ގައުމީ މަޖިލީހުގެ އެ އިންތިހާބަށް ފައިސާ ހޯދަން އާރްޑީސީގެ ކޮންޓްރެކްޓަރުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުތައް އޭރުވެސް ފެންމަތިވެފައި އޮތެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޮޑެތި ވައްކަންތައް ކުރުމުގެ ތުހުމަތު އޮތް އެއް ތަނަކީ އާރްޑީސީ އެވެ. އަދި ބޮޑެތި ހިޔާނާތާއި ސީޔާސީ ފައިދާއަށް "ޖަރީމާ"ތައް ހިންގުމުގައި އިސްކޮށް އުޅުއްވުމުގެ ތުހުމުތައް އެތާނގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) އަށް ކުރެ އެވެ.
އާރްޑީސީގެ ޕޭޓީކޭޝް އެ ކުންފުނީގެ އެކި މުވައްޒަފުންނާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާ ކޮށްފައިވާ މައްސަލަ ފެންމަތިވެ ފުލުހުން އެ މައްސަލަތައް ތަހުގީގު ކުރަމުން ވެސް ދެ އެވެ. އާރުޑީސީގެ އެތައް މިލިއަން ރުފިޔާގެ ހިޔާނާތުގެ ބޮޑު މައްސަލައެއްގެ ބައެއް ތަފްސީލް ހާމަކޮށް އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންނާއި އެންޓި ކޮޕަރްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ބަލަ އެވެ.
އާރުޑީސީއާ ގުޅޭ 13 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ތިލަވެފައިވާއިރު އާރްޑީސީ ހިމެނޭ ގޮތަށް އޮތް 120 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ މައްސަލަތަކެއް ވެސް ބަލަ އެވެ.
ތުހުމަތުތައް އޮތް ގޮތުން އާރްޑީސީގެ ކުރީގެ އެމްޑީ މޫކޭ އެ މަގާމުގައި ހުންނެވި އިރު އޭނާ އާއި އެތާނގެ ޕްރޮކިއުމެންޓް ހެޑާއި ފިނޭންސް މެނޭޖަރު ގިނަ ދަތުރުތަކެއް ދުބާއީއަށް ކުރައްވަނީ ކުންފުނީގެ ތެރެއްިން މޫކޭ ލޯބީގެ ގޮތުން ގުޅިގެން އުޅުއްވި ބޭފުޅަކު ގޮވައިގެނެވެ. އެ ތުހުމަތުތައް އޮންނަ ގޮތުން އެ ތިން ބޭފުޅުންގެ އަތުގައި ވެސް އަމިއްލަ އާމްދަނީއާ ނުބައްދަލު ގިނަ އަދަދެއްގެ ފައިސާ ހުރެ އެވެ. އަދި މޫކޭ ރޮލެކްސް ގަޑި ބައްލަވައިގަނެ އެވެ.
އެމްޑީޕީ ދެބައި ވެގެން ދިޔައިރު އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާ ދެކޮޅަށް އެންމެ ގިނަ ސިޔާސީ މަސައްކަތްތައް ހިންގައި ދިނީ އާރްޑީސީގެ ތެރޭގަ އެވެ. އެ މަސައްކަތަށް އާރްޑީސީގައި ގިނަ ވަޒީފާތަކެއް އުފައްދާ ސިޔާސީ ގޮތުން ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯދަން ވަކި ފަރާތްތަކަކަށް ވަޒީފާ ހަމަޖައްސައި ދިނެވެ.
ގައުމީ މަޖިލީހުގެ އެ އިންތިހާބަށް ފައިސާ ހޯދަން އާރްޑީސީގެ ކޮންޓްރެކްޓަރުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުތައް އޭރުވެސް ފެންމަތިވެފައި އޮތެވެ. އަދި މަގާމުގައި ހުންނަވައިގެން މޫކޭ އެ ކުންފުނީގެ މަޝްރޫއުތަކުގެ ކޮންޓްރެކްޓްތައް އޭނާއާ ގާތް ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ދޫ ކުރުމުގެ ތުހުމަތު ވެސް އޮވެ އެވެ. އެ ކުންފުނިން ހިންގާ އަސްޕަލްޓް ޕްލާންޓް މަޝްރޫއު، ގުޅުން އޮންނަ ކުންފުންޏަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދޫ ކުރަން މަސައްކަތް ކުރި މައްސަލާގައި އޭރުގެ ޗެއާމަން އިސްތިއުފާ ދެއްވި އެވެ.
އަނެއް ތުހުމަތަކީ މޫކޭގެ ނަން ސަލާމަތް ކުރަން އާރްޑީސީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ގިނަ އަދަދަކަށް ފައިސާ ދިން ތުހުމަތެވެ. އާރްޑީސީގެ ސްޕައިވަޒަރެއްގެ ގޮތުގައި ހުރި މީހަކު މިދިއަ އަހަރު ށ. ބޮޑުފަރުފިނޮޅުން ހިލަތަކެއް ވަގަށް ނެގި މައްސަލަ ފުލުހުން ބަލަން ފެށުމުން އޭނާ އެ މައްސަލައިން ސަލާމާތްވާ ގިނަ އަދަދެއްގެ ފައިސާ ހޯދަން ޖެހުމުން އޭނާއަށް މިލިނިއަކަށްވުރެ ގިނަ ރުފިޔާ ދީފައި އޭނާ ވަޒީފާއިން ވަކި ކުރި ކަމަށް ބުނެ ވެއެވެ. އެ ގޮތަށް ނިންމީ އޭނާ ވަޒީފާގައި ބަހައްޓައިފިނަމަ އާރްޑީސީ އާއި މޫކޭއޭ ކިޔައިގެން އަންނަ ވާހަކަތައް އިތުރު ވެދާނެތީ އެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހައުސިން މިނިސްޓްރީގެ މުވައްޒަފަކު މެދުވެރިކޮށް، ފްލެޓަށް ކުރިމަތިލާފައިވާ މީހުންގެ މާކްސް ބަދަލުކޮށް ބޭނުންވާ މީހުން އެ ލިސްޓްގައި ހިމެނުނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޮވެ އެވެ.
ޥައްކަމާ ޖަރީމާ ހިންގައިގެން ކަމެއްކުރެވޭނަމަ މޫކޭ އަށް ކުރެވޭނެ އޭނަޔަށް މިހާރު އެގޭނެ އޭގެން ކުރެވޭނެ ކަމެއް ނޯންނާނެކަން