ފައްޔާޒް ވިދާޅުވީ ފުލުހުން ސުވާލުކުރީ ކުންފުންޏަކުން އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި 160،000 ރުފިޔާއާ ގުޅޭގޮތުން ކަމަށެވެ.
ފުލުހަށް ހާޒިރުކޮށް މިއަދު ސުވާލުކޮށްފައި ވަނީ ކުންފުންޏަކުން ނެގި ލޯނަކާއި ގުޅޭގޮތުން ކަމަށް އެމްޑީޕީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހްގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރުގެ ގޮތުގެ ފާހަަގަވި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒު ފުލުހަށް ހާޒިރުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށެވެ.
ބައިގަޑިއެއްހާއިރު ފުލުސް އިދާރާގައި ހޭދަކުރެއްވުމަށް ފަހު ނިކުމެވަޑައިގެން ފައްޔާޒް ވިދާޅުވީ ފުލުހުން ސުވާލުކުރީ ކުންފުންޏަކުން އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި 160،000 ރުފިޔާއާ ގުޅޭގޮތުން ކަމަށެވެ. އެއީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ޖަމާކޮށްފައިވާ ފައިސާ އެވެ.
ފައްޔާޒު ވިދާޅުވީ އެ ކުންފުންޏަކީ އާރުޑީސީއާ އެކު އޭރު އެކި ކަހަލަ މުއާމަލާތްތައް ހިންގި ކުންފުންޏެއް ކަމަށާ ފުލުހުން އެ ފައިސާއާ ގުޅޭގޮތުން ސުވާލު ކުރަނީ އެގޮތަށް ގުޅުވާ ކަމަށެވެ.
އެ ފައިސާ އަކީ ނެންގެވި ލޯނެއް ކަމަށާ އެކަން މާލީ ބަޔާންތަކުން ވެސް ފެންނަން އޮންނާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. އެހެން ކަމުން އެެއީ ފުލުހަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހޭ ކަމެެއް ނޫން ކަމަށާ ހިނގަމުން ދަނީ ސިޔާސީ ކަންތައްތަކެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އާރުޑީސީއާ ގުޅޭ 13 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މީޑިއާތަކުން ފަޅާ އަރުވާލި އެވެ. އެ ތުހުމަތު އޮތީ އާރުޑީސީ ގައި ކުރީން އިސްކޮށް ތިއްބެވި ތިން ވެރިއަކަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި އޭސީސީ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ފުލުހުން ބުނީ އާރުޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު މައްސަލައެއްގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އެ ތަހުގީގު މިހާރު ހިންގަނީ އޭސީސީއާ ގުޅިގެން ކަމަށް ވިދާޅުވި އެވެ. އެ ތަހުގީގަށް ދެ މުއައްސަސާ މެދުގައި އެއްބަސްވުމެއް ގާއިމު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށައެޅުނީ 2022 ސެޕްޓެންބަރު މަހު ކަމަށެވެ. އަދި މިދިޔަ މުއްދަތު ގައި މި މައްސަލައާ ގުޅުން ހުރި މައުލޫމާތު ސާފުކޮށް ޓެކްނިކަލް މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހިޔާނާތުގެ މި މައްސަލާ ގައި އާރުޑީސީގެ ގިނަ މުވައްޒިފުންތަކެއް ބައިވެރިވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަަމަށެވެ.
އެ ގޮތުން އާރުޑީސީގެ ތިން މުވައްޒިފެއްގެ އެކައުންޓަށް 15 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ. އަނެއް ދެ މީހުންގެ އެކައުންޓަށް ކޮންމެ މީހަކަށް ދެ މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އެކެއްގެ އެކައުންޓަށް އާރުޑީސީން 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެތައް މިލިއަން ރުފިޔާއެެއް އެހެން އެކައުންޓްތަކަށް ވެސް ފޮނުވާފައިވާ ކަމަށެވެ. މި ހިޔާނާތުގައި އެއަށް ވުރެ ގިނަ މުވައްޒިފުންގެ ބައިވެރިވުން އޮތް ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.