދެމެހެއްޓުމަކީ ލާމު ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް: މިނިސްޓަރު ފައިސަލް

"ހަތަރު ގޮނޑި ހޯއްދަވައި ދެއްވާ ރައީސަށް. ދިވެހިރާއްޖޭގެ ސަރުކާރުތަކުން ލާމު ބާކީކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައީ ރައީސް މުއިއްޒު،"

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: ސަރުކާރު ދެމެހެއްޓުމަކީ ލާމު ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަކީ ލާމު އަތޮޅުގެ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް އެ އަތޮޅަށް ނިސްބަތްވާ ޒުވާން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވާ މިނިސްޓަރު ފައިސަލްގެ ބައްޕަ، އަބްދުއްރަހީމް އަބްދުﷲގެ ކެމްޕެއިން ބައްދަލްވުމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރާ އެކު ސަރުކާރުތަކުން ލާމު އަތޮޅާއި އެ އަތޮޅުގެ ރައްޔިތުން ބާކީ ކުރުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ރައީސްގެ ހާއްސަ މުޝީރަކީ ލ އަތޮޅުގެ ބޭފުޅެއް ކަމަށާ އެމަނިކުފާނުގެ އިތުރުން ފިނޭންސް މިނިސްޓަރަކީ ވެސް ލާމަށް ނިސްބަތްވާ ބޭފުޅެއް ކަން ފާހަގަ ކުރެއްވި އެވެ. ރައީސްގެ ވިސްނުންފުޅު ގައި ލާމާމެދު އޮތީ ވަރަށް ހާއްސަ ތަސައްވުރެއް ކަމަށާ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލާމުގެ ހުރިހާ ގޮނޑިތަކެއް ސަރުކާރަށް ކާމިޔާބު ކޮށް ދިނުމަށް ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.

"ހަތަރު ގޮނޑި ހޯއްދަވައި ދެއްވާ ރައީސަށް. ދިވެހިރާއްޖޭގެ ސަރުކާރުތަކުން ލާމު ބާކީކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައީ ރައީސް މުއިއްޒު،"

ފައިސަލް ވިދާޅުވީ ލާމަކީ ވަކި ބައެއްގެ ތަނެއްގެ ގޮތުގައި އޮތް އޮތުން މިދިޔަ ރިޔާސީ އިންތިހާބާ އެކު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ހާއްސަކޮށް އިސްދޫއާ ގަމުގެ ޕީޕީއެމް / ޕީއެންސީއަށް މެޖޯރިޓީ ނުލިބި 15 އަހަރު ވުމަށް ފަހު 58 ޕަސެންޓްގެ ބޮޑު ތާއީދެއް ރިޔާސީ އިންތިހާބު ގައި މުޅި ލާމުން ރައީސް މުއިއްޒަށް ދެއްވާފައިވާ ކަމަށެވެ.

"މި ތާއީދު ހިފަހައްޓަވައި ދެއްވާ. ލާމު އަތޮޅަށް ޓޫރިޒަމް ގެނެވޭނީ ވެސް ލާމު އަތޮޅުގައި ހައުސިން ޔުނިޓް އެޅޭނީ ވެސް އަދި ލާމަށް ދެން ބޭނުންވެފައި ހުރި ތަރައްގީގެ މަޝްރޫއުތައް ވެސް ގެންދެވޭނީ ލާމުގެ ހަތަރު ގޮނޑި ސަރުކާރަށް ލިބިގެން،"

ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވާ މިނިސްޓަރު ފައިސަލްގެ ބައްޕަ، އަބްދުއްރަހީމް އަބްދުﷲގެ ކެމްޕެއިން ބައްދަލްވުން

މިނިސްޓަރު ވަނީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހަމަޖެހުން ގާއިމުކޮށް ތަރައްގީ ކަށަވަރު ކުރުން ކަމުގައި ވިދާޅުވެ އެ ފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރަށް ސާފު މެޖޯރިޓީ ހޯދާ ދިނުމަށް ހުރިހާ ޒުވާނުން މަސައްކަތް ކޮށް ދިނުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ކުރީގެ ރައީސަކު ޖަލު ގޮޅީގައި ނެތް ކަމަށާ ސިޔާސީ ހަމަޖެހުން ރާއްޖޭގައި ގާއިމުކޮށް ދެއްވައިފި ކަމަށެވެ. އަދި ކުރީގެ ރައީސުން ނިކުންނަވާ ސިޔާސީ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެންނައިރު އެކަމުން ޔަގީންކޮށް ދެނީ ބަދަލު ހިއްޕެވުމުގެ އެއްވެސް ވިސްނުމެއް ރައީސްގެ ކިބާގައި ނެތުން ކަމަށެވެ.

"އަޅުގަނޑު ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރަން ބޭނުން މިކަމުގައި ބައިވެރިވެ ކުރިއަށް މިއޮތް މަޖިލީސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ހޯދާ ދިނުމަށް،" ފައިސަލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.