ވައުދެއް ފުއްދަން ދަރިވަރުންނާ ޓީޗަރުން ޕްރެޝަރަށް ވައްޓާލައި މެމްބަރުންގެ ބޮލުގައި އެކަން ނާޅުވާ: އެމްޑީޕީ

އެމްޑީޕީން ބުނީ މަޖިލީސް އިންތިހާބު ރޯދަ މަހާ ދިމާވާތީ މިދިޔަ އަހަރުން ފެށިގެން ތާރީހު ބަދަލުކުރުމުގެ ވާހަކަތައް ދައްކަމުން ދިޔަ ކަމަށެވެ. ދިރާސީ ކަލަންޑަރަށް ބަދަލު ގެނައީވެސް އެވާހަކަތައް ދައްކަމުން ދަނިކޮށް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި ޕާޓީގެ އިދާރީ އިސް ބޭފުޅުން: އިމްތިހާނު އަވަސްކުރުމާ މަޖިލީހާ ގުޅުމެއް ނެތް ކަމަށް އެ ޕާޓީން ވަނީ ބުނެފައި

ސަރުކާރުން ވެފައިވާ ވައުދެއް ފުއްދަން އަވަސް އަރުވާލައިގެން ދިރާސީ ކަލަންޑަރަށް ބަދަލުތަކެއް ގެނެސް، ދަރިވަރުންގެ އިންތިހާބު އަވަސް ކުރުމަށްފަހު އެކަމުގެ ޕްރެޝަރު އަންނަން ފެށުމުން، އެކަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ "ބޮލަށް" ނުޖެހުމަށް އެޕާޓީން ގޮވާލައިފި އެވެ.

ދިރާސީ ކަލަންޑަރަށް ބަދަލުތަކެއް ގެނެސްފައި ވަނީ ޖެނުވަރީ މަހު ކިޔެވުން ފެށުމުގެ ގޮތުންނެވެ. އަދި، އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާވާތީ ގްރޭޑް ހަތެއް، އަށެއް އަދި ނުވައެއްގެ ދަރިވަރުންގެ އިމްތިހާބު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަވަސް ކޮށްފަ އެވެ.

ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން އެ ގްރޭޑްތަކުގެ ދަރިވަރުންގެ ދެވަނަ ޓާމުގެ ޓެސްޓުތައް އޮންނާނީ އަންނަ މަހުގެ 16 އިން 27 ގެ ނިޔަލަށެވެ. ނަމަވެސް އިންތިހާބާ ދިމާވާތީ މިހާރު ވަނީ މި މަހުގެ 27 އިން އަންނަ މަހުގެ 25ގެ ނިޔަލަށް ޓެސްޓް ނަގަން ނިންމާފަ އެވެ.

ޓެސްޓް އަވަސް ކުރީ މަޖިލީހުން އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުން އިންތިހާބު ފަސްކުރުމާ ގުޅިގެން ކަމަށް ވިދާޅުވެ މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހާޒިރު ކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަދައްކަވާފައިވާތީ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

"ފުރަތަމަ ކަމަކަށް ކުއްލިއަކަށް ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީހަށް ކުރިން އެންގުމަކާ ނުލާ ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ކުއްލި ޝޮކާއި އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައް މި ޕާޓީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އަޅުވާ މިނިސްޓްރީގެ ވެރިންގެ ނާގާބިލުކަން ފޮރުވަން ހެއްދެވި އިތުރުފުޅު ކުށްވެރިކުރަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ދިރާސީ ކަލަންޑަރުގައިވާ ތާރީހަށް އިންތިހާނުތައް ނިމުމުން، ޕޭޕަރުތައް މާކުކޮށް ދަރިވަރުންގެ ރިޕޯޓު ތައްޔާރު ކުރަން ޓީޗަރުންނަށް ލިބޭނީ އެންމެ ތިން ދުވަސް ކަމަށެވެ. އެއީ މުދައްރިސުންނަށް ވަރަށް ދެވޭ ބޮޑު ބުރައެއް ކަމަށާއި، އެކަމާ ގުޅޭ ޝަކުވާތައް ޓީޗަރުން ކުރަމުން ދިޔަ ކަމަށެވެ. 

އަދި، އޭރު ކަލަންޑަރު ހެދިފައި އޮތް ގޮތުން، ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ދެ ދުވަސް ލިބޭއިރު، ގޮތަށް އިމްތިހާނުތައް ޝެޑިއުލްކުރިއިރު މި އަހަރުގެ އެސްއެސްސީ އިމްތިހާނު އަންނަ މަހުގެ 25 ގައި ފެށޭކަން ކަލަންޑަރު ހެއްދެވި ބޭފުޅާއަށް އެނގިފައިވާހެން ހީނުވާ ކަމަށް ބަޔާނުގައިވެ އެވެ. 

ބަޔާނުގައި ބުނީ، އެ އިމްތިހާނު ފެށުމުގެ ކުރިން އަންނަ މަހުގެ 25 ވަނަ ދުވަހަށް އިމްތިހާނުތައް ނިންމުމުގެ މަގްސަދުގައި ދެ ދުވަސް ކުރިއަށް ޖައްސާނަމަ އިމްތިހާނު ފަށަން ޖެހޭނީ ބަންދަށްފަހު ހުޅުވޭ ދުވަހު ކަމަށެވެ. މިގޮތަށް ނުހެދޭނެތީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ ދެ ދުވަސް ކުރިއަށް އިމްތިހާނު ފެށުމަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. "މި ދެއުޅިއެއްނުވާ ނިންމުން ނިންމާފައިވަނީ މަޖިލިސްގެ ކޮން ޕްރެޝަރެއް އޮވެގެންބާ،" އެމްޑީޕީން ސުވާލު އުފައްދާފައިވެ އެވެ.

"އަވަސް އަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ ބޮލުގައި އެކަން އަޅުވާފައި، ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތައުލީމީ ނިޒާމަށްދަނީ ކުރަމުން،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ މަޖިލީސް އިންތިހާބު ރޯދަ މަހާ ދިމާވާތީ މިދިޔަ އަހަރުން ފެށިގެން ތާރީހު ބަދަލުކުރުމުގެ ވާހަކަތައް ދައްކަމުން ދިޔަ ކަމަށެވެ. ދިރާސީ ކަލަންޑަރަށް ބަދަލު ގެނައީވެސް އެވާހަކަތައް ދައްކަމުން ދަނިކޮށް ކަމަށެވެ.

"މަޖިލިސް އިންތިހާބުގެ ތާރީހަށް ގެނެވުނު ބަދަލާ ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލާ އެއްވެސް ގުޅުމެއްނުފެނޭ. މިހާތަނަށް ވެސް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުތައް ދިޔައީ ބާއްވަމުން. މީގެ ކުރިން ދަރިވަރުންނަށް މިފަދަ ގެއްލުމެއް ދީފައެއް ނުވޭ،" އެމްޑީޕީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.