އިންޑިއާއާ ވަރަށް ދުރު ސިޔާސަތެއް ގެންގުޅޭ ކަމަށް އެ ގައުމުން ދެކޭ ރައީސް މުއިއްޒު ވަނީ ދަރަނި ދެއްކުމު ގައި އިންޑިއާ އިން ލުއި ގޮތްތަކަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފައެވެ.
ރައްޔިތުންނާ ސިއްރުން މި ސަރުކާރުން އިންޑިއާއާއެކު ޑީލް ހަދަމުންދާ ކަމަށް ކުރީގެ ނާއިބު ރައީސް / ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ދަރަންޏަށް ލުޔެއް ހޯދަން ރައީސް މުއިއްޒު، އިންޑިއާގެ ކިބައިން އެދިވަޑައިގަތް ކަން ހާމަކޮށް އެ ގައުމުގެ ނޫހެއްގައި ލިޔެފައިވާ ހަބަރެއް ހިއްސާކޮށް ކުރެެއްވި ޕޯސްޓެއް ގައެވެ. އިންޑިއާގެ ނޫސްތަކުގައި އެ ވާހަކަތައް ލިޔެފައި ވަނީ ދިވެހި ނޫހަކަށް ރައީސް މުއިއްޒު ދެއްވާފައިވާ ބަސްދީގަތުމެއް ގައި އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވާ ވަނިކޮށެވެ.
އިންޑިއާއާ ވަރަށް ދުރު ސިޔާސަތެއް ގެންގުޅޭ ކަމަށް އެ ގައުމާއި ވާދަވެރީން ވެސް ދެކޭ ރައީސް މުއިއްޒު ވަނީ ދަރަނި ދެއްކުމު ގައި އިންޑިއާ އިން ލުއި ގޮތްތަކަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފައެވެ. ރައީސް ސޯލިހްގެ ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް ދެއްކުމުގައި ފަސޭހަ ގޮތްތަކެއް އެ ގައުމުން ހަމަޖައްސައިދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އިންޑިއާ އަކީ ދިވެހީންގެ އެންމެ ގާތް އެކުވެރިޔާ ކަމަށާ އެކަން ބަދަލުނުވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ހީނަރުވާފަދަ އެއްވެސް ވާހަކަފުޅެއް އެމަނިކުފާނު ވެސް / ސަރުކާރުން ވެސް ދައްކާފައި ނުވާނެ ކަމަށެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޖަމީލް ވަނީ މި ޖެހުނީ ކޮންތާކުތޯ ސުވާލު ކުރައްވާ އިންޑިއާގެ ބޮޑުވަޒީރަށާއި އިންޑިއާ ރައްޔިތުންނަށް ފުރައްސާރަކޮށް މި ސަރުކާރުގެ ވަޒީރުން ފާޅުގައި ހިންގި ހުތުރު އަމަލަށް ފަހު އިންޑިއާގެ ފައިބުޑަށް ވެއްޓި ރައީސް މުއިއްޒު މިއަދު އާދޭސް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެކަން ޖަމީލް ސިފަ ކުރެއްވީ ރައްޔިތުންނަށް ސިއްރުން އިންޑިއާއި އެކު ޑީލެއް ހެދުމުގެ ގޮތުގައެވެ.
ރައީސް މުއިއްޒުގެ ސަރުކާރާ މެދު އިންޑިއާ އިން ހިތްހަމަނުޖެހެނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާތީއާ ޗައިނާއާ އެކު ގާތް ގުޅުމެއް ބާއްވާތީ އެވެ. ނަމަވެސް އިންޑިއާއާ ގުޅޭ ބަސްދީގަތު ގައި ވެސް ރައީސް ވަނީ އެއްވެސް ހާލަތެއް ގައި ރާއްޖޭގައި އިންޑިއާ ސިފައިންނަށް ވެސް އެެހެން ގައުމެއްގެ ސިފައިންނަށް ވެސް ނުތިބެވޭނެ ކަމަށް ވިދާޅުވެފައެވެ.
"[ރާއްޖޭގައި އިންޑިއާގެ] ސިފައިން ތިބެގެން ނުވާނެ. އެންމެ މުހިންމު ކަމަކީ ސިފައިން ނުތިބުން،" މުއިއްޒު އެ އިންޓަވިއު ގައި ވެސް ތަކުރާރު ކުރައްވާ ވިދާޅުވި އެވެ.