"ސަމާލުކަމަށް ދަންނަވާލަން. ޕާޓީ އުފައްދަނީ އަޅުގަނޑު. އެކަން ކުރީ މައިންބަފައިންގެ ހައްގުގައި. ރައީސް ޔާމީންއަށް ސިޔާސީ ގޮތުން އަނިޔާ ދޭތީ. ސާފު ވެއްޖެ ކަމަށް އުންމީދު ކުރަން،"
ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އަކީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އުފައްދަވަން އުޅޭ ޕާޓީއެއް ކަމަށް ބަޔަކު ދެކޭތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން އެކަން ދޮގުކުރައްވައިފި އެވެ.
ޕީއެންއެފް އަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އަލަށް އުފައްދާ ޕާޓީއެކެވެ. އެ ޕާޓީގެ މުއައްސިސް އަކީ ޒެއިން އެވެ. ޕާޓީއަށް 3000 މީހުންގެ ސޮއި ހަމަކޮށްފައިވާތީ އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޕާޓީ އުފައްދަން ބާއްވާ ބައްދަލުވުމުގެ ހުއްދަ ދީފަ އެވެ.
ނަމަވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި، އެއީ ޖަމީލްގެ ޕާޓީއެއް ކަމަށް ސިފަ ކުރާތީ ޒެއިން ވަނީ އެއީ އޭނާ އުފައްދާ ޕާޓީއެއް ކަމަށް ވިދާޅުވެފަ އެވެ. ޒެއިން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެ ޕާޓީ އުފައްދަނީ އޭނާގެ މައިންބަފައިންގެ ހައްގުގައި ކަމަށެވެ.
"ސަމާލުކަމަށް ދަންނަވާލަން. ޕާޓީ އުފައްދަނީ އަޅުގަނޑު. އެކަން ކުރީ މައިންބަފައިންގެ ހައްގުގައި. ރައީސް ޔާމީންއަށް ސިޔާސީ ގޮތުން އަނިޔާ ދޭތީ. ސާފު ވެއްޖެ ކަމަށް އުންމީދު ކުރަން،" ޖަމީލް އުފައްދާ ޕާޓީ ކަމަށް ބުނެ މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުން ޒެއިން ވިދާޅުވެފައިވެ އެވެ.
ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފައްދަނީ ރައީސް ޔާމީން ކުރީން އުފެއްދި ޕީޕީއެމްގެ ލީޑަޝިޕާ މައްސަލަ ޖެހިވަޑައިގެން އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު އެވެ. މައްސަލަ ޖެހިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތް ހިސާބުންނެވެ. ޕީޕީއެމް / ޕީއެންސީގެ ލީޑާޝިޕް އެއްކޮށް ރައީސް މުއިއްޒުގެ ފަހަތްޕުޅަށް އެރުއްވުމުން ރައީސް ޔާމީން ވަނީ ޕާޓީ ދޫކުރައްވާ އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ.
ރައީސް ޔާމީނާއެކު ޕީޕީއެމް ދޫކުރެއްވި ބޭފުޅުންގެ ތެރޭގައި ޖަމީލް އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ހިމެނިވަޑައިގަންނަވަ އެވެ. އެބޭފުޅުންނަކީ ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންނެވެ.