ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން ހަދާފައި އޮތީ އެލްކޭޖީ ކުއްޖަކު ގޮޅި ކުރަހާ ގޮތަށް

"އެލްކޭޖީ ކުއްޖެއް އަތަށް ގަނޑެއް ދީފައި ގޮޅި ޖަހާލާށޭ ބުނީމަ ގޮޅި ޖަހާ ގޮތަށް ލޭންޑް ޔޫސް ޕްލޭން ހަދާލީ. މަގެއް ނެތް، ސުކޫލެއް ނެތް، ހޮސްޕިޓަލެއް ނެތް އެއްވެސް އެއްޗެއް ނެތް. ސްލަމް އެއް"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތިދޭން އެތަނުގެ ލޭންޑް ޔޫސް ޕްލޭން ހަދާފައި އޮތީ އެލްކޭޖީ ކުއްޖެއް އަތަށް ގަނޑެއް ދީފައި ގޮޅި ޖަހާލާށޭ ބުނީމަ ގޮޅި ޖަހާ އުސޫލުން ސްލަމް އެއް ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ އަވަށުގައި ރޭ އޮތް ކެމްޕޭން ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުޅީފަޅާއި ގިރާވަޅުފަޅުން ކުރީ ސަރުކާރުން ދިން ގޯތިތައް ހަވާލު ނުކޮށްގެން ވާހަކަ ދައްކަން އެމްޑީޕީގެ ވެރީން ލަދުގަންނަން ޖެހޭނެ ކަމަށެވެ. ގިނަ ގޯތިތައް ދޫކޮށްފައި ވަނީ ނުވެސް ހިއްކާ އޮތް ކަނޑުން ކަމަށާ ގުޅިފަޅުން ހިކިފައި އޮތް ތަނުން ވެސް ގޯތި ދިނީ ދުވަހަކު ވެސް ބަޔަކު އެކަން ކުރާނެ ފަދަ ގޮތަކަށް ނޫން ކަމަށެވެ.

"އެލްކޭޖީ ކުއްޖެއް އަތަށް ގަނޑެއް ދީފައި ގޮޅި ޖަހާލާށޭ ބުނީމަ ގޮޅި ޖަހާ ގޮތަށް ލޭންޑް ޔޫސް ޕްލޭން ހަދާލީ. މަގެއް ނެތް، ސުކޫލެއް ނެތް، ހޮސްޕިޓަލެއް ނެތް އެއްވެސް އެއްޗެއް ނެތް. ސްލަމް އެއް. ސްލަމް އެއްގައި ހުންނާނީ އެއްގޯއްޗާއި އަނެއް ގޯއްޗާ ޖެހިފައި. އެއްގޭގެ ބަދިގެ އިން އަނެއް ގޭގެ ފާހާނާއަށް ވަންނަން ޖެހޭނީ،"

ރައީސް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދާފައި އޮތީ ނަމަކަށް ކަމަށާ އެއްވެސް މިންގަނޑެއް ނެތް ކަމަށެވެ. އެގޮތަށް ބާއްވާ ގޯތިތައް ހަވާލު ކޮށްފިނަމަ ގުޅިފަޅު ވާނީ ގޯތިތަކުން ތޮއްޖެހިފައި އޮތް ދިރިއުޅެން ދަތި ރަށަކަށް ކަމަށް ވިދާޅުވި އެވެ. މި ސަރުކާރުން އަލުން ލޭންޑް ޔޫސް ޕްލޭން މިހާރު ހަދާފައިވާ ކަމަށާ އެހެން ކަމުން ގޯތިތަކުގެ ކޯޑިނޭސް ބަދަލު ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ސަބަބާއި ގުޅިގެން ގޯތި ލިބުނު މީހުނަށް އާ ރަޖިސްޓްރީއެއް ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު ދޭން އޮތް ޔަގީން ކަމަކީ، ސަތޭކަ ޕަސެންޓް ޔަގީން ކަމަކީ އަޅުގަނޑު ވައުދުވީ ގޮތަށް އެ ބޭފުޅަކަށް ލިބުނު ތާކުން އެ ބޭފުޅަކަށް ގޯތި އަޅުގަނޑުމެން ހަވާލު ކުރާނަން،"

ރައީސް ވިދާޅުވީ ދެ ސަރުކާރުން ހެދި ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އެހެން ކަމުން އެ ދެ ޕްލޭންގެ ތަފާތު ރައްޔިތުންނަށް ކިޔައި ދޭން މިނިސްޓްރީގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

"އެ ބޭފުޅުން [ރައީސް ސޯލިހްގެ ސަރުކާރުން] ހެދި ޕްލޭން -- ޕްލޭނެއް ވެސް ނޫން، ޕްލޭން ކިޔާނީ ވަކި މިންގަނޑުތަކެއް ހުރިއްޔާ... ލޭންޑް ޔޫސް ޕްލޭނަކީ ވަކި ސްޓޭންޑަޑްތަކެއް ހުންނަ އެއްޗެއް. އެ ޕްލޭންއާ އަޅުގަނޑުމެން މިހާރު ހަދާ އިއުލާނު ކޮށްފައި އޮތް ލޭންޑްޔޫސް ޕްލޭންއާ ދެ އެތީގެ ތަފާތު ރައްޔިތުންނަށް ދައްކާލަން އަޅުގަނޑު އޮންނާނީ އެދިފައި،"

ގުޅިފަޅު

އެ ހުރިހާ ކަމެއް ރަނގަޅުކޮށް ހައްގުވެރީންނަށް ގޯތި ދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ ރައީސް ވިދާޅުވީ ސޯލިހްގެ ސަރުކާރުން ކަނޑުންް ދޫކުރި ގޯތަކަށް ލިޔުން ވާނީ ދީފައި ކަމަށެވެ. ބިން ހިއްކުމުން ނޫނީ ރަޖިސްޓްރީ ދޫކުރެވެން ނޯންނާނެ ކަމަށާ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު ވީ ވައުދެއް ވިއްޔާ ދާނީ ފުއްދަމުން. އަކުރުން އަކުރަށް ރަނުން ރަނަށް ފުއްދާނަން. ފުރިހަމައަށް ފުއްދާނަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.