މި ފެސިލިޓީގައި ހިމެނެނީ ރަށްރަށަށް ހާއްސަ އެއް މިލިއަނާ ހަމައަށް ނެގޭ ފެސިލިޓީއަކާއި މާލެ ސަރަހައްދާއި އާބަން ރީޖަންތަކަށް ދޫކުރާ ތިން މިލިއަންގެ ފެސިލިޓީއެކެވެ.
ގެދޮރު އަޅަން ލުއި ފަސޭހަ އިސްލާމިކް ފައިނޭންސިން ފެސިލިޓީއެއް ދޫކުރަން ހައުސިން ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ތައްޔާރު ވެއްޖެ އެވެ. މި ފައިނޭންސިން ފެސިލިޓީގައި ހިމެނެނީ އެއް މިލިއަނާއި ތިން މިލިއަންއާ ހަމައަށް ދޫކުރާ ދެ ފެސިލިޓީއެކެވެ.
ސަރުކާރުގެ އިސް ނެގުމެއްގެ މަތިން ގެދޮރު ނުހެދި ތިބި މީހުންގެ ގެ ފަސޭހައިން ހެދޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން މި ފައިނޭންސިން ސްކީމް ދޫކުރަނީ އެޗްޑީއެފްސީ އިންނެވެ.
މި ފައިނޭންސިން ފެސިލިޓީ ދިނުމުގެ އެއްބަސްވުމުގައި ސަރުކާރާއި އެޗްޑީއެފްސީއިން މިރޭ ވަނީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ. އެޗްޑީއެފްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު އެވެ.
މި ސްކީމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން
ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހާއްސަކޮށްގެންނެވެ.
މި ސްކީމުގެ ދަށުން ބޯހިޔާވަހިކަން ގާއިމުކުރުމަށް ލޯނު ދޫކުރާނީ ފަސް ޕަސެންޓުގެ ޕްރޮފިޓެއް ހިމަނައިގެންނެވެ. އިސްލާމިކް ފައިނޭންސުގެ އަސާސްތަކުގައި އިންޓަރެސްޓްއަކީ ހުއްދަ އެއްޗެއް ނޫނެވެ. އެހެންވެ ހިދުމަތުގެ އަގަށް ވަކި އަދަދެއް ހިމަނަ އެވެ. މިގޮތުން ހިދުމަތުގެ ފީގެ ގޮތުގައި ޕްރޮފިޓަށް މި ފެސިލިޓީގައި ފަސް ޕަސެންޓް ހިމަނާފައިވެ އެވެ.
އެޗްޑީއެފްސީން މިހާރު ވެސް ގެ އަޅަން ފަސް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދެ އެވެ. މިއީ އާއްމު ކޮންވެންޝަނަލް ލޯނެކެވެ.