ބަންކަރިންގެ ޗާޓުގައި ރާއްޖެ ރަސްމީކޮށް ހިމަނައި މީގެ ކުރިން އިސްތިހާރު ކުރަން ފަށާފައެއް ނެތެވެ. ސަރުކާރުން ވަނީ މި ވިޔަފާރިއަށް މި އަހަރު ވަންނަން ނިންމާފަ އެވެ.
ރާއްޖޭގެ އިގްތިސޯދުގައި ބޮޑު އިތުރު ސިނާއަތެއްގެ ގޮތުގައި ރާއްޖެ ސަރަހައްދުން ހުރަސް ކުރާ ދުނިޔޭގެ ބޮޑެތި ބޯޓު ފަހަރަށް ހިދުމަތް ދޭން ފަށަން އެސްޓީއޯއިން ސޮއިކުރި ވިޓޯލްއިން ރާއްޖެ، ބަންކަރިން ޗާޓަށް ލައި އިސްތިހާރު ކުރަން ފަށައިފި އެވެ.
ބަންކަރިންގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ބަންކަރިން ވިޔަފާރީގައި ބައި ގަރުނުވީ ވިޓޯލް ކުންފުނިން ރާއްޖެ އާއްމުކޮށް އިސްތިހާރު ކުރަން ފެށުމާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެ ބަންކަރިން ޗާޓުގައި ހިމަނިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"މިރާ" އަށް އެނގިފައިވާ ގޮތުގައި ވިޓޯލް ކުންފުނިން މި މަސައްކަތް ފަށަން ކުރިން ރާއްޖެއާއެކު މަޝްވަރާވެސް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައެއް ނެތެވެ.
މިއީ ފެށުމެއް - ބަންކަރިންގެ ދުނިޔޭގެ ޗާޓުގައި ރާއްޖެ ހިމެނިގެން ގޮސްފައި މިވަނީ ރާއްޖެ އަށް އެންމެގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯއާއި ބަންކަރިންގެ މަަޝްހޫރު ކުންފުނި ވިޓޯލްއާ ދެމެދު މިދިޔަ މަހު ހެދި ޓާމްޝީޓް އެއްބަސްވުމުގެ ދަށުންނެވެ.
މި ހަފުލާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި ވިޓޯލްގެ މި ވިޔަފާރި ވެގެންދާނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭއަށް އަންނަ ފުރަތަމަ އިންވެސްޓްމަންޓުގެ ގޮތުގައި ވެގެންދާނެ ކަމަށެވެ.
"މިއީ ރާއްޖޭގައި އެންމެ ކާމިޔާބުކަމާއެކު ކުރިއަށްދާ ޓޫރިޒަމް ވިޔަފާރިއަށްފަހު އަންނާނެ އިގްތިސޯދު ބަދަލު ވެގެންދާނެ ކަމެއް. ސަރުކާރުގެ އަމާޒަކީ ރާއްޖެ ހުރަސްކޮށް ބޯޓުތައް ދަތުރުކުރާ ދެ ޗެނަލް ކަމަށްވާ އަށް ޑިގްރީ ޗެނަލް އާއި 0 ޑިގްރީ ޗެނަލްގައި ވެސް އިކޮނޮމިކް ޒޯންގެ ވިޔަފާރި ފުޅާ ކުރުން. މިކަމުގައި ރާއްޖެ އަށް ލިބިފައިވާ ގުދުރަތީ ނަސީބަކީ ހުރިހާ މެރިޓައިމް ދިރާސާތަކުން ވެސް ފެންނަން އޮތީ ވާދަވެރިންނާ ހިލާފަށް ހަމަހިމޭންކޮށް އޮއެވަރު މަޑުކޮށް ހުރި ފުން ސަރަހައްދުތަކެއް ލިބިފައިވާކަން. މިއީ މިކަން ފެށުމުގައި ވެސް ލިބޭނެ އެޑްވާންޓޭޖެއް،" ސައީދު ވިދާޅުވި އެވެ.
ވިޓޯލް އަކީ ހަކަތަ އާއި އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުންފުނިންނެވެ. މި ކުންފުންޏަށް 55 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިއީ ބަންކަރިންގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ. މި ކުންފުނީގެ ނެޓްވޯކްތަކާއި އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަންކަރިންގެ ހިދުމަތްދެ އެވެ. ވިޓޯލް އަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތަށް ދުނިޔޭގެ 40 ގައިމެއްގައި ހުރެއެވެ، މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރިން ފިއުލްގެ ގޮތުގައި ވިއްކަ އެވެ. މީގެ އިތުރުން ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަ ސަޕްލަޔާ، އަދި ސިންގަޕޯގެ އެނެމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފަ އެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ނިންމަވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ބިޔަ މަޝްރޫއު އެއް ފަށަން ވަނީ ނިންމާފަ އެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންސިޕްމަންޓް ބަނދަރެއްގެ ހިދުމަތް ފަށަން އެންމެ ފުރަތަމަ މަސައްކަތް ކުރީ 2015 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުންނެވެ. އޭގެފަހުން އެމްޑީޕީން ވެރިކަމަށް އައިސް މި މަޝްރޫއުގެ ސްކޯޕް ކުޑަކޮށް މަސައްކަތްތަކެއް ކުރަން އުޅުނެވެ. އެކަން ކުރަން އެސްޓީއޯއާއި ދުބާއީގެ ކުންފުންޏަކާއެކު ސޮއި ވެސް ކުރި އެވެ. އެކަމަކު އެކަންވާގޮތެއް ނުވި އެވެ.