ތޮއްޑޫ ކައުންސިލުން ބުނި ގޮތުގައި އެރަަށް މިހާރު ދުވާލަކު 100 އާއި 150 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ދެ އެވެ.
އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ތޮއްޑޫއަށް ސީޕްލޭން ފަށަން ކުރިން ވެސް މަސައްކަތްތަކެއް ކުރި ކަމަށާ މިހާރު އެ މަސައްކަތް ފުރިހަމަކޮށް އިނީޝިއަލް ސާވޭއަށް މޯލްޑިވިއަންގެ ބޯޓެއް އެ ރަށަށް މިއަދު ގޮސްފައިވާ ކަމަށެވެ. އަދި މި ދަތުރުތައް ރަސްމީކޮށް ތޮއްޑޫއަށް ފެށޭ ދުވަހަކީ އެރަށަށް ވަރަށް ހާއްސަ ދުވަހަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ޓޫރިސްޓުންނަށް ލިބޭނެ އިތުރު އެކްސްޕީރިއަންސަކަށް ވާނެ. ރާއްޖޭގައި އެއާޓެކްސީއަކީ ދަތުރަކަށްވުރެ ބޮޑަށް އެކްސްޕީރިއަންސެއް. ރަށްތަކުގެ ތިރިން ދަތުރުކޮށް ބަލައިލެވޭ، އެހެންވެ ޑިމާންޑް އޮންނާނެ ކަމަށް ބެލެވެނީ،" ކަރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ދުވާލެއްގެ މައްޗަށް 100 އާއި 150 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އެރަށަށް ދާ ކަމަށާ، އެހެންވެ ވިޔަފާރީގެ އުސޫލުން ބެލި ނަމަވެސް އެއީ މޯލްޑިވިއަންއަށް ލިބޭނެ ފުރުސަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"މިއިން ހަމައެކަނި ޓޫރިސްޓުންނެއް ނޫން ދިވެހިން ވެސް ދަތުރު ކުރާނެ. މި ރަށަކީ މާލެއާ ދުރުގަ ވަކިން އޮންނަ ވަކި އަތޮޅެއްގެ ގޮތަށް އޮންނަ ރަށެއް، މިހާރު ހުޅަނގު މޫސުމުގެ ގަދާގައި ވަރަށް ދަތި. އެހެންވެ މިއީ ޓޫރިސްޓުންގެ އިތުރުން ދިވެހިން ވެސް ދަތުރު ކުރާނެ ފުރުސަތުތަކަށް ވާނެ،" ކަރަމް ވިދާޅުވި އެވެ.
އއ. ތޮއްޑޫއަކީ ކ. މާފުށި ނަގާފައި އެންމެ ގިނައިން ޓޫރިސްޓު އެނދު ހުރި އެއް ރަށެށެވެ. މި ރަށުގައި މިދިޔަ އަހަރު ގްރީން ޓެކުހަށް 1.2 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ޓެކުހަށް 2.2 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައި ވެއެވެ.
މޯލްޑިވިއަން ވަނީ ލޯކަލް ޓޫރިޒަމް ހުރި ރަށްރަށަށް ސީޕްލޭން ދަތުރުތައް ފަށަމުންނެވެ. މިގޮތުން އެ ކުންފުނިން މިހާރު ބ. ފުޅަދޫއަށް ވަނީ ފަށާފަ އެވެ.