މުޅި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލުންނާއި ހަބީރުންނަށް ކުރި ހަރަދާއި ގުޅުން ހުރި އެހެނިހެން ހަރުތައް ހިމެނޭހެން 5.6 މިލިއަން ޑޮލަރު ސަން ކުންފުނިން ހަރަދު ކުރަންް ޖެހުނު ކަމަށް ބުންޏެވެ.
އިރުފުށި ރިސޯޓް ހިންގުން ހިލްޓަންއާ ހަވާލުކުރުމަށް ސޮއިކުރި މެނޭޖްމަންޓް އެގްރީމަންޓް ބާތިލު ކުރުމާއި ގުޅިގެން ސިންގަޕޫރުގެ އާބިޓްރޭޝަނުން ހިލްޓަންއަށް ދައްކަން އެންގި ފައިސާ ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް އިން ދައްކާ ހަލާސްކޮށްފި އެވެ.
އެކަން ހާމަކޮށް ސަން އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާބްޓްރޭޝަނުން ހިލްޓަން އަށް އެވޯޑް ކުރި ފައިސާއާ އިންޓްރެސްޓްގެ ގޮތުގައި 31،252،874.46 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. އަދި މުޅި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލުންނާއި ހަބީރުންނަށް ކުރި ހަރަދާއި ގުޅުން ހުރި އެހެނިހެން ހަރުތައް ހިމެނޭހެން މި ކަމަށް 5.6 މިލިއަން ޑޮލަރު ސަން ކުންފުނިން ހަރަދު ކުރަންް ޖެހުނު ކަމަށެވެ.
ސިޔާމްގެ ކުންފުނިން އަމިއްލައަށް ތަރައްގީކޮށް ހުޅުވި 221 ކޮޓަރީގެ ފައިވް ސްޓާ ރިސޯޓް ހިންގަން 2008 ވަނަ އަހަރު ހިލްޓަން އިން އަމިއްލައަށް ޝައުގުވެރިކަން ފާޅުކުރި ކަމަށާ އެ ކުންފުނިން އިރުފުށި ރިސޯޓަކީ "ހިލްޓަން" ބްރޭންޑްގެ އެހެން ރިސޯޓްތަކަށް ވުރެ ރަނގަޅު ފެންވަރުގައި ހަދާފައިވާ ރިސޯޓެއް ކަމަށް ބުނެ ރި-ބްރޭންޑް ކުރަން ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ ނަން ބޯޑް ބަދަލު ކުރުން ކަމަށް ބުނެފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި އެ ކުންފުނިން ފުރަތަމަ ހުށައެޅި ހުށައެޅުން ގަބޫލު ނުކުރުމުން ލިބޭ އާމްދަނީ އިހުނަށްވުރެ މާ ބޮޑުތަނުން އިތުރުވާނެ ކަމަށް ދައްކައިގެން ރިވައިޒްޑް ޕްރޮޖެކްޝަންތަކެއް ހިލްޓަން އިން ހުށައެޅި ކަމަށާ ހިލްޓަންގެ މެނޭޖްމަންޓުން އެ ރިސޯޓް ހިންގައިފިނަމަ ބޮޑެތި އަދަދުތަކުން ފައިދާވާނެ ކަމަށް ސައްކަން މަކަރާއި ހީލަތުން ސޮއިކުރުވަން އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ.
މި ނޫންވެސް އެ މުއާމަލާތާ ގުޅޭގޮތުން ހިލްޓަންއަށް ތުހުމަތުވާ ވަރަށް ގިނަ ކަންކަން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.
ސަން ޓްރެވަލްސް އިން ބުނީ ހިލްޓަން އިން ރިސޯޓް ހިންގި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރިސޯޓް ހިންގަމުން ދިޔައީ އިންތިހާއަށް ހިންގުމުގެ ހަރަދު ބޮޑުކޮށް ކަމަށާ ރިސޯޓަށް ސަޕްލައި ގަތުގައި ވެސް މަކަރު ހަދާ އިސްރާފުކޮށް ސަން އަށް ގެއްލުންވާ ގޮތަށް އެކަށީގެންނުވާ ބޮޑެތި އަގުތައް ޖަަހައިގެން ކޮންސިއުމަބަލްސް ގަތުން ފަދަ ކަންކަން ތަކުރާރުކޮށް ކޮށްފައިވާ ކަމަށެވެ.
"އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުން އަދި ޕްރޮކިޔޯމަންޓްގެ ކަންކަމުގައި ސަންގެ ފައިސާ އިން މިފަދަ ބޮޑެތި 'ވައްކަން' ކުުރުމުގެ ނަތީޖާއެއްގެ ގޮތުން ކުރީން ފައިދާ ޗަމުން ދިޔަ ރިސޯޓުން ގެއްލުންވާން ފެށި އެވެ،"
އެ ބަޔާނުގައި ބުނެފައި ވަނީ ހިލްޓަންގެ ކިބައިން ރިސޯޓްގެ މެނޭޖްމަންޓް އަނބުރާ ލިބިގަތުމާއި މެނޭޖްމަންޓް އެގްރީމަންޓް ބާތިލު ކުރަން ނިންމި ނިންމުމަކީ ބެންކްކޮރަޕްޓްވަމުން ދިޔަ ކުންފުންޏެއް ސަލާމަތް ކުރުމަށް ކުރަން ޖެހުނު މަސައްކަތެއް ކަމަށެވެ. އަދި އެއީ ސަންގެ މަސްލަހަތު ރައްކާތެރިކޮށް ކުންފުނީގެ ތަސައްވުރު ނަގަހައްޓާ ދެމެހެއްޓުމަށް ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ. އަދި ބުނީ ހިލްޓަންގެ މަކަރާއި ހީލަތާއި އޮޅުވާލުމާއި ރިސޯޓް ހިންގުމުގައި ވެފައިވާ އިހްމާލުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުން އަރައިގަތުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އެކަމަށްޓަކައި ކުންފުނިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގާނޫނީ ފަރުވާތައް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.