"ސަރުކާރުގެ ސްޓޭންޑަކީ އެއްވެސް ކަހަލަ މައްސަލައެއް ސާބިތުކުރެވޭފަދަ ފަރާތެއްވާނަމަ އެފަރާތްތަކަށް ލިބެން ޖެހޭ އަދަބު ދޭނެ. ރައީސުލްޖުމްހޫރިއްޔާ އެއްވެސް ބޭފުޅަކާ ތަފާތެއް ނުކުރާނެ،" ހީނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރާ ޖިންސީ ގޯނާގެ ތުހުމަތު އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އެމްޑީޕީގެ ޓިކެޓް ދިނުމުން ކަންބޮޑުވުން ފާޅުކޮށް، އެފަދަ މީހުން ސަރުކާރުން "ޓޮލަރޭޓް" ނުކުރާނެ ކަމަށް ޕީޕީއެމް / ޕީއެންސީން ބުނެފި އެވެ.
މަޖިލީސް އިންތިހާބާ ދިމާކޮށް ޕީޕީއެމް / ޕީއެންސީން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ އަލީ ވަހީދަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްކޮށް ދައުވާ ވެސް ކޮށްފައިވާއިރު، އެފަދަ މީހަކަށް އެމްޑީޕީގެ ޓިކެޓް ދިނުމަކީ އެ ކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަލީ ވަހީދުގެ ވާހަކަ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ދެއްކުމުން ނޫސްވެރިން ވަނީ އުނދަގޫ ސުވާލުތަކެއް ކޮށްފަ އެވެ.
އެގޮތުން، އަލީ ވަހީދަށް އޭރު އެ ތުހުމަތުތައް ކުރިއިރު، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާނަށް ވެސް އެ ތުހުމަތުތައް ކުރި އެވެ. ކުރީ ސަރުކާރުން އަލީ ވަހީދުގެ އިތުރުން ހައްސާން ވެސް ވަޒީފާ އިން ވަކިކުރި އެވެ. ނަމަވެސް ހައްސާން މިހާރު ހުންނެވީ ރައީސް އޮފީހުގަ އެވެ.
އޭގެ އިތުރުން، ސަރުކާރު ޓިކެޓްގައި މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަކުރާ މުސްތަފާ ހުސެއިންގެ މައްޗަށް ވެސް ޖިންސީ ގޯނާގެ ތުހުމަތު ކުރެ އެވެ. އެމީހުންނާމެދު ކަންބޮޑުވުމެއް ނެތްތޯ ސުވާލު ކުރުމުން ހީނާ ވިދާޅުވީ މައްސަލައެއް އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެފަދަ ކެނޑިޑޭޓަކުން ވާނަމަ އެކަމުގެ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އަޅުގަނޑު ދެން އިނގޭތޯ،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ އެއްވެސް ކަމެއް ސާބިތުވާނަމަ އެފަރާތަކަށް އަޅަން ޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމަށެވެ.
"ސަރުކާރުގެ ސްޓޭންޑަކީ އެއްވެސް ކަހަލަ މައްސަލައެއް ސާބިތުކުރެވޭފަދަ ފަރާތެއްވާނަމަ އެފަރާތްތަކަށް ލިބެން ޖެހޭ އަދަބު ދޭނެ. ރައީސުލްޖުމްހޫރިއްޔާ އެއްވެސް ބޭފުޅަކާ ތަފާތެއް ނުކުރާނެ،" ހީނާ ވިދާޅުވި އެވެ.
އަލީ ވަހީދުގެ ވާހަކަ މިއަދު ހީނާ ދެއްކެވީ ދާދި ފަހުން އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު މީހުން ދިން ކަމަށް ބުނާ ބަޔާންތަކެއް ލީކް ވުމާ ގުޅިގެންނެވެ. އެ ބަޔާންތަކުގައި އަލީ ވަހީދަށާއި އަދި ހައްސާނަށް ވެސް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.
އަލީ ވަހީދަށް ދައުވާ ކުރި މައްސަލަ ޕީޖީއިން ވަނީ އަނބުރާ ގެނެސްފަ އެވެ. ދައުވާތައް އަނބުރާ ގެނެސްފައި ވަނީ އަނިޔާ ލިބުނު ފަރާތްތައް ޕީޖީ އޮފީހަށާއި ފުލުހުންނަށް އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.