ދިވެހި ދައުލަތަށް ގިނަ ދުވަހިު ހިދުމަތް ކުރުމުގެ އިނާމު ލިބޭ ފަރާތްތަކަށް މި އަހަރު އިނާމް ދޭނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ސާޅީސް ތިން އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަރުވައިފައި ނުވާ ބޭފުޅުންގެ ރެކޯޑު، ރައީސް އޮފީހުން ހޯދުމަށްފަހު ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސާޅީސް ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންނަށް މިދިޔަ އަހަރު ވަނީ އިނާމު ދީފައެވެ. ރައީސް ނިންމަވައިފައިވަނީ، ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންގެ ކުށާއި ދަރަނީގެ ރެކޯޑާއި، އަދާ ކުރެއްވި ވަޒީފާތަކާއި، ވަޒީފާ އަދާކުރެއްވި ގޮތުގެ ތަފްސީލު އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައި އެ ކޮމިޓީން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، އިނާމު ދޭށެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް މި ހަމަޖެއްސީ ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާ، ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ގިނަ ބޭފުޅުންނަށް، އެ ބޭފުޅުންގެ އަމިއްލަފުޅު ރެކޯޑުތައް ހޯއްދެވުމުގައި ދަތިތަކެއް ކުރިމަތިވުމާއި އަދި އޭރު އެ ބޭފުޅުން ހިދުމަތް ކުރެއްވި ބައެއް މުއައްސަސާތައް އުވާލައްވައިފައި ވުމާއެކު، މައުލޫމާތު އެއްކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާތީ، އެކަމަށް ހައްލެއް ގެނެސްދެއްވުމަށެވެ.
ސާޅީސް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތު، ރައީސް އޮފީހުން ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވުމާ ގުޅިގެން، ދައުލަތަށް ހޮދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުއްވައިލައްވައިފައިވާ ފުރުސަތުގައި އިނާމަށް ނަން ހުށަހަޅާކަށް ނުޖެހޭނެ އެވެ.
ސާޅީސް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުން ގިނަ ކަމާއެކު، އެ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންނަށް އިނާމު އެރުވުމަށް މި އަހަރު ނިންމެވި ނަމަވެސް، 40 އަހަރާއި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ރެކޯޑާއި މައުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު ކުރިއަށް އޮތް އަހަރުތަކުގައި، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވާނެ އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ދޭނީ މިނިވަންދުވަހުގެ ޖަލްސާގައެވެ.